ޑރ. އަޒަމްގެ ގަލަމުން : ކޮލެސްޓްރޯލްއާއި އޭގެ ފަރުވާއަށް ނަޒަރެއް

ޑރ . އަޒަމް ފާރިޝް

ޑރ . އަޒަމް ފާރިޝް

ލިޔުނީ: ޑރ އަޒަމް ފާރިޝް

ކޮލެސްޓްރޯލް ނުވަތަ ސަރުބީ މަތިވުމަކީ ދުނިޔޭގެ ނިސްބަތުން ބަލާނަމަ 25 އަހަރުން މަތީގެ %39މީހުންނަށް ކުރިމަތިވެފައިވާ ގައިންގައިން ނާރާ ބަލިތަކުގެ ތެރޭގައި ހިމެނޭ އެންމެ ބާރަށް ފެތުރެމުންދާ އެއްބައްޔެވެ. ރާއްޖޭގައިވެސް ކޮލެސްޓްރޯލް މަތިވުމާއި، ލޭމައްޗައް ދިއުމާއި ހިތުގެ ބަލިތައް އަދި ސްޓްރޯކް ޖެހިގެން ކޮންމެ އަހަރަކު އެތައް ބަޔަކު އެނދުމަތި ކުރެވި ނުވަތަ މިދުނިޔެ ދޫކޮށް ދެއެވެ.

ފާއިތުވެދިޔަ 2016 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބ. އޭދަފުށީގެ ރައްޔިތުންގެ ތެރޭން 200 އަށް ވަރެ ގިނަމީހުންނަކީ ލޭމައްޗައް ދާ މީހުންނެވެ. އަދި އޭގެ ތެރޭން 78 މީހުން ނުވަތަ % 39މީހުންނަކީ ކޮލެސްޓްރޯލް މަތިވުމުގެ ސަބަބުން ބޭސް ކާމީހުންނެވެ. ކޮލެސްޓްރޯލް މަތިމީހުންގެ ހިތުގެ ބަލީގެ ފުރުސަތު ދެގުނައަށް އިތުރުވެގެން ދާއިރު ހިތުގެ ބަލިތަކަކީ ދުނިޔޭގައިވެސް އެންމެ ގިނަ މީހުން މަރުވާ އެއް ބައްޔެވެ.

ކޮލެސްޓްރޯލް މައްޗައް ދިއުމަށް ދިމާވާ މައިގަނޑު އެއް ސަބަބަކީ ދިވެހިންގެ ތެރޭގައި ކެއިން ބުއިމުގެ ގޯސް އާދަތަކާއި ހެލިވެފިވެ އުޅުން މަދުވުމެވެ. ލުއިކާނާއާއި ދަޅުކާނާ ބޭނުންކުރުން އިތުރުވެ، ތާޒާ މޭވާ އާއި ތަރުކާރީ ބޭނުންކުރުން މަދުވުމެވެ.

ކޮލެސްޓްރޯލް  އަކީ ކޮބާ؟

ކޮލެސްޓްރޯލަކީ ހަށިގަނޑުގައި އުފައްދާ ވަރަށް މުހިންމު ކެމިކަލްތަކެއް (މިސާލަކަށް އިސްޓްރޯޖެން ފަދަ ހޯމޯން) އުފެއްދުމަށްޓަކާ ގުދުރަތީގޮތުން އިންސާނާގެ ހަށިގަނޑުގައި އުފެދޭ މާއްދާއެކެވެ. އެގޮތުން ސަރުބީ ހިމެނޭ ކާނާ ނުކޭކަމުގައިވިޔަސް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ގުދުރަތީގޮތުން ސަރުބީ އުފެދެއެވެ. ނަމަވެސް ޒަމާނާ އެކު ދިރުއުޅުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން، ސެޗުރޭޓަޑް ފެޓްސް އާއި ޓްރާންސް ފެޓް ހިމެނޭ ދަޅުކާނާއާއި ޕެކެޓްތަކުގައި ބަންދުކުރެވިގެން ވިއްކާ ލުއިކާނާގެ އިތުރުން ތެލުލި ހެދިކާފަދަ ތަކެތި ބޭނުންކުރުމުން ކޮލެސްޓްރޯލްގެ މިންވަރު ހަށިގަނޑުގައި މާބޮޑަށް މަތިވެގެންދަނީއެވެ.

ކޮލެސްޓްރޯލްގެ ތެރޭގައި ހިމެނޭ “ނުބައި ކޮލެސްޓްރޯލް” ( އެލްޑީއެލް) މާ ގިނަވެއްޖެނަމަ ލޭހޮޅިތަކުގައި ސަރުބީތައް ހަރުލާ އެހޮޅިތައް ހިމަވެ ބެދެން ފަށައެވެ. މިގޮތުން ހިތުގެ މަސްތަކަށް ލޭފޮނުވައިދޭ ލޭހޮޅިއެއް ބެދިއްޖަނަމަ ހާޓް އެޓޭކް ޖެހެއެވެ. އަދި ހަމައެހެންމެ ސިކުޑިއަށް ލޭފޮނޮވައިދޭ ލޭހޮޅިއެއް ބެދިއްޖެނަމަ ސްޓްރޯކް ޖެހެއެވެ. އެހެން ނަމަވެސް އެޗްޑީއެލް (ރަނގަޅު ކޮލެސްޓްރޯލް) ހަށިގަނޑުގައި ގިނަނަމަ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުން ދުރުކޮށްދެއެވެ.

ކޮލެސްޓްރޯލް މަތިވަނީ ކީއްވެ؟

– ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުން މަދުވުން

– މާބޮޑަށް ފަލަވެ ބަރުދަން އިތުރުވުން

– ކެއުމުގައި ކޮލެސްޓްރޯލް ގިނަ ކާނާ / ތެލުލި ކާނާ ގިނަވުން

– އާއިލާގައި ކޮލެސްޓްރޯލް މަތި މީހުން ތިބުން

– އުމުުރުން 20 އަހަރުން މައްޗަށް ދިއުމުން ކޮލެސްޓްރޯލް މަތިވާން ފެށުން.

ކޮލެސްޓްރޯލް ދަށްކުރެވޭނީ ކިހިނެއް؟

– ތެޔޮ އެއްޗެތި ބޭނުން ނުކުރުން ( ފްރައިޑް ރައިސް ، ހެދިކާ )

– ކަސްރަތުކުރުމާއި ހެލިފެލިވެ އުޅުން. މިގޮތުން ދުވާލަކު 45 މިނިޓާއި އެއް ގަޑިއިރާއި ދެމެދު ބާރަށް ހިނގުން، ފެތުން، ދުވުން ނުވަތަ ބައިސްކަލު ދުއްވުން

– ބަރުދަން މާމަތިނަމަ ލުއިކުރުން

– ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން

– ޑޮކްޓަރެއްގެ ލަފާގެ މަތިން ބޭސް ބޭނުންކުރުން

ކޮލެސްޓްރޯލް މަތީގައި ހުންނަ ބޭފުޅުން ކެއުން ބަހައްޓަން ޖެހޭގޮތް

– ތެޔޮ އެއްޗެތި ބޭނުން ނުކުރުން ( ފްރައިޑް ރައިސް، ހެދިކާ ) އޭގެ ބަދަލުގައި ފިހެފައި ހުންނަ އެއްޗެތި ކެއުން

– ބިހުގެ ގޮބޮޅި ބޭނުން ނުކުރެއްވުން

– ގެރިމަސް ބޭނުން ނުކުރެއްވުން

– ކާށިކިރާއި ހުނި އަޅުއްވައިގެން ކާނާ ތައްޔާރުނުކުރެއްވުން

– އޮލިވް އޮއިލް ނުވަތަ ޒުވާރި ތެޔޮ ބޭނުން ކުރެއްވުން.

– ރިހާކުރު ބޭނުން ނުކުރެއްވުން

–  ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލެއްވުން.

އެޑިޓަރުގެ ނޯޓް : އުމުރުން 30އަހަރުގެ ޑރ.އަޒަމް ފާރިސް މި ވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ ބ އަތޮޅު ހޮސްޕިޓަލުގައެވެ. އަޒަމް ބ.އަތޮޅު ހޮސްޕިޓަލާއި ގުޅިވަޑައިގަތީ 2015 ވަނަ އަހަރުގެ އޮކްޓޯބަރ ގައެވެ. ބަލި މީހުންނާ މެދު އޭނާ ބަހައްޓަވަމުން ގެންދާ ލޯތްބާއި މީސްމީހުންނާ މުއާމަލާތު ކުރެއްވުމުގައި ގެންގުޅުއްވާ ގާތްކަމާއި ޑޮކްޓަރެއްގެ ފަރާތުން ފެންނަންޖެހޭ އަޚްލާގީ ސިފަތަކުގެ ސަބަބުން މިވީ ކުޑަ ދުވަސް ކޮޅުގެ ތެރޭގައި އޭނާ ވަނީ ގިނަ ބައެއްގެ އެންމެ މަގްބޫލު އެއް ޑޮކްޓަރަށް ވެފައެވެ.

އޭދަފުށި ވޮއިސްއަށް ޑރ. އަޒަމްގެ ޑޮކްޓަރީ ގަލަމުން ލިއުއްވަމުން ގެންދަވާ މިސަފްހާ އަކީ ވެސް އޭގެ ހެއްކެކެވެ. ސިއްހީ ގޮތުން މީހުން ހޭލުންތެރިކުރުވުމަށް ޖެހޭ މިފަދަ ދުވަސްވަރެއްގައި ޑރ. އަޒަމްގެ މި އަގުހުރި މަސައްކަތަށް އީވީގެ ފަރާތުން ޝުކުރު ދަންނަވަމެވެ.

 

 

 

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top