ޢާއިޝަތު ޝަހުދާ: ބިޒިނަސް ސްޓަޑީސް އިން މުޅި ދުނިޔެއިން އެއްވަނަ

DSCN0626.jpg

ޝަހުދާ:އޭނާއަށް ލިބިފައިވާ ބައެއް އެވޯޑްތަކާއެކު - ފޮޓޯ : އޭދަފުށި ވޮއިސް

” ކޮންމެ ކުއްޖަކުވެސް ކިޔެވުން ކުރިއަށް ގެންދާނީ ވަކި ޓާގެޓަކަށް އަމާޒުކޮށްގެން .އަޅުގަނޑުވެސް ކިޔަވަމުން އައީ ޓާގެޓަކަށް އަމާޒުކޮށްގެން . އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑަށް ޓާގެޓާ ހަމައަށް އާދެވިއްޖެ ކަމުގައި. އެކަމަކު މިހާ ހިސާބަށް އަޅުގަނޑަށް އާދެވުނީ ވަރަށް ބޮޑަށްް މަސައްކަތް ކޮށްގެން .” ޝަހުދާ އެންމެ ފުރަތަމަވެސް ބުނީ މިހެންނެވެ.

އޭލެވެލްއިން ދިވެހި ނޫން ހުރިހާ މާއްދާއަކުން ދެ އޭ ސްޓާރ އާއެކު އޭފާސް ހޯދުމަށްފަހު އިހަށްދުވަހު ބ.އަތޮޅު ތައުލީމީ މަރުކަޒުން ކިޔެވުން ނިންމާލި އައިޝަތު ޝަހުދާއަކީ އާދައިގެ ކުއްޖެއް ނޫނެވެ. އެކަން އެނގެނީ އޭނާ ހޯދި ހަމައެކަނި މި އިންޓަރނޭޝަނަލް ވަނައަކުން ނޫނެވެ. އޯލެވެލްއިންވެސް އޭނާވަނީ އެކަން ދައްކާފައެވެ. އެއިމްތިހާނުންވެސް އޭނާ ވަނީ އިސްލާމް ފިޔަވައި ހަތަރު އޭސްޓާރއާއެކު ހުރިހާ މާއްދާއަކުން އޭ ހޯދާފައެވެ.

އޭނާގެ މާމަ އަޒީޒާއަލީވެސް ބުނީ މިހެންނެވެ. އޭނާއަކީ އާދަޔާ ޚިލާފު ތޫނުކުއްޖެކެވެ. ކިޔެވުމައިގެން މޮޔަވެފައި ހުރި ކުއްޖެކެވެ. މަންމަ ޝީރީންވެސް ބުނީ ޝަހުދާ އަކީ ތަފާތު ކުއްޖެއްކަމުގައެވެ.

ޝަހުދާގެ މަންމައާ އެއްވަރަށް ނުވަތަ އެއަށް ވުރެވެސް ބޮޑަށް ޝަހުދާއާއި ގާތް ގުޅުމެއް އޮންނަނީ  މާމަ އަޒީޒާ އަލީއެވެ. މަންމަ ޝީރީން މޫސާ އަކީ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރަކަށް ވާތީ މަންމަގެ ގިނަ ވަގުތުތައް ހޭދަކުރަން ޖެހެނީ ސްކޫލްގައި ކަމަށް ވާތީ ދުވާލުގެ ގިނަ ވަގުތުތަކާއި ބައެއް ރޭރޭ ވެސް އޭނާ ހޭދަކުރަން ޖެހިފައިވަނީ މާމައާ އެކުގައެވެ. އެހެން ކަމުން ޝަހުދާގެ ރަނގަޅު އަޚްލާގާ ކުށެއް ނެތް ތަރުބިއްޔަތާއެކު ކިޔެވުމުގެ ރޮނގުން ހޯދި ހުރިހާ ކާމިޔާބެއްގެ ފަހަތުގައި ހުރީ މާމަ ކަމަށް މުޅި މަންމަގެ އިތުރުން އާއިލާވެސް ގަބޫލު ކުރެއެވެ.

ޝަހުދާ: އޭނާގެ މާމަ އަޒީޒާ އަލީ އާއެކު -- ފޮޓޯ : އޭދަފުށި ވޮއިސް

ޝަހުދާ: އޭނާގެ މާމަ އަޒީޒާ އަލީ އާއެކު — ފޮޓޯ : އޭދަފުށި ވޮއިސް

ޝަހުދާގެ މި ފަޚްރުވެރި ކާމިޔާބީގެ އުފަލުގައި ހުރެގެން ޝަހުދާ ކިޔެވުމުގެ ދުވަސްތައް ހޭދަކުރި ގޮތް ކުރުކޮށް މާމަ އަޒީޒާ ކިޔައިދިނެވެ.

” ޝަހުދާ ރޭގަނޑު ވަރަށް އަވަހަށް ނިދާނެ. ހަމަ އެހާފަތިހު ހޭލާނެ. އަޅުކަންތަކަށް ވަރަށް ފަރުވާ ބަހައްޓާނެ. އިމްތިހާނު ފެށުމަށް މަހެއްހާ ދުވަސް އޮއްވާ ފަޖުރުލުމުގެ ކުރިން ހޭލައިގެން ފަތިސްނަމާދަށް ގޮވަންދެން އިންނާނީ ކިޔެވުމުގެ މަސައްކަތުގަ. ފަތިސް ނަމާދު ކޮށް ނިމިގެން ބަދިގެއަށް. ހެނދުނުގެ ސައި ތައްޔާރުކުރުމުގައި އެހެން މީހުންނެކޭ އެއް ގޮތަށް ބައިވެރިވެ އުޅޭނެ. ތަށިތައްދޮވެ ތަންތަން ސާފުކުރުމާއި ގޯތިތެރެ ކުނިކެހުމަކީ އޭނާގެ ކޮންމެ ދުވަހެއްގެ ޕްރޮގްރާމްގައި ވެސް ހިނގާ ކަންތައް. ރުޅިއަންނާކަށް ނޭނގޭނެ. ބަސްމަދުވެފައި އަމަލު ގިނަވުމަކީ އޭނާގެ އެންމެ އަޅައިގަންނަ އަދި އާއިލާގެ އެންމެން އޭނާދެކެ އެންމެ ލޯބިވާ އެއްސިފަ. ” އަޒީޒާ ޝަހުދާއަށް ތައުރީފުތައް އޮއްސަމުން ބުންޏެވެ.

މަންމަ ޝީރީންގެ ވާހަކަތައްވެސް ހުރީ މިކަހަލަ ގޮތަކަށެވެ. ” ޝަހުދާ ގާތު ކިޔަވަންދާށޭ، ހޯމްވާކް ހަދައިފިންހޭ މިކަހަލަ ވާހަކައެއް އަހާކަށް ނުޖެހޭނެ. ޝަހުދާގެ އުފަލާ ހިތްހަމަޖެހުމާ މުނިފޫހިފިލުވުންވެސް ގުޅިފައި އޮންނަނީ ކިޔެވުމަށް. އޭނާ ބޭނުން ގޮތަކަށް އުޅެން މިނިވަންކަން ދޭންޖެހެނީ ހަމަ އެކަނި ކިޔެވުމުގެ ކަންތަކުގައި.  ރޭގަނޑާއި ދުވާލުވެސް ހުރިހާކަމަކަށްވުރެ އިސްކަމެއް ކިޔެވުމަށް ދީފައިވާ އިރު ބައެއް ފަހަރު އެކަމަށް ގެއްލިފައި އިންނަވަރުން ކެއުމަށާއި ނިދުންވެސް ހަނދާން ނައްތާލާ.  ޚާއްސަކޮށް ޓެސްޓް ދުވަސްވަރެއްގައިނަމަ ނިންދަވަންވެސް ޖެހެނީ ގަދަކަމުން. ”

ޝަހުދާ، މަންމަ ޝީރީން އާއި މާމަ އަޒީޒާ އާއެކު

ޝަހުދާ، މަންމަ ޝީރީން އާއި މާމަ އަޒީޒާ އާއެކު

މިކަހަލަ ބޮޑު އިންޓަނެޝަނަލް ވަނައަކަށް ޝަހުދާ އުއްމީދު ކުރިން ހެއްޔެވެ؟ މިސުވާލު ޝަހުދާ އަށް ކުރުމުން އޭނާ ހަމަޖެހިލައިގެން އިދެ އޭދަފުށީ ވޮއިސްއަށް ކިޔައިދެމުން ގެންދިޔައެވެ.

” ގްރޭޑް އަށަކުން ފެށިގެން އަޅުގަނޑު މަސައްކަތް ކުރީ ރެއާދުވާލު އެއްވެސް އެހެންކަމަކަށް ވިސްނުމެއްނެތި ހަމަ އެކަނި ކިޔެވުމަށް. އިންޓަނޭޝަނަލް އެވޯޑެއް އެއީ ކުރިންވެސް ބުނި ފަދައިން އަޅުގަނޑުގެ އަމާޒު.  އެއީ ކީއްވެގެންތޯ އަހައިފިނަމަ ޖަވާބަކީ އަޅުގަނޑުގެ އާއިލާ ވަރަށް ބޮޑު. މާސްޓަރ ނަގައިގެން ތިބި މީހުންނާ ޑިގްރީ ހޯލްޑަރުންވެސް ގިނަ. ޖުމްލަކޮށް ބުނާނަމަ މި ކަހަލަ ތައުލީމީ އާއިލާއެއްގެ ތެރެއަށް އުފަން ވުމަކީ އަޅުގަނޑުގެ ހެޔޮ ނަސީބުކަމަށް ދެކޭ ފަދައިން އާއިލާގެ އެހެން މީހުންނާ އެއްވަރު ވުމަށް ނުވަތަ އެއަށްވުރެ ކުރިއަށް ދިއުމަށް މަސައްކަތް ކުރުމަކީ ނަފްސު އަޅުގަނޑަށް މަޖްބޫރު ކުރި ކަމެއް. މި ރޮނގުން އަޅުގަނޑު ވާދަކޮށްގެން މޮޅުވާން ޖެހިފައިވަނީ ބޮޑުބޭބެއިންނާ ބޮޑުދައިތައިން ފެށިގެން މާމައާއި ކާފަގެ ބޮޑުސިންގާ އާއިލާ އަކަށް ކަމަށް ވާތީ އަޅުގަނޑުހަމަ ވަރަށް ބޮޑަށް މަސައްކަތް ކުރިން މިކަހަލަ ވަނަ އަކަށް. އެންމެ ފަހުން އަޅުގަނޑުގެ މަގްސަދު ހާސިލް ވެއްޖެ. ”

އެހެންނަމަވެސް މި ކާމިޔާބަކީ ހަމައެކަނި އޭނާގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބެއްކަމަށް ގަބޫލެއް ނުކުރެއެވެ. އޭނާ ބުނީ އެންމެ ކުޑައިރުއްސުރެ އޭނާގެ ތައުލީމަށް އެންމެ ބޮޑު އެހީތެރިކަމެއް ދީފައިވަނީ މާމަ އަޒީޒާކަމުގައެވެ. ” މަންމައަށްވުރެވެސް ބޮޑަށް މާމަގެ ހިއްސާ އަޅުގަނޑުގެ ކޮންމެ ކަމެއްގައިވެސް ބޮޑު. ތަރުބިއްޔަތާ ތައުލީމު ދިނުމުގައިވެސް މަންމަ އަށްވުރެވެސް ބޮޑު ކްރެޑިޓެއް ދޭހިތްވަނީ މާމައަށް. ހަމަ އެފަދައިން ދެފަރާތުގެ އާއިލާއިންވެސް އަޅުގަނޑުގެ ކުރިއެރުމަށް ބޮޑެތި އެހީތެރިކަމެއް ވެދިން. ” ޝަހުދާ ބުންޏެވެ.

ޝަހުދާގެ ވާހަކަ ކުރިއަށް ގެންދަމުން ބުނީ ކޮންމެ ކުއްޖަކަށް ވެސް މި ފަދަ ވަނަ އެއް ލިބިދާނެކަމަށާ މީގަ ބޭނުންވަނީ މައިންބަފައިންގެ ބަސްއަހައިގެން އަމާޒެއްވެސް ހިތުގައި ބާއްވައިގެން ކިޔެވުން ކަމަށެވެ.

ޝަހުދާ މިހާރުހުރީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ދައުވަތަކަށް މާލޭގައެވެ. އުއްމީދު ކުރެވެނީ އެނބުރި ރަށަށް އަންނާނީ އުފާވެރި ޚަބަރުތަކަކާ އެކުގައި ކަމަށެވެ.

އެތައް އަހަރަށް ފަހު ޝަހުދާ  މިދުވަސްކޮޅު ހޭދަކުރަމުންދަނީ ޗުއްޓީގެ ދުވަސްކޮޅެއްގެ ގޮތުގައެވެ. ކިޔަވާ މޭޒުމަތީގައިހުރި ފޮތް ފުނިވަރު ނަގައި އަލަމާރިއަށް ލައިފިއެވެ. އޭނާ ގެންގުޅުނު ޗެކްމާކަރުތަކާ ކުލަކުލައިގެ ގަލަންތަކުގައި ދޯރި ޖަހައިފިއެވެ. ދެން އެފޮތްތަކާ އެ ގަލަންތަކުގެ ބޭނުން ކުރާނީ އޭނާގެ ކޮއްކޮމެން ކަން ނޭގެއެވެ. އެހެންނަމަވެސް މިއީ އެންމެ ދެމަހެއްގެ ކުރު ޗުއްޓީއެކެވެ. އަންނަ އަހަރު ޖެނުއަރީގައި އަނެއްކާވެސް އޭނާ އެއް ސްޓެޕް މައްޗަށް ޖެހިލައި ޑިގްރީއަށް ކިޔަވަން ފަށާނެއެވެ. އޭނާ ބޭނުންވަނީ އޭސީސީގެ ރޮނގުން ކުރިއަށް ދިއުން ކަމަށް ވާތީ އެރޮނގުން ކިޔެވުމަށް މިހާރު ތައްޔާރުވަމުންދަނީ މެލޭޝިއާ އަށް ދިއުމަށެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު