އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ (ޑަބްލިޔުޑީސީތަކުގެ) ރައީސުންގެ މުސާރަ މުރާޖަޢާކޮށް ބަދަލު ގެނެސްފިއެވެ.
ނޭޝަނަލް ޕޭ ކޮމިޝަނުން އެންމެ ފަހުން ނިންމާފައި ވަނީ، ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ އާއި އިނާޔަތަށް 41,500 ރުފިޔާ އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންގެ މުސާރައާއި އިނާޔަތަށް 21،000ރ. ދިނުމަށެވެ. މިކަން އިއްޔެ މީޑިއާގައި އާންމުކުރުމުން ގެ އަދަދާއި މެދު އާންމު ބޮޑު ބަހުސަކަށް ވެފައި ވަނިކޮށް ޕޭ ކޮމިޝަނުން ވަނީ އަލުން ޑަބްލިޔުޑީސީތަކުގެ މުސާރަ މުރާޖަޢާކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ކަނޑައެޅި ގޮތުގައި، ސިޓީ ކައުންސިލްތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް ދެން ލިބޭނީ މަހަކު 20،000 ރުފިޔާއެވެ. އަދި، ނައިބު ރައީސުންނަށް 7،000 ރުފިޔާ ދޭން ނިންމާފައިވާއިރު، މެންބަރުންނަށް ދޭނީ 6،000 ރުފިޔާއެވެ.
މީގެ އިތުރުން، ރަށްރަށުގެ ޑަބްލިއުޑީސީތަކުގެ ރައީސުންނަށް 15،000 ރުފިޔާ، ނައިބު ރައީސުންނަށް 6،000 ރުފިޔާ އަދި މެންބަރުންނަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
މި ބަދަލުތައް ގެނައުމުގެ ކުރިން ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސާއިންނަށް ލިބެމުން އައީ 7،000 ރުފިޔާއެވެ. އަދި ރަށްރަށުގެ ރައީސާއިންނަށް ލިބެމުން އައީ 6،000 ރުފިޔާއެވެ. އެހެންކަމުން، ފިނޭންސުން އަލަށް ކަނޑައެޅި އަދަދުތަކަކީ ކުރިން ލިބެމުން އައި މިންވަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އަންހެނުންގެ ކޮމިޓީތައް ބާރުވެރިކޮށް، އެ ކޮމިޓީތަކުގެ ބަޖެޓު ދެގުނަ ކޮށްދެއްވާނެ ކަމަށެވެ. މުސާރައަށް ގެނައި މި ބަދަލުގެ އިތުރުން، މިދިޔަ ރަމަޟާން މަހާ ދިމާކޮށް އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އެލަވަންސް ދިނުމަށް ވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.






