ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތައް ހިންގަން ބޭނުންވާ ބިން ކަައުންސިިލްގެ އިހުތިސާސްއިން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބައެއް އަކުރުތައް އިތުރުކުރުމަށް ހުށަހަޅާފައިވާ މި ބިލުގައި، ކައުންސިލުތަކުގެ އިހުތިސާސް ގައިވާ ތަންތަން ވަކިކުރަން ވަޒީރުންގެ މަޖިލީހުން ނިންމައި އެކަން އެލްޖީއޭއިން ކައުންސިލުތަކަށް އެންގުމުން އެ ތަންތަން ކައުންސިލުތަކުގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަންތަން ކަމުގައި ވާނެ ކަމަށް، ބިލުގައި ވެއެވެ.
އެ އިސްލާހުގައިވާ ގޮތުން، ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމެއްގައި ސަރުކާރުގެ މަޝްރޫއެއް ހިންގުމަށްޓަކައި އެ ބިމެއް ކައުންސިލްގެ އިހުތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ އެވެ. މިފަދަ ނިންމުމެއް ނިންމައި ކަމާބެހޭ ގައުމީ އިދާރާއިން ކައުންސިލަށް އެންގުމާއެކު، އެ ބިމެއް ކައުންސިލްގެ މިލްކިއްޔަތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވާނެ ކަމަށް އިސްލާހުގައިވެ އެވެ.
މީގެ އިތުރުން ސަރުކާރުގެ ފަރާތުން މަޝްރޫއުތައް ކުރިއަށް ގެންދަން ބިންބިން ހޯދަން އެދޭ ހާލަތްތަކުގައި މަޝްރޫއުތަކަށް ބޭނުންވާ ބިންބިން ކައުންސިލުން އެލްޖީއޭއާ ހަވާލުކުރަން ޖެހޭނެ ކަމަށް ވެސް، ބިލުގައިވެއެވެ.
ހަމަ އެހެންމެ، ކައުންސިލަރުން ކޮށްގެން ނުވާނެ ކަންކަމުގެ ތެރޭގައި ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއް ނެތި ހުރަސް އެޅޭ ފަދަ ގޮތަކަށް އަމަލުކުރުން ނުވަތަ އެ ފަދަ މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމުން ހިމެނުމަށް ވެސް ވަނީ ހުށަހަޅުއްވައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި ކައުންސިލްތަކުގެ ދައުރު ހަމަވާން ކައިރިވުމުން ކައުންސިލް އިދާރާއަށް މުވައްޒަފުން ނެގުމާއި، ކައުންސިލްގެ އިހުތިސާސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުން ވެސް ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުތަކުގެ ދަށުން ނޫނީ ނުކުރެވޭ ގޮތް ހިމެނޭހެން ކައުންސިލުތަކުގެ ބައެއް ބާރުތައް ހަނިކުރަން ނިންމައި، މިދިޔަ އަހަރު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ.
ހަމަ އެއާއެކު ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގަން ބިން ނުދިނުން ފަދަ ކަންކަން ބައެއް ކައުންސިލުތަކުން ކޮށް، މަޝްރޫއުތައް ހިންގަން ހުރަސް އަޅާކަމަށް އެކި ފަހަރު މަތިން ސަރުކާރުގެ އިސްވެރިން މީގެ ކުރިން ވިދާޅުވެފައި ވެސް ވެއެވެ.






