ދަރިއަކު ލިބުމަކީ އިންސާނަކަށް މި ދުނިޔޭގައި ލިބޭނެ އެންމެ ބޮޑު އުފަލެވެ. ނިއުމަތެވެ. އެ އުފާ އެންމެ ބޮޑަށް އިހުސާސް ކުރެވޭނީ ތުއްތު ދަރިފުޅު ދުނިޔެއަށް އަންނަ ވަގުތެވެ. ދަރިފުޅުގެ ނޭވާގެ މީރުވަހަކީވެސް ގުދުރަތުގެ އަޖައިބެކެވެ. މަޔަކަށް ހިތްހަމަ ޖައްސާލުމަށް ލިބޭނެ އެންމެ މީރު ވަހެވެ. އެފަދަ މީރު ވަހެއް މި ދުނިޔޭގައި މިސާލުވެސް ނުޖެހޭނެ އެވެ. ދަރިފުޅުގެ ނޭވާގެ އަޑު…… އެއީ ކޮންފަދަ ހިތްގައިމު މިއުޒިކެއް ހެއްޔެވެ. އެ އަޑުގައި އެ ހުންނަނީ ގޮނޑުދޮށަށް ބީއްސާލާ ރާޅުގައި ހުންނަ ރިމްޖިމް އަޑެވެ. އެންމެ ކުޅަދާނަ މޫސީގާރުންނަށް ވެސް ނުހެދޭނެ ރީތި ރާގެކެވެ.
އަހަރެންގެ އުގުގައި ނިދާފައި އޮތް ތިން އަހަރުގެ ދަރިފުޅު މާޔާ އަށް ބަލައިލެވުނެވެ. ކުށެއްނެތް މައުސޫލު ކަމެވެ. ހަމައެމީރު ވަހެވެ. މައުސޫމް ހިނިތުންވުމެވެ. ބިއްލޫރިކޮޅެއްފަދަ ސާފު އަލި މޫނެވެ. އަހަރެންގެ ހިތަށް އާދަޔާ ޚިލާފު ޝުއޫރުތަކެއް، އާ އިހުސާސްތަކެއް އުފަންވާން ފަށައިފި އެވެ.
މި ތުއްތުކުއްޖާފުޅެކޭ އެއްގޮތަށް މަންމަގެ އުނގުގައި އަހަރެންވެސް އޮންނާނެއެވެ. ޚިޔާލުތަކާއި ފިކުރުތަކާ ދުރުގައެވެ. ބައެއް ފަހަރު ބައްޕަގެ އުރުތެރޭގައެވެ. ބައެއްބައްޕަގެ މަންމަގެ އުރުތަރޭގައެވެ. ހެމުންނެވެ. ރޮމުންނެވެ. އެކެއްގެ އުރުން އަނެކަކުގެ އުރު ތެރެއަށެވެ…….އަހަރެންގެ ހިތަށް އަރަމުން ދެއެވެ. މިއީ ﷲ ދެއްވި ހާދަހާ ބޮޑު ނިއުމަތެކެވެ. ހާދަހާ ބޮޑު ނަސީބެކެވެ. އެކަމަކު އަހަރެންނަށް އެ ނަސީބު މިންވަރު ކުރެއްވީ ހާދަ ކުޑަދުވަސް ކޮޅަކަށެވެ. މާމަގެ ބެލެނިވެރިކަމުގެ ދަށަށްދިޔައީ އުމުރުން އެންމެ ހަ އަހަރުގައެވެ. މައެއްގެ ލޯބި އެންމެ ބޮޑަށް ބޭނުންވާނެ ދުވަސްވަރެވެ. އެއީ އަހަންނަށް މިންވަރު ކުރެއްވި ގޮތެވެ. މިރޭ އަހަންނަށް އެހަނދާންތައް އެބަ އުދަނގޫ ކުރެއެވެ. އެހިތްދަތި ހަނދާންތައް ވަކިވަކިން އައިސް އަހަރެން ހާސްކުރުވަން ފަށައިފި އެވެ…..ހިތަށް ވަރަށް ތަދު ވެއްޖެއެވެ. ރޮވިއްޖެއެވެ. ލޮލުން ވެއްޓުނު ކަރުނަ ތިއްކެއް ހަމަ ސީދާ މާޔާގެ ލޮލަށް އެޅިއްޖެ އެވެ. ސިހިގެން ދިއުމާއެކު މާޔާ ލޯ ހުޅުވާލައިފިއެވެ. އަހަރެން އަވަސް އަވަހަށް އޭނާގެ މޫނު ފޮހެލާފައި ނިންދެވޭތޯ ނާނާ ކިޔަން ފަށައިފީމެވެ. އެކަމަކު ނުނިދިއެވެ. ނިދި ފިލައިގެން ގޮސް ފޫހިވެގެންކަން ނޭނގެއެވެ. އާފުރެން ފަށައިފިއެވެ.
“މަންމާ…..! ” މާޔާގެ ތުއްތު އަޑު ހިމޭންކަން ކަނޑުވާލައިފި އެވެ.
“އެއްކަލަ ލަވަ… ލޯބިން އުނގުގާ އޮވެގެން. ކިޔާލަދީބަލަ.” އެއީ މާޔާ ވަރަށް ގިނައިން ކިއުއްވާ ލަވައެކެވެ.
އެ ލަވަ ކިޔައިދޭން ފަށައިފީމެވެ. ކިޔަމުން ދިޔަ ވަރަކަށް އާދަޔާ ޚިލާފު ހަނދާން ތަކެއް، ކުރިން ވިސްނާ ނުލެވި އޮތް ކިތަންމެ ކަމެއް މިރޭ ވިސްނެން ފަށައިފި އެވެ. އަހަރެންގެ ނިދާފައިވާ ޒަމީރު ހޭލައްވާލައިފިއެވެ. މައިވަންތަކަމާ މައެއްގެ ވާޖިބުތައް ހިތުގެ އަޑުން ކިޔައިދޭން ފަށައިފިއެވެ. ލަވައިގެ ބަސްތަކާއެކު މައެއްގެ ލޯބި ހޭލައިފިއެވެ. ދަރިއަކަށް ޓަކާ ކޮންމެ ފަދަ ގުރުބާނެއް ވެސް ވާން ފަސް ނުޖެހޭނެ ކަން އެލަވަ ކިޔައިދީފިއެވެ……… އަހަރެންގެ ހިތް މަންމަ އާމެދު ޝަކުވާއިން ފުރިއްޖެއެވެ. އެއީ އަލަކަށް ނޫނެވެ. އެޝަކުވާތައް ދޭތެރެދޭތެރއިން ހިތުގާ ހައިޖާނު ހަދަމުން ދެއެވެ. މަންމައާމެދު ނަފްރަތު އުފައްދައެވެ. އެހެނަސް އެއީ މަންމައެވެ. އަހަރެންގެ ބޭބެއާއި ކޮއްކޮގެވެސް މަންމައެވެ.
އެ އާލަމުގާ އަހަރެން ގެއްލިފާ އިދެވުނީ ކިހާއިރެއްކަމެއް ނޭނގެއެވެ. ހޭލެވުނީ މާޔާގެ އަޑުންނެވެ.
“މަންމާ! މަންމައަށް ޝަހާދަތް ކިޔަން ދަސްކޮށްދިނީ ކާކު؟” އަހަރެން ސިހިގެން ދިޔައެވެ. އަވަސް އަވަހަށް ބުނީމެވެ. “މާމަ.“ އަހަންނަށް ބުނެވުނެވެ. އެކަމަކު އެއީ ދޮގެކެވެ.
އަހަންނަށް ދޮގެއް ހެދުނީއެވެ. މިދޮގު ހަދަން ޖެހުނީތީވެ ދެރަ ވިއެވެ. މާޔާ އެވާހަކަ އެހީތީވެ ކުޑަކޮށް ރުޅިއަންނަ ގޮތްވެސް ވިއެވެ. ދަރިން ނިންދަވާއިރު ޝަހާދަތް ކިޔަން ދަސްކޮށްދެނީ މަންމަ އެވެ. ދަރިއަކަށް ޝަހާދަތް ކިޔަން ދަސްކޮށްނުދޭ މަޔަކު ހުންނާނެ ހެއްޔެވެ؟———އެހެން ނަމަވެސް
ހަގީގަތަކީ އަހަންނަށް ޝަހާދަތް ކިޔަން ދަސްކޮށްދިނީ އަހަރެންގެ މަންމަ ނުވަތަ މާޔާގެ މާމައެއްނޫނެވެ. ރޭގަނޑު ނިދަން ތައްޔާރު ވުމުން ޝަހާދަތް ކިޔާށާއި ކުރުސި ކިޔަން ދަސްކޮށް ދިނީ މާމަ އެވެ.
އެއްރެއަކު މާމަ ބުންޏެވެ. “ބަލާބަލަ މާއިރާ ! ކުރުސިވެސް ހިތުން ކިޔާނެ. ގުރުއާންވެސް ތަޖްވީދު މަގަށް ކިޔަވަން ދަންނާނެ. ހީވާނީ ހަމަ މަޖީދުބޭ ހެން. އެހާ ވެސް ރީތިވާނެ…..މަންމަ ދަހެއް ނުކޮށްދޭތަ ނިޝާނާ އަކަށް؟”
މާއިރާ އަކީ ބޮޑުދައިތަ އައިމިނަތުގެ ދެވަނަ ދަރިފުޅެވެ. އަހަންނާ އެއް އުމުރެވެ.
އަހަންނަށް އެރޭ ހަމަ ބާރަށް ރޮއިގަނެވުނެވެ. ލަދުންނާއި ވީ ދެރައިންނެވެ. އެއްއުމުރުގެ ހުރިހާ މާމަ ދަރިންނަށް ޝަހާދަތް ކިޔަން އެނގުނު އިރު އަހަންނަށް ނޭގުނީތިއެވެ. މުޅި އާއިލާގައި ވެސް އަހަންނަކީ އެންމެ ހިތް އަލި އެންމެ މޮޅު ކުއްޖާ ކަމުގައި ބެލެވެމުން އައިސް މިރޭ މި ދިމާވި ކަމަކުން ނަންބަރު ދަށް ވީމައެވެ. ހަމަ ތެދެކެވެ. މާމަ ދަރިންގެ ތެރޭގައި އަހަރެން ހިމެނެނީ އެންމެ ތޫނުފިލި ކުއްޖާ ކަމުގައެވެ.
އަހަންނާމެދު މަންމަ އިހުމާލު ވެއްޖެކަކަމުގެ ފުރަތަމަ އިހުސާސް ކުރެވުނީ އެރެއެވެ. އަހަރެންގެ ޅަ ސިކުޑިއަށް އޭރުވެސް މާމަ ދަރިންގެ އުޅުންތެރިކަމާއި، ކަންތައްތައް ކުރުމަށް ޕްރޮގްރާމް ކޮށްފަ ހުންނަ ގޮތުން އަސްލު ދިރިއުޅުމަކީ މިއީކަން ނިކަން ރަގަޅަށް އިހްސާސް ވެއެވެ. ކުށެއް ކުރެވިއްޖެނަމަ މާފަށް އެދުމާއި، ގަޑިން ގަޑިއަށް ކަންކަން ކުރުމުގެ ރީތި އާދައެވެ. ހިނިތުންވެ ތިބެ މީހުންނާ ވާހަކަދެއްކުމުގެ ރީތި އާދައެވެ.
މި ބޮޑު އާއިލާ ދިރިއުޅެނީ އެއް ގޭގައެވެ. މާމަކިޔާ ތިން ދަރިންނާ އެކު ހަތަރު އާއިލާ، އެއް ގެއެއްގައި ދިރިއުޅުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ކުދިކުދި މައްސަލަވެސް ޖެހޭނެތާއެވެ. އެހެން ނަމަވެސް ބުނެވޭނީ މިއީ އުފާވެރި އާއިލާއެއް ކަމުގައެވެ.
މަންމަ އާއި ބައްޕަގެ ދިރިއުޅުން މިމަގުން ނުހިނގަނީ ކީއްވެގެން ހެއްޔެވެ؟ މުޅި ގޭގައި ޖުމުލަ ހައެއްކަ މީހުން ހަމަނުވާއިރު ވެސް އަބަދު އުޅެނީ މައްސަލަގަނޑެއްގައެވެ. ގިނަވާނީ ނުކައްކާ ދުވަހެވެ. އެކަކު އަނެކަކު ތިބޭނީ ރުޅި އައިސްފައެވެ……މިއީ މާމަމެންގެ އާއިލާ ތެރޭގައި އޮންނަ އެންމެ ހިޓް ވާހަކަ އެވެ.
ހިތުން މަންމައަށް ގޮވާލެވުނެވެ. މަންމާއެވެ. އަހަންނާ މެދު ނުބައިގޮތަކަށް ހީނުކުރާށެވެ. ނުބައި މާނަ އެއްވެސް ނުނަގާނެ ކަމަށް ހީކުރަމެވެ. މިވާހަކަތައް ކޮންމެވެސް ދުވަހަކުން މަންމަ އަށް ކިޔައިދޭން ޖެހޭނެއެވެ. ނޫނީ އަހަރެންގެ ހިތަށް ލުއި ކަމެއް ނުލިބޭނެ އެވެ. ރުޅިވެރިކަމުގެ ކުޑަވެސް މިންވަރެއް ހިތުގައި އޮވެގެން ނޫނެވެ. އެއީ އެދުވަސް ދެން އަނބުރާ އިޢާދަ ނުވާނެތީއެވެ.
މަންމާ އެވެ. އަހަރެން ދުނިޔެއަށް އައީ މަންމަގެ އުނގަށެވެ. އެއަށްފަހު އަހަރެންގެ ހުރިހާ ކަމެއް މަންމައާއި ހަވާލުވާނެ ދޯއެވެ. މި ބުރަ މަސްއޫލިއްޔަތު މަންމަ ބޮލުއަޅާނެ އެވެ. ހެޔޮނުބައި ވަކިކޮށްދިނުމާއި ތެދާއި ދޮގު އޮޅުންފިލުވައި ދިނުމަށް ގިނަ ވަގުތުތަކެއް ހޭދަކުރާނެ އެވެ. އެކަމަކު މި މަސްއޫލިއްޔަތު އަދާކުރީ ކިހިނެއް ހެއްޔެވެ. ދަރިއެއްގެ ތަރުބިއްޔަތަށް އެންމެ ހައެއްކަ އަހަރު ނުފުދޭނެކަން މަންމަ އަށްވެސް އެނގެން ވާނެއެވެ.
އެކަމަކު މަންމަ އަހަރެން ރަށަށް ފޮނުވާލިއިރު އުމުރުން ފަސްއަހަރު ނުފުރެ އެވެ. ބައްޕައާއި އެކު މާލޭގައި ތިންކުދިން ބެލުމުގެ ބުރަ މަންމައަށް އުފުލެން ދަތިވާނެކަމަށް ބަލާފައި ތިން ދަރިންގެ ތެރއިން އަހަރެން ވބާކީކޮށްލީ ކީއްވެގެން ހެއްރެވެ. ދެން ތިބި ފިރހެން ދެބެއިންގެ ތެރއިން އެކަކު ވެސް ފޮނުވާލެވިދާނެ ނޫން ހެއްޔެވެ. އަހަރެން ރަސަށް ފޮނުވާލީނޫންހެއްޔެވެ. އެއި އަހަރެންގެ ކާފަ ގެ އަމުރެއް ނަމަވެސް މަންމަ އެކަމާދެކޮޅަށް އަގައިން އެނެމް ބަހެއްބުނެލަންވެސް ނުކެރުނީ ކާފައަސް ކުރާ އިހުތިރާމެއްގެ ސަބަބަކުން ނޫނެވެ. ނމަންމަ އަހަރެންގެ ބުރަ ބޮލުން ނައްޓާލަން ބޭނުންވެގެންނެވެ. އެގޭ ހެއްޔެވެ. ކާފަ މާލެއައިސް އަހަރެން ގޮވައޮގެން ރަސްަށް އައިދުވަސް އަހަރެންގެ ހާލު އެނގޭ ހެއްޔެވެ. މީހަކު ބުނި ގޮތުގައި ބަލި ބުޅާގަނޑެއް ހެންނެވެ. މާމަ ބުނި ގޮތުގައި އެދުވަހާއި ެެރޭ އަހަރެން ރިއޮރޮމަރުނުވީ ކިރިޔާ އެވެ. މަންމައަނުފުރެނީސް
އެހެންވީމާ ކަން ނޭގެއެވެ. މަންމަ އަހަންނަށް ކޮށްދިން ކަންތަކާ ހޭދަކުރި ވަގުތުތަކަކީ އިހުސާންތެރި ކަމެއްގެ ގޮތުގައި ދެކެން އަހަރެން ކިތަންމެ ބޭނުންވިޔަސް އެކަން ގަބޫލެއް ނުކުރެވެއެވެ. ހިތާއި ނަފުސް އެކަމަށް އާނބަހެއް ނުބުނެއެވެ. ހިތް ބުނަނީ މަންމަ އަހަރެން ބަލާ ބޮޑުކުރީ އެއީ ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމަކަށް ވާތީއެވެ. ކުރުކޮށް ބުނާނަމަ މަންމަ އަހަންނަށް ގެންގުޅުނީ އަންހެން ނޯކަރަކާ ހަވާލު ކުރިއަސް ގެންގުޅޭނެ ހެންނެވެ. އެމީހާވެސް އަހަންނަށް ކާންދިނުމާއެކު ޒަރޫރީ ބޭނުންތައް ފުއްދައިދޭނެ ތާއެވެ. މާނަ އަކީ މަންމަ އަހަރެން ގެންގުޅުނީ ދަރިއަކަށް ދޭންޖެހޭ ލޯތްބާނުލައެވެ.
ދަރިއަކަށް އެންމެ ބޮޑަށް ބޭނުން ވާނީ މަންމަގެ ލޯތްބެވެ. އޯގާތެރި ކަމުގެ ބަސް ތަކެވެ. އެކަމަކު މަންމަ ބުނެބަލާށެވެ. ދުވަހަކު ވެސް މަންމަ އަހަންނަށް އެ ލޯބި ދިނިން ހެއްޔެވެ. ދަރިފުޅާއޭ ކިޔާފަ ގޮވާލިން ހެއްޔެވެ؟ އޯގާތެރިކަމާއެކު ފިރުމާލިން ހެއްޔެވެ؟ ރަނގަޅު އާދައެއް ދަސްކޮށްދިނިން ހެއްޔެވެ؟ އެންމެ ކުޑަމިނުން ނިދަންވީމާ އަތްފައި ދޮވެ ހަދަން ޖެހޭނެ ކަމާއި ނިދަން ވަކި ޚާއްޞަ ހެދުމަކާ ކަނޑައެޅިފައި ވަކި ގަޑިތަކެއް އޮންނަ ކަން ބުނެދިނިން ހެއްޔެވެ.؟ ބަނޑުހައި ވީމާ ކާންވީއެވެ. ނިދި އައިމާ ނިދަންވީއެވެ. މީ އިންސާނުންގެ ދިރިއުޅުން ހުންނަންވާނެ ގޮތް ހެއްޔެވެ. ކޮންފަދަ ވިޔާނުދާ އާދައެއް ހެއްޔެވެ؟ ކޮން މަދަރުސާ އަކުން ދަސްކޮށްދިން ފިލާވަޅެއް ހެއްޔެވެ؟ މިލިޓްރީ ވެރިއެއްގެ ގޮތެވެ. އަންނާނީ އޯޑަރެވެ. ”ދޭ ނިދަން…. ދޭ ފޮތް ކިޔަން…….ދޭ މިވެނި ކަމެއް ކުރަން…..އަތްނުލާތި….ނުކުޅޭތި…“
މި ގޮތަށް ކަންތައް ކުރިއަސް
މަންމަ އަށް އަހަރެން ޝުކުރު ވެރި ވާން ޖެހޭނެއެވެ. ހަމަ ގައިމުވެސް ކަންތައްތަކެއް ކޮށްދީފައި ހުންނާނެއެވެ. އެއީ އެ ހެޔޮ ކަންތައްތަކުގެ ބަދަލު ދެވޭ ވަރަށް ވުރެ އަގުބޮޑު ކަންތައްތަކަކަށް ވެސް ވެދާނެއެވެ .އެހެން ކަމުން މަންމަ ބޭނުން ކަމެއް ކޮށްދީގެން އާޚިރަތް ބާއްޖަވެރި ކުރުމުގެ އިތުރުން މި ދެމެދުގައިވާ ދުރުމިން ކައިރި ކުރަން ބޭނުން ވެއެވެ. މައްސަލަ އަކީ މިއެވެ. ކިތަންމެ ވަރަކަށް ކައިރިވާން އުޅުނަސް މިދެމެދުގައި ފުދޭވަރެއްގެ ދުރުމިނެއް އެބަހުއްޓެވެ. އެދުރުމިން އަނބުރާ އިޢާދަ ނުކުރެވޭނެ ސަބަބު މަންމަ އަށް ކިޔައިދެން ހެއްޔެވެ؟ އެންމެ ބޮޑު ސަބަބަކީ މަންމަގެ ފަރާތުން އަހަންނަށް ވާރުތަ ވެފައިވާ ނުވަތަ އަހަރެން ތަރުބިއްޔަތުކޮށްފައިވާ ގޮތުން އަހަންނަށް ލިބިފައިވާ އުނި ސިފަތަކެވެ. ބައެއް ފަހަރު މަންމައެކޭ އެއް ގޮތަށް އަހަރެންގެ ހަށިގަނޑުގައިވާ އޯގާތެރިކަމާއި އަނެކުންނަށް ރަޙުމް ކުރުމުގެ ސިސްޓަމް މަސައްކަތް ނުކުރާ ކަމެވެ. މަންމަ އެކޭ އެއްފަދައިން ލޯބި ވާންޖެހޭ އެއްވެސް މީހަކު ދެކެ ލޯބި ވާންޖެހޭ ވަރަށް ލޯބި ވާން ނޭގުމެވެ. މާފަށް އެދެން ނޭގުމެވެ. އަދިވެސް ކިޔައިދެން ހެއްޔެވެ.
އަހަރެން ހޭލައިގަތް އިރު އަހަންނަށް ހުރެވުނީ ބައްޕަ ފަރާތުގެ މާމަގެ ބެލެނި ވެރިކަމުގެ ދަށުގައެވެ. މައިން ބަފައިން ދުނިޔޭގައި ތިބެމެ، ޔަތީމު ކުއްޖެއްގެ ލޭބަލްގައެވެ. އަހަންނަށް މި ފަދަ ދެރަ ގޮތެއް މަންމަ ހަދަން ޖެހުނު ގޮތެއް ސަބަބެއް އަދިވެސް މި އުޅެނީ ނޭގިގެންނެވެ. އެހެން ކުދިން އުޅޭ ފަދައިން އަހަރެން ވެސް މަންމާ ކިޔާފައި ގޮވާލަން ބޭނުން ވާނެ ކަން ނޭގޭ ހެއްޔެވެ. އަހަންނާ އެއް ފުރާޅުއްގެ ދަށުގައި އެއް އުމުރުގެ ތިން ހަތަރު ކުދިން އެކުދިންގެ މަންމަ ގާތު ރުޅި ބުނެލާ ،ވާހަކަ ބުނެލާ، ޝަކްވާ ކޮށްލާ ކުސް ތަޅާ ތަން ފެންނަ ކޮންމެ ފަހަރަކު އެ ކުދިންގެ ނަސީބު ކިހާގަދަހޭ ހިތަށް އަރައެވެ. އަދި އަހަރެންނަކީ ކިހާ ނަސީބު ދެރަ މީހެއް ކަމުގެ އިހްސާސް ކުރެވެއެވެ. ސްކޫލުން އަންނަ އިރު އާއި ދާއިރުވެސް ދެން މާ މަންމަ ވެގެން ގޭ ކުދިން އެހެރަ އުޅޭގޮތް ފެނިފައި ހަމަ ރަނގަޅަށް ވެސް ކިތަންމެ ދުވަހަކު ރޮވެއެވެ. އެކަނި އޮވެގެން ގިސްލެވެންދެން ރޮވެއެވެ.. ބޭނުން ވަނީ މަންމަ ގާތު އޮވެގެން ރޯށެވެ. އެކަމަކު މަންމަ ވީ ކޮންތާކު ހެއްޔެވެ.؟ ހޯދަންދާނީ ކޮންތާކަށް ހެއްޔެވެ؟ އެކަމަކު ވެސްޝަކުވާ އެއް ނުކުރަމެވެ. ކުރާކަށް ހިތަކަށް ވެސް ނާރައެވެ. ހިތަށްހަމަ އެކަނި އަރާ އެއްޗަކީ އަހަރެންގެ ކޮއްކޮ އާއެކު މަންމަ ދިރި އުޅޭއިރު އަހަރެން ވަކި ކޮށްލާފައި މާދުރަށް އެއްލާލާފައި މިހިރީ ކީއްވެގެން ބާއެވެ؟ ކޮއްކޮ އަށް ދަރިއެއްގެ ހައްގު އަދާކުރާއިރު އަހަރެން ނަށް އެހައްގު ނުދިނީ ކިއްވެގެން ހެއްޔެވެ.؟ މި ސުވާލުގެ ޖަވާބުގައި އެއީ. މަންމަ އާއި ބައްޕަގެ ހަމަނުޖެހޭ ދިރިއުޅުމުގެ ސަބަބުންނޭ ބުނެފިނަމަ އެވާހަކަ އަހަރެން ގަބޫލެއް ނުކުރާނަމެވެ.
ބުނާ އަޑު އަހަނީ މަޔަކު އެއްގެއިން އަނެއް ގެއަށް ސަލާން ޖަހައިގެން އުޅެން ޖެހުނަސް އޭނާގެ ދަރިއަކު ދުލެއް ނުކޮށްލާނެ އެވެ. ނުވަތަ އެހެން މީހަކާއި ހަވާލެއް ނުކުރާނެ އެވެ. އެކަމަކު މިއީ ތެދުވާހަކައަކަށް ނުވިއެވެ. މަންމައަކު އޭނާގެ މޭގެ އެތިކޮޅު ދޫކޮށްލާފައި މިހިރީތާއެވެ.
މަންމަ އުޅުނު ތަނަކު އުޅުނީ އެންމެ ހިތްހަމަ ޖެހޭ ދިރިއުޅުމަކަށް ނުވެ ހިގައިދާނެއެވެ. އެކަމަކު ނުފުދިފައިވާ ދިރިއުޅުމެއް ނޫނެވެ. ވީމާ މަންމަ އާއި އަހަރެން ވަކިކޮށްލީ މަޖްބޫރު ކަމެއް މެދުވެރި ވެގެން ނޫންކަމަށްހިތ ބުނެއެވެ،. ދެން އެކަމަކު ކީއްވެގެން ހެއްޔެވެ؟
އަހަރެން ބޮޑުވަމުން ދިޔަވަރަކަށް މި ޚިޔާލުތައް ހިތުގައި ގަދައަށް އެނބުރެމުން ދެއެވެ. ބައްޕަގެ އާއިލާގެ މީހުންގާތު މަންމަ އަކީއެހާ ރަނގަޅު މީހަކަށް ނުވަނީ މަންމަ ގެ މިޒާޖުގައިވާ ގޮތްދޫނުކުރުމާއި މަންމަގެ ހަރުކަށި ކަމާއިމުރަނަ ކަމެވެ. ޚާއްޞަ ކޮށް ޢާއިލާ އާއި ގުޅިގެން އުޅުމަށް މަންމަ ނުކުޅެދިފައި ވުމެވެ. މަންމަގެ ޢާއިލާ މީހުން ގާތު ބައްޕަ އަކީ އާވާރާ އެކެވެ. މަންމަ އަށް ގޮތްގޮތްހަދާ ވިޔާނުދާ މީހެކެވެ.
ދެ އާއިލާގެ މެދުގައި އަހަރެން ހުރަހަކަސް ވެގެން ހުއްޓަސް، މާމަ ގާތު އަހަންނަކީ މާމާގެ ރަންދަރިއެވެ. ދުވަހަކުވެސް އަމާމައާމެދު ހިތްހަމަ ނުޖެހިގެން ނޫޅެމެވެ. އަހަންނާ އެއްފުރައިގެ ކުދިން އުޅޭއިރު ކުދިކުދި މައްސަލަވެސް ޖެހޭނެތާއެވެ. އެހެނަސް އެއީ ވަރަށް ކުޑަކުޑަ ކަމެއްގެ ގޮތުގައި ނިމި ހިގައިދެއެވެ. މަންމަމެން ފަދައިން ކުޑަކުޑަކަމެއް ދިމާވިޔަސް އެކަން ބޮޑުސިންގާ ކަންތައް ގަޑަކަށް ބަދަލުވެ ޢާއިލާ އެއްކޮށް އެލާޓަށް އަންނާކަށް ނުޖެހެއެވެ. ބައްޕަ ފަރާތުގެ ބޮޑުބޭބެ އިންނާއި ބޮޑުދައިތައިން އަހަންނާމެދު ދެކެނީ ދަރިއެއްގެ ގޮތުގައެވެ. ނުވަތަ ލޯބިވާ ތުއްތު ކޮއްކޮ އެއްގެ ގޮތުގައެވެ. އެކަމަކު މަންމަ ގެ ޢާއިލާ މީހުން ތަފާތު ކަމުގައި ބުނަން ޖެހެއެވެ. އެނގޭ ހެއްޔެވެ. މަންމަ ގެ ޢާއިލާގެ މީހުން އަހަންނަށް އެނގުނީ އަހަރެންގެ އުމުރުން 15އަހަރުވެސް ވީފަހުންނެވެ. ހަމަހަގީގަތުގައިވެސް އަހަންނަށް ފެނުނީ ވަރަށް ތަފާތު ދެ އާއިލާއެކެވެ. އެއް ޢާއިލާގައި އޮތީ ލޯތްބާއި ކުލުނެވެ. އަނެއް ޢާއިލާގައި އޮތީ އޭގެ ދިމާ އިދިކޮޅެވެ.
މަންމަ،ބައްޕަ ދެކެ ރުޅި އައިސްފި ނަމަ އެދެން ކަންތަކާ ޖެހުނީއެވެ. ދަރިއެއްގެ ނުވަތަ ގޭގެ އެއްވެސް ކަމަކާ އަޅަނުލާ ތާގައި އަހަރެމެން މީހަކާ ދިމާލަށް ބަލައިވެސް ނުލާނެއެވެ. އަގައިން ބުނާނީ ބަލައިވެސް ލާނަމަ ނޫން ހެއްޔެވެ؟ އަހަރެމެން ކައިތޯ ފެންވަރާތޯ ބަލައެއްނުލައެވެ.އެގޮތުގާ ކިތައް ދުވަސް ވޭތުވެގެން ދޭ ހެއްޔެވެ؟ބުނެބަލާށެވެ. ބައްޕަ ދެކެ ރުޅި އަންނަ ކޮންމެ ފަހަރަކު އެކަމުގެ އުގޫބާތް އަހަރެމެންނަސް ލިބެންވީ ކީއްވެގެން ހެއްޔެވެ؟އަހަރެމެންނަށް މަންމައެއްގެ ފަރާތުން ލިބެންވާ ހުރިހާ ޙައްޤަކުން މަޙްރޫމް ކުރުމުގައި އަހަރެމެންގެ އޮތީ ކޮން ކުށެއް ހެއްޔެވެ.؟ ހަމަ އެކަނި ތިޔަ ބަނޑުން އުފަންވީމާ ހެއްޔެވެ.؟ އެ ނޫން އޮތީ ކޮން ކުށެއް ހެއްޔެވެ؟
އުމުރުން އެންމެ ހައަހަރުގައި މަންމަގެ ހުރި އެންމެ އަންހެން ދަރިފުޅު ،މަންމަގެ ލޮލުގެ ކޮއި،މަންމަގެ ލޮލުގެ ނޫރު،މަންމަ އާއި ދުރުކޮށްލި އިރު މަންމަގެ މައިވަންތަކަން ކޮބާ ހެއްޔެވެ؟ މަންމަގެ އަންހެން ވަންތަ ކަމާއި ޣީރަތްތެރިކަންވީ ކޮންތާކު ހެއްޔެވެ؟ އަންހެން ދަރިއެއްގެ ރައްކާ ތެރި ކަމަށާއި އޭނާގެ އަމިއްލަ ބޭނުންތަކަށް ވިސްނާލިން ހެއްޔެވެ. އެކަން އެގި ހުރެ މަންމަ އަހަންނަށް ދިންވަރުގެ އަނިޔާ އެއް އެއްވެސް މީހަކަށް އަހަންނަށް ދެވޭނެ ހެއްޔެވެ.
އެންމެ ރަނގަޅެވެ. މަންމަ އަށް މިފަދަ ގޮތެއް ދިމާވިނަމަ މަންމަގެ އިހްސާސް ތަކަކީ ކޮބާ ހެއްޔެވެ. ؟ހަމަ ގައިމުވެސް އެކަންވާނީ މަންމަގެ މުޅި އުމުރުގައި ވެސް މާފު ނުކުރެވޭނެ ފަދަ ޖަރީމާ އަކަށެވެ……
އަހަރެންނަށް ވަރަށް އަނިޔާ ވެއްޖެ އެވެ. ދުވަހަކުވެސް މި އަނިޔާ އިން މިންޖު ނުވާ ވަރަށެވެ. މުޅި މުސްތަގްބަލް ބަނަ ވެއްޖެއެވެ. ދުވަހަކުވެސް އުފަލުގެ ހިޔަނި ވެސް ނޭޅޭ ވަރަށް އަހަރެންގެ ދުނިޔެ އަނދިރި ވެއްޖެއެވެ
.އަހަންނަކީ ރަށުގެ ނިސްބަތުން ފުދޭ ވަރަކަށް ކިޔެވިފައި ހުރި މީހަކަށް ވެދާނެއެވެ.އެކަމަކު އެހެން މީހުންނަށް މި ފުދޭވަރު އެއީ އަހަންނަށް ފުދޭވަރެއް ނޫނެވެ. މަންމަ ގާތު ހުރެގެން މަންމަގެ ލޯބިލިބިގެން ބޮޑުވި ނަމަ އަހަރެންގެ މި 28 އަހަރުގައިވެސް ކިޔެވުން ކުރިއަށް ދާނެއެވެ. އެހާވެސް ކިޔަވާ ހިތް ވެއެވެ. އެކަމަކު ދެން މިހާރު ވަގުތު ފާއިތު ވެއްޖެ ކަން ނޭގެއެވެ. ދެން އޮތީ ނަސީބާއިމެދު ހިތްހަމަ ޖައްސާލައިގެން ހުރުން ކަން ނޭގެއެވެ. އަހަރެންގެކުރިމަގާ މެދު ކުރިއުންމީދުތަކާ ދިރިއުޅެން ދެކުނު ހުރިހާ ހުވަފެނެއް ބިލާހަކަށް ވެ ނިމުނީއެވެ. އަހަރެން އެދޭ ގޮތާ ދިމާ އިދިކޮޅަށެވެ. ހީވަނީ މިއީ ވަގުތުގެ ކުރިން ކަންތައްކުރަން އުޅުމުން ލިބުނު ލަނޑެއް ހެންނެވެ. ހީވާ ގޮތުން އަހަރެން މި ދުނިޔެއަށް އައީވެސް މަންމަ އެކަމަށް ތައްޔާރު ނުވެ އުޅެނިކޮށް ކަމަށް ވެދާނެއެވެ..މި ހުރިހާ ކަމެއް މިގޮތަށް ދިމާވީ މިހެންވީމާ ކަން ނޭގެއެވެ.
އެކަމަކު ބުނަން ހެއްޔެވެ. މަންމަ ފަދައިން އަހަރެންގެ މި ދަރިފުޅު…. ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް އެހެން މީހަކާ ހަވާލެއް ނުކުރާނަމެވެ. ހަވާލު ކުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ. މިއީ މިހަށިގަނޑުގެ އެއް ބައެވެ. ވަކި ނުކޮށްލެވޭނެ އެއް ބައެވެ.
މަޑުމަޑުން އޮވެ މާޔާ ނިދައިފިއެވެ. އަހަރެންވެސް ދެން ނިދޭތޯ އުޅެންވީއެވެ.
މި ބުރަ އެކަމަކު ހުތުރު ވާހަކަ ތަކުން މަންމަ ގެ ފަސްބައި ހަޑި ކުރަން ޖެހުނީތީވެ މާފަށް އެދެމެވެ. މިއީ މަންމަ ހަނދާން ނައްތާލާފައިވާ ޙާދިސާ އެކެވެ. މި ވާހަކަ ތައް މަންމައަށް ހަނދާން ކޮށްދޭން ޖެހުނީ އަހަރެންގެ ހިތުގައި އެންމެ ކުޑައިރުއްސުރެ އަނދަމުން އަންނަ ގިނި ނިއްވާލައިގެން ހަމަ ޖެހުން ހޯދުމަށް ޓަކައެވެ. އެހެން މަންމައިންނަށް އިބްރަތަކަށް ޓަކައިވެސް މެއެވެ.