އުވައިލި އަތޮޅު ކައުންސިލުތައް ހިންގަމުންދިޔަ އަތޮޅު އޮފީސްތަކުގެ އިމާރާތްތަކުގައި ގާއިމުކުރި އެލްޖީއޭގެ ގޮފިތަކަށް ސިޔާސީ މީހުން ނުލައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް އިން “ނޭޝަން ޗެޓް” ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެލްޖީއޭގެ ގޮފިތަކެއް ހުރިހާ އަތޮޅެއްގައި ގާއިމުކުރި ނަމަވެސް އެތަންތަނަށް އަތޮޅުވެރީން ނުވަތަ ގަވަރުނަރުން ނުލައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އަތޮޅުތަކުގައި ގާއިމްކުރާ މި އޮފީސްތަކަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ސެކްޝަންތަކެއްގެ ގޮތުގައި ހިންގާނެ ތަންތަން ކަމަށެވެ. މި އޮފީސްތަކަކީ މުޅި ސަރުކާރުގެ ނިޒާމުގެ ތެރޭގައި ހުރި ޝަކުވާތަކަށް 24 ގަޑިއިރު ޚިދުމަތް ދިނުމަށް ގާއިމްކުރާ އިދާރާތަކެއް ކަމަށާއި، މިކަމުގެ އިދާރީ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ނިޒާމުގެ ތެރެއިން ރައްޔިތުން ހުށަހަޅާ ޝަކުވާތައް މެނޭޖްކުރާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިންނެވެ. “މި ބިއުރޯއަށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް އޭއައި ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ހޯދައި، އަވަސް ޖަވާބެއް ފޯރުކޮށްދެވޭނެ،” ރައީސް ވިދާޅުވިއެވެ.
ވާދަވެރީން ހަގީގަތެއް ނެތް ވާހަކަތައް ދައްކަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެލްޖީއޭގެ އަތޮޅު އޮފީސްތަކުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނެ މަސައްކަތްތަކަކީ އެލްޖީއޭގެ ފަރާތުން ކައުންސިލުތަކަށް ފޯރުކޮށްދޭންޖެހޭ ތަމްރީނުތައް ފޯރުކޮށްދިނުމާއި، ކައުންސިލުތަކުގެ މުވައްޒަފުން ތަމްރީނުކުރުމާއި، އަދި ކައުންސިލުތަކުގެ މަސައްކަތްތައް މޮނީޓާކުރުން ކަމުގައެވެ.






