ސައިބާ ކުށްތައް ދެގުނަ އިތުރުވެއްޖެ. ޑިޖިޓަލް ރައްކާތެރިކަމަށް ފާރަވެރިވުމަށް އެދިވަޑައިގެންފި

large_178444519017wHB0.png

ފުލުހުންގެ ކޮމިޝަނަރު އަޙުމަދު މުޙައްމަދު:

މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ރިޕޯޓްކޮށްފައިވާ ސައިބާ ކުށުގެ މައްސަލަތައް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނައަށް އިތުރުވެފައިވާކަން ހާމަކުރައްވައި، ޑިޖިޓަލް ރައްކާތެރިކަމަށް ހުރިހާ ރައްޔިތުންނާއި މުއައްސަސާތަކުން ފާރަވެރިވުމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

ކޮންމެ އަހަރެއްގައި ވެސް އޮކްޓޯބަރު މަސް ފާހަގަކުރަނީ ސައިބާ ސެކިއުރިޓީއާ ގުޅޭ ގޮތުން މީހުން އަހުލުވެރިކުރާ މަހުގެ ގޮތުގައެވެ.

އެ މުނާސަބަތާ ގުޅުވައި ކޮމިޝަނަރު ދެއްވި މެސެޖެއްގައިވަނީ ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުން ކިތަންމެ ފަސޭހަވި ނަމަވެސް، އިންޓަނެޓުގެ ޒަރިއްޔާއިން ކުރިމަތިވާ ނުރައްކާތައް ހަލުވި ދުވެއްޔެއްގައި ފެތުރިގެން ދާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އާންމުންނާއި ވިޔަފާރިތަކާއި ދައުލަތުގެ އެކި މުއައްސަސާތައް ސައިބާ ކުށްތަކުގެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

ކޮމިޝަނަރު ވިދާޅުވީ ހުރިހާ ކަމެއް ޑިޖިޓަލްވަމުން އަންނައިރު، މަކަރާއި ހީލަތުގެ މަޅީގައި އާންމުން ޖައްސައި، އޮންލައިން މާހައުލުގައި ކުށްކުރުމަށް ފުރުސަތުތައް ވެސް ފަހިވާ ކަމަށެވެ. އެކަންކަން ހުއްޓުވޭނީ އާންމުންނާއި މުއައްސަސާތަކުން ދުރާލާ ފިޔަވަޅު އަޅައިގެންކަން އޭނާ ފާހަގަކުރެއްވިއެވެ.

“ހިތާމައާއެކު ފާހަގަކުރަންޖެހޭ ހަގީގަތަކީ މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނި ވެސް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފައިވާ ސައިބާ ކުށުގެ މައްސަލަތަކުގެ އަދަދު ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެ ގުނައަށް އިތުރުވެފައިވާ ކަމެވެ، މި މައްސަލަތަކުގެ ތެރެއިން 68 އިންސައްތައަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ ކުށްތަކެވެ،” ކޮމިޝަނަރުގެ މެސެޖުގައިވެއެވެ.

އޭގެ އިތުރުން ކޮމިޝަނަރު ވަނީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން ސައްހަނޫން މެސެޖުތަކާއި މީޑިއާ އުފައްދައި އާންމުން މަޅީގައި ޖެއްސުމަށް ކުށްވެރިން މަސައްކަތްކުރަމުން އަންނަ ކަން ވެސް ފާހަގަކުރައްވައިފައެވެ.

”ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ މިފަދަ މައްސަލަތަކަށް ނަޒަރު ހިންގާއިރު، މިއިން ކޮންމެ ކަމެއްގެ ވެސް ފާހަގަކުރެވެނީ ހޭލުންތެރިކަން ކުޑަވުމާއި ފަރުވާކުޑަ އަމަލެއްގެ ސަބަބުން ވެވޭ އިހުމާލެވެ، ސައްހަކަން ކަށަވަރުނުވާ ލިންކުތަކަށް ފިތުމާއި ޒާތީ މައުލޫމާތާއި ވަން-ޓައިމް ޕާސްވޯޑް ފަދަ ސިއްރު ކޯޑުތައް އެހެން ފަރާތްތަކާ ހިއްސާކުރުމާއި، އަދި އޮންލައިންކޮށް މުއާމަލާތްކުރާއިރު ކާކުކަން ކަށަވަރުނުކޮށް އިތުބާރުކުރުމަކީ، މިފަދަ ކުށްތަކުގައި ޖެހުމަށް ދިމާވާ މައިގަނޑު ސަބަބުތަކެވެ،“ އެ މެސެޖުގައިވެއެވެ.

މީގެއިތުރުން، ސައިބަރ ކުށްތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޒަމާނީ ވަސީލަތްތައް ހޯދައި، ފަންނީ ގާބިލުކަން އިތުރުކުރަމުން ދިޔަނަމަވެސް، މިއީ ހަމައެކަނި ގާނޫނު ތަންފީޒުކުރާ އިދާރާއަކުން އެކަނި ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށް ސީޕީ ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ވިޔަފާރިތަކުންވެސް އާންމުންގެ ޑޭޓާ ރައްކާތެރިކޮށް، އައިޓީ ނިޒާމުތައް އަޕްޑޭޓްކުރުމަށް ގޮވާލެއްވިއެވެ.

ހަމައެހެންމެ މި ހިނގާ އޮކްޓޫބަރު މަހު މާލެއާއި އަތޮޅުތަކުގައި ފުލުހުން ކުރިއަށްގެންދާ ހޭލުންތެރިކަމުގެ ހަރަކާތްތަކުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ސީޕީ އެދިވަޑައިގެންނެވިއެވެ. އަދި އާއިލާގެ ތެރޭގައި ދަރިންނަށާއި، މިފަދަ ކުށްތަކަށް ފަސޭހައިން ހުށަހެޅޭ އުމުރުން ދުވަސްވީ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އެންމެންގެ އިޖުތިމާއީ ޒިންމާއެއްގެ ގޮތުގައި ދެކި، ގައުމުގެ އަމާންކަން ދެމެހެއްޓުމަށް އެކުގައި މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top