ކެންދޫ ދާއިރާއަށް އަނެއްކާވެސް ކަމަދޫ ޝަމީމް..؟

shameem.jpg

މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި 1 ވޯޓްގެ ތަފާތަކުން ބަލިވެ ކެންދޫ ދާއިރާގެ އަތޮޅު ކައުންސިލްގެ ގޮނޑި ގެއްލުނު ބ. ކަމަދޫ ސަމޭދާން، މުހައްމަދު ޝަމީމް އަނެއްކާވެސް އަތޮޅު ކައުންސިލަށް ކުރިމަތިލައްވާނޭކަމުގެ އިޝާރާތެއް ކުރައްވައިފިއެވެ.

ޝަމީމް ވިދާޅުވީ ކުރީ އިންތިޚާބުގައި އެމްޑީޕީ ޓިކެޓްގައި ކުރިމަތިލީ ނަމަވެސް މިފަހަރު ވާދަކުރަން ނިންމާފައިވަނީ އަމިއްލަ ކެންޑިޑޭޓެއްގެގޮތުގައި ކަމަށެވެ. އެހެންނަމަވެސް ކުރިމަތިލާ ކައުންސިލެއް އަދި ޔަގީންކޮށެއްނުދެއެވެ. އޭނާ ވިދާޅުވީ އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްގެ ތެރެއިން ކޮންމެވެސް އެއްދާއިރާއަކަށް ނުކުންނާނެކަމުގެ ޔަގީންކަން ދޭކަމުގައެވެ.

“މިދިޔަ އިންތިޚާބުގައި 1 ވޯޓްގެ ތަފާތުން ބަލިވުމަކީ ލިބުނު ވަރަށްބޮޑު ކާމިޔާބެއް. ނަތީޖާއަށް ބަލާފައި އަޅުގަނޑާމެދު ދާއިރާގެ ރައްޔިތުންގެ އިތުބާރު އަދިވެސް އެބައޮތް. އަދި އަޅުގަނޑަށް މިދާއިރާގެ ތަޖުރިބާ ވަރަށް ބޮޑަށް ލިބިފައި ހުރިކަމަށް ޤަބޫލުކުރެވެނީ. އަޅުގަނޑު ވަރަށްބޮޑަށް ޝައުޤުވެރިވޭ ސީދާ ރައްޔިތުންނާ ގުޅުންހުރި ދާއިރާތަކުން ރައްޔިތުންނަށް ޚިދްމަތްދިނުމަށް” ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުރި ޝަމީމް ވިދާޅުވިއެވެ.

ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުރެ ޕީޕީއެމްއިން ކައުންސިލަށް ވާދަނުކުރަނީ ކީއްވެގެންތޯ ދެންނެވުމުން ޝަމީމް ވިދާޅުވީ މިވަގުތު ރާއްޖޭގެ ސިޔާސީ މަޝްރަހް ފެންނަގޮތުން ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްކުރެވޭނީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވެކަމަށެވެ. ނަމަވެސް އެއިރެއްގައި އޮންނަ ސަރުކާރަކާ ގުޅިގެން ދާއިރާއަށް ނުވަތަ ރަށަށް ކުރިއެރުން ހޯދާދޭން ގަދައަޅާ މަސައްކަތް ކުރާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

“އަމިއްލަ ގޮތުން ކުރިމަތިލައިގެން ހޮވެނޭކަމުގެ ޔަގީންކަން އެބައޮތް. އަޅުގަނޑަށް ޔަގީން ރައްޔިތުންގެ އިތުބާރު އަޅުގަނޑަށް އެބައޮތްކަން. އަޅުގަނޑަށް މުހިއްމީ ޕާޓީއަށްވުރެ ޤައުމުގެ މަސްލަހަތު. އެއަށްވުރެ ބޮޑު މުހިއްމުކަމެއްވެސް ނެތް”

މިވަގުތު ކަމަދޫ އިންޖީނުގޭގެ އެސިސްޓެންޓް މެނޭޖަރެއްގެ ވަޒީފާގައި ހުރި ޝަމީމަކީ ފަނަރަ ވަރަކަށް އަހަރު ސަރުކާރުގެ ހިންގުމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ ބޭފުޅެކެވެ. އެގޮތުން ރަށުގެ ކުޑަކަތީބުކަމުގެ މަޤާމްވެސް ފުރުއްވާފައިވެއެވެ. އަދި ރަށުގެ ކްލަބް ޖަމްއިއްޔާތަކުގެ ރައީސްކަންކޮށް ކަމަދޫގެ އިޖްތިމާއީ މަސައްކަތުގައި ޝަމީމަކީ ފާހަގަކޮށްލެވޭ ނަމެކެވެ.

ބ. އަތޮޅުގެ 3 ދާއިރާގެ ތެރެއިން ކެންދޫ ދާއިރާއަށް ޝަމީމް ފިޔަވައި އަދި އެއްވެސް ބޭފުޅަކު ކުރިމަތިލައްވާކަން އީވީއަށް އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް އޭދަފުށި ދާއިރާއަށް ޕީޕީއެމުން އަބްދުﷲ އަޝްރަފް އަދި އެމްޑީޕީން މަބްރޫކް ނަސީރު ކުރިމަތިލައްވާނެކަން ވަނީ އިޢްލާންކޮށްފައެވެ. ތުޅާދޫ ދާއިރާއިންވެސް ކުރިމަތިލާ ބޭފުޅުންގެ މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top