ރާއްޖޭގައި 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާ ކުރަނީ

cf189bc5-68e0-441b-bdc1-93f6561ae664-scaled.jpg

ރާއްޖޭގައި ވެސް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްތަކަކަށް ނުވަދެވޭ ގޮތަށް މަނާކުރަން ގަސްދުކުރައްވާ ކަމަށާއި، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އެކަން ތަންފީޒު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ނިންމުމަކީ ކުޑަކުދިންގެ ރައްކާތެރިކަމަށް ޓަކައި އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި، ދިވެހި މުޖުތަމަޢަކީ އިސްލާމީ ރިވެތި އަޚުލާޤާއި އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ، އެކަކު އަނެކަކާ ގުޅުން ބަދަހި ކުޑަ މުޖުތަމަޢެއް ކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، މުޖުތަމަޢުގައި ފާހަގަކުރެވޭ ބޮޑެތި މައްސަލަތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން ޙައްލު ހޯދަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޤައުމުތަކުގައިވެސް މިފަދަ އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް ރިޢާޔަތް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ނިންމެވުމަކީ ޒުވާން ޖީލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، މިއީ އަބަދުވެސް ބެލެނިވެރިންގެ އޮތް ބޮޑު ކަންބޮޑުވުމެއްގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގައިވެސް މިއަދު އޮތް ބޮޑު ގޮންޖެހުމެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމީ އޮސްޓްރޭލިއާ ސަރުކާރުން މިހާރު މި ކަމުގައި ގެންގުޅޭ މިސާލަށް ބަލައިގެންނެވެ.

ފުރާވަރުގެ ކުދިން ސޯޝަލް މީޑިއާގެ ސަބަބުން ނުރަނގަޅު ކަންކަމަށް ހުށަހެޅެމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސައިބާ ބުލީ ކުރުމާއި، އޮންލައިން ގްރޫމިންގެ އިތުރުން ނުރައްކާތެރި ކޮންޓެންޓްތަކަށް ކުދިން ހުށަހެޅުމަކީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

މި މަސައްކަތް ކާމިޔާބުކުރުމަށް ޓަކައި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ކަމާބެހޭ ދާއިރާތަކުގެ އިތުރުން އާންމުންގެ ޚިޔާލާއި މަޝްވަރާ ވެސް މިކަމުގައި ހޯދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

”މި ކަމުގައި އޮސްޓްރޭލިއާއިން އަޅާފައިވާ ފިޔަވަޅުތަކަކީ ރަނގަޅު މިންގަނޑެއް ކަމުގައި ދެކެން. އެހެންވީމާ އޮސްޓްރޭލިއާއިން އަޅައިފައިވާ ފިޔަވަޅުތަކުގެ އަލީގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުކަމުގައި ވިޔަސް އަދި ސޯޝަލް މީޑިއާގެ އެޕްތައް ބޭނުންކުރާ، ހިންގާ ކުންފުނިތަކާ މުއާމަލާތްކުރަންޖެހޭ ކަންތައްތަކުގައި ވިޔަސް، އޮސްޓްރޭލިއާގެ މިންގަނޑުތައް ބޭނުންކުރެވޭނެ ގޮތެއް ރާއްޖޭގައި ތައާރަފްކުރެވޭނެ ގޮތެއް ހެދުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ގަސްތުކުރަން،“ރައީސް ވިދާޅުވި އެވެ.

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ވަނީ ހަރުކަށި ގާނޫނެއް ފާސްކޮށްފައެވެ.

މި ގާނޫނުގެ ދަށުން ޓިކްޓޮކް، ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ވަސީލަތްތައް ކުޑަކުދިންނަށް ބޭނުން ނުކުރެވޭނެއެވެ. ނަމަވެސް މެސެޖު ކުރުމަށް ބޭނުންކުރާ އެޕްތަކާއި ގޭމް ކުޅޭ ޕްލެޓްފޯމްތައް މީގެ ތެރޭގައި ނުހިމެނެއެވެ.

ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާ ކުރަން ސަރުކާރުން މަސައްކަތްތަކެއް ފެށި އިރު، އެ އުމުރުފުރު އަށް ސޯޝަލް މީޑިއާ މަނާކުރަން ގޮވާލައި މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އަމިއްލަ ފަރާތަކުން ރައްޔިތުންްގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.

އޮސްޓްރޭލިއާ ނަމޫނާއަކަށް ބަލައިގެން ޔޫރަޕާއި އޭޝިއާގެ ގައުމުތަކުން މިހާރު އަންނަނީ ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަމުންނެވެ. އެގޮތުން މިއަދުން ފެށިގެން މެލޭޝިއާގައި ވަނީ 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top