ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ޖެނުއަރީ 14ގައި

l_38822345.jpg

އަތޮޅުކައުންސިލްތަކާއި ރަށުކައުންސިލްތަކުގެ އިންތިޚާބު އަންނައަހަރުގެ ޖެނުއަރީ 14ވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމަވައިފިއެވެ.

އެކޮމިޝަންގެ ނާއިބު ރައީސް އަމްޖަދު މުސްތަފާ  ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ 14 ޖެނުއަރީ 2017 ގައި ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން އެ ކޮމިޝަނުން ނިންމެވީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާ ތާރީޚުގެ ކުރިން އަލަށް އިންތިޚާބުކުރެވޭ ފަރާތްތައް ހުވާކުރުމަށް ދަތިކަމެއް ނާންނާނެގޮތަށް ބައްލަވައިގެންކަމުގައެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ 26 ގެ ނިޔަލަށެވެ.

އަމްޖަދު އިތުރަށް ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު އިންތިޚާބު މިބާއްވަނީ، އަންނަ ފެބްރުއަރީ 26 އަކީމިހާރު މިހިންގަމުންދާ ކައުންސިލްތަކުގެ ދައުރު ހަމަވާ ދުވަސްކަމުގައި ވާތީ މިމުއްދަތުގައި އިންތިޚާބު ބާއްވައިގެން އެއްވެސް ދައްޗެއް ދިމާނުވެ، އަދި ބައި އިލެކްޝަނެއް، ނޫނީ އިންތިޚާބުގައި ދިމާވާކަމެއްގެ ސަބަބުން އިތުރުބުރެއް ތަނެއްގައި ބާއްވަން ޖެހުނަސް އެކަން ވެސް ކުރެވޭނެކަމަށް ބަލައިގެންނެވެ. 

ލޯކަލް ކައުންސިލަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށް ކޮމިޝަނުން ހަމަޖައްސާފައިވަނީ، އަންނަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުކަމަށާއި އިންތިޚާބުގައި ވޯޓުލެވޭނެ މީހުންގެ ލިސްޓް ޢީދު ބަންދަށްފަހު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޢާންމުކުރެވޭނެކަމަށް އަމްޖަދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކަށް އޮންލައިން ކޮށް ކުރިމަތިލެއްވޭނެ އިންތިޒާމުވެސް އެކޮމިޝަނުން ވަނީ ފަހިކޮށްދެއްވާފައެވެ.

އިންތިޚާބުތަކާބެހޭ ޤާނޫނަށް އެންމެފަހުން ގެނައި ބަދަލުގައިވާ ގޮތުން، އާބާދީގައި 3000 މީހުންނަށްވުރެ މަދު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ 3 މެމްބަރުންނެވެ. އަދި 3000 މީހުނަށްވުރެ އާބާދީ އިތުރުވާނަމަ އެރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ 5 މެމްބަރުންނެވެ. އިންތިޚާބީ ދެ ދާއިރާ ހިމެނޭ އަތޮޅު ކައުންސިލްތަކަށް މުޅި އަތޮޅުން 3 މެމްބަރުން އިންތިޚާބުކުރާއިރު، މިފަދަ އަތޮޅުތަކަށް މެންބަރުން އިންތިޚާބުކުރަން އަތޮޅުގެ ހުރިހާ ރައްޔިތުން ވޯޓްދޭންޖެހޭނެއެވެ. މި ބަދަލުތަކާއެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބު ބޭއްވިގެންދާނީ ބޮޑެތި ބަދަލުތަކަކާއެކުކަމަށް އަމްޖަދު ވިދާޅުވިއެވެ.

އިންތިޚާބުކުރެވޭ ކައުންސިލަރުންގެ އަދަދަށް އައި ބަދަލަށް އާންމުން ހޭލުންތެރިކުރުމުގެ މަސަކަތް އިލެކްޝަންސް ކޮމިޝަނުންވެސް ކުރައްވާނެކަމަށާއި، ކައުންސިލްތަކުންވެސް މިއަންނަ ބަދަލަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މަސައްކަތްކުރުމަށް އަމްޖަދު އެދިވަޑައިގެންނެވިއެވެ.

އިލެކްޝަންސްކޮމިޝަން ގެ ފަރާތުން ގެންދަވަނީ އިންތިޚާބުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ ބައެއް މަސައްކަތްތައް ކުރުމަށް އަތޮޅުތަކާއި ރަށްރަށުންވެސް ފޯކަލް ޕޮއިންޓުން ކަނޑައަޅުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ވޯޓްލުމުގެ ކަންކަން ކުރިއަށްދާއިރު، ވޯޓުފޮށި ކައިރީގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ތަމްރީނުކުރުމަށް ކޮންމެ އަތޮޅަކުން 3 ބޭފުޅަކު މާލެ ގެންނަވައި، ތަމްރީނުކުރެއްވުމަށް މީހުން ހޯދުމަށް އިޢުލާންކުރައްވައި، އެކަމަށް މީހުން ކުރިމަތިލަމުން އަންނަކަމަށާއި މީގެ ސަބަބުން ކުރިއަށް އޮތް އިންތިޚާބުތަކުގެ ކަންކަމުގައި އަތޮޅުތަކުގައި ޙަރަކާތްތެރިވާނެ ދާއިމީ ޕޫލެއް އުފެދިގެންދާނެ ކަމަށާއި، މިއާއެކު، ހުރިހާ އޮފިޝަލުން ޓްރެއިން ކުރުމަށް މާލެ ގެންނަންނުޖެހި، ޓްރެއިނިންގެ ކަންކަމަށް އިލެކްޝްންސް ކޮމިޝަނުން ކުރައްވާ ޚަރަދު ކުޑަވާނެކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top