ކީ ސްޓޭޖް 1 ގެ ފޮތްތަކަށް ބަދަލު ގެންނަނީ

original_1789191915310.jpeg

ދަރިވަރުންގެ ތައުލީމީ ފެންވަރު މަތިކުރުމުގެ ގޮތުން ކީސްޓޭޖް އެކެއްގެ ފޮތްތަކަށް އަންނަ އަހަރު ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ތައުލީމާ މަތީ ތައުލީމާ ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އަށްވަނަ ޓީޗާސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ޓެކްނޮލޮޖީއާއި ވަޒީފާގެ ބާޒާރަށް ބޮޑެތި ބަދަލުތައް އަންނަމުންދާ މި ދަނޑިވަޅުގައި އޭއައި ފަދަ ޒަމާނީ ވަސީލަތްތަކަށް ދަރިވަރުން ތައްޔާރުކުރުމަށްޓަކައި ޓީޗަރުން އެ ކަންކަމަށް އަހުލުވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެ ގޮތުން މި ކޮންފަރެންސްގެ ބޭނުމަކީ ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި ކުލާހުގައި ކިޔަވައިދޭ ގޮތްތަކާއި ދިރާސާތައް ގުޅުވައިލުން ކަމަށް ވިދާޅުވެ މި ފުރުސަތުގެ ބޭނުން ހިފުމަށް ޓީޗަރުންނަށް ވަޒީރު ގޮވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ތައުލީމީ ދާއިރާއަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާ ކަން ފާހަގަ ކުރައްވަމުން ވަޒީރު ވިދާޅުވީ ސާނަވީ ތައުލީމު ފުރިހަމަކުރުމަށް ފަހު މަތީ ސާނަވީއަށް ދާ ދަރިވަރުންގެ ނިސްބަތް ކުރިން 40 އިންސައްތައިގައި އޮތް އޮތުން މިހާރު 50 އިންސައްތައަށް އުފުލާފައިވާ ކަމަށެވެ.  އަދި މާލޭ ވޮކޭޝަނަލް ހައި ސްކޫލާ އެކު އެ އަދަދު 60 އިންސައްތައަށް ގެންދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފޮތްތަކަށް ގެންނަ ބަދަލާ ގުޅޭ ގޮތުން ވަޒީރު ވިދާޅުވީ ކޮންޓެންޓަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން އަންނަ ކަމަށާއި މިއަންނަ އަހަރު ކީ ސްޓޭޖް ގްރޭޑް އެކެއްގެ ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.

”އަޅުގަނޑު މުދައްރިއްސުންނަށް ދަންނަވާލަން ބޭނުންވަނީ ފޮތްތައް ބަދަލުކުރެވުނަސް ހަގީގީ ބަދަލެއް އަންނާނީ ތިޔަ ބޭފުޅުންގެ މަސައްކަތުންނޭ.“ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޓީޗަރުންނަކީ މުޖުތަމައުގެ ތެރޭގައި ބާރާއި އިޚްތިޔާރު ލިބިފައިވާ ބައެއް ކަމަށާއި ބެލެނިވެރިންނާއި ދަރިވަރުންނާ ގުޅިގެން މަސައްކަތްކުރުން މުހިއްމު ކަމަށެވެ. އަދިމި ކޮންފަރެންސަކީ ޓީޗަރުންނަށް އިންވެސްޓްކުރުމުގެ ގޮތުން ބާއްވާ މުހިންމު ހަރަކާތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top