ޑޮލަރުގެ ރޭޓު ކުރީގައި ހުރި ވަރަށް މިހާރު ދަށްވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިކޮންމިކް މުޙައްމަދު ސަޢީދު ވިދާޅުވީ ރަސްމީ ރޭޓަކީ 15.42 ރުފިޔާ ނަމަވެސް، މާކެޓުގެ ހާލަތު އޮތީ އަދި އެންމެ ފުރިހަމަ މިންގަނޑެއް ނޫން ކަމަށެވެ. ނަމަވެސް، ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރުގެ އަގު މިހާރު ދަށަށް ދާން ފަށާފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.
ސަަޢީދު ވިދާޅުވިގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވި އިރު (17 ނޮވެމްބަރު 2023) ބާޒާރުގައި ޑޮލަރުގެ އަގު ހުރީ އިންތިހާއަށް އުފުލިފައެވެ. އެހެންނަމަވެސް، މިހާރު ލިބެމުންދާ މައުލޫމާތުތަކަށް ބަލާއިރު އެ ދުވަސްވަރާ އަޅާބަލާއިރު އަގުތައް ދަށްކުރެވިފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި މިއީ އިގްތިޞާދީ ގޮތުން ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް ވިދާޅުވެ ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކާއި ވިޔަފާރިވެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.
ޑޮލަރުގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށާއި އިތުރަށް ތިރިކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އާ އިސްލާހުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވާފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. މި އިސްލާހުގެ ދަށުން ބޭންކުތަކަށް ފައިސާ މާރުކުރަންޖެހޭ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޓޫރިޒަމް ފިޔަވައި ޑޮލަރުން އާމްދަނީ ލިބޭ އެހެނިހެން ވިޔަފާރިތަކުން ފައިސާ މާރުކުރަންޖެހޭ ލިމިޓް 15 މިލިއަނުން 25 މިލިއަން ޑޮލަރަށް ބަދަލުކޮށްފައިވެއެވެ.






