ސަލީމްގެ ހިތާބު
ރައްޔިތުންގެ މަޖްލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު ކަމަށް ދެވަނަ ދައުރަކަށް އަޅުގަނޑު އިންތިޚާބު ކޮށް ދެއްވި ކަމަށް ޓަކައި އަޅުގަނޑަށް” ވޯޓް ދެއްވި ބޭފުޅުންނަށާއި ވޯޓް ދެއްވަން އުނދަގޫވި ބޭފުޅުންނަށް ވެސް ނުހަނު އިޚްލާޞްތެރި ކަމާއެކު ޝުކުރު ދަންނަވަމެވެ.
މި މަޤާމަށް ތިޔަ ބޭފުޅުންގެ މަތިވެރި ތާއީދާއެކު އަޅުގަނޑު ހޮއްވެވީ ވަރަށް ވަރުގަދަ އިތުބާރެއް އަޅުގަނޑާމެދު ތިޔަ ބޭފުޅުންގެ ހިތްޕުޅުގައި އޮތީމާ ކަމާ މެދަކު ޝައްކެއް ނުކުރަމެވެ. ﷲގެ ހެޔޮ ރަޙްމަތާ އެކު އަޅުގަނޑު މަސައްކަތް ކުރާނީ ތިޔަބޭފުޅުންގެ ދާއިރާ ގެ ބޭނުން ތައް ފުރިހަމަ ކޮށް ދިނުމާއެކު މި ދާއިރާ ހުރިހާ ރޮނގެއްގައިވެސް ކުރިއެރުވުމަށެވެ. ތަރައްޤީގެ މުޅިން އާ ޖީލެއް އުފެއްދުމަށެވެ. މި ދާއިރާގެ ރަށްތަކަކީ އަސާސީ ހުރިހާކަމެއް ފުރިހަމަ ވެފައިވާ، އަސާސީ ހުރިހާ ޚިދުމަތެއް ލިބެން ހުންނަ އަމާން ކަމާއި އުފާ ވެރިކަމާއެކު ދިރިއުޅެވޭނެ ރަށް ތަކަކަށް ހަދައިދިނުމަށެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ މެންބަރު ކަމަކީ ރައްޔިތުންގެ ޙައްޤު ގާ ވަކާލާތު ކުރުމާއެކު ރައްޔިތުންނަށް ރަނގަޅު ގޮތްތައް ހޯދައި ދިނުމަށް ހަވާލުކުރެވޭ އަމާނާތެކެވެ. މި އަމާނާތް ފުރިހަމަ އަށް އަދާ ކުރުމަށް އަޅުގަނޑު ގެ ލިޔާޤަތު ތަންދިން އެންމެ މަތީ ދަރަޖައަކަށް މަސައްކަތް ކުރާނެ ކަމުގެ ޔަޤީން ކަން އަރުވަމެވެ.ހަމަ މިއާއެކު ތިޔަބޭފުޅުން އަޅުގަނޑަށް ކުރެއްވި ފުރިހަމައިތުބާރާއި ޔަގީން ކަން ޝުކުރު ވެރި ކަމާއެކު ގަބޫލު ކުރާ ހިނދު ކުރިއަށް އޮތް ފަސް އަހަރަކީ މި ދާއިރާގެ ރައްޔިތުން ބޭނުންވާނެ ހުރިހާ ވަސީލަތެއް ޤާއިމު ކޮށް ދިނުމަށް ވަރުބަލި ވުމެއް ނެތި މަސައްކަތް ކުރާނެ ފަސް އަހަރު ކަމުގައި ވެސް އަޅުގަނޑު ޔަޤީންކޮށް އަރުވަމެވެ.
މާތް ﷲ އަޅުގަނޑުމެން އެންމެން ގުޅިގެން މި ކުރާ މަސައްކަތުގައި ބަރަކާތް ލައްވައިމި ދާއިރާގެ ރަށްތަކާއި ދިވެހި ރާއްޖެއަށް ކުރިއެރުމާއި “ފާގަތިކަން މިންވަރު ކުރައްވާށި. އާމީން.