މިންޝާވީ: ދިވެހިން އޭ އިސްލާމުން އޭ ސްޓަރ ހޯދި އިންޑިއާގެ ދަރިވަރު

313.jpg

ފޮޓޯ: ''ދަރިވަރު'' ނޫސް

ދަރުމަވަންތަ ސްކޫލުން އޯލެވެލް ނިންމި އިންޑިއާއަށް ނިސްބަތްވާ އަޙްމަދު ސިއްދީޤް މިންޝާވީ، ދިވެހިން އޭ އިސްލާމުން އޭ ސްޓަރ ހޯދައިފިއެވެ. މިންޝާވީ މި ނަތީޖާ ހޯދުމުން ގިނަ ބަޔަކު އޭނާއަށް ވަނީ ތައުރީފުކޮށްފައެވެ.

މިންޝާވީގެ މަންމަ ނިޒާ މިސް އަކީ ދަރުމަވަންތަ ސްކޫލުގެ އިކޮނޮމިކްސް ޓީޗަރެކެވެ. އެ ސްކޫލުގައި އޭނާ ކިޔަވައިދެއްވާތާ މިހާރު 19 އަހަރުވެއްޖެއެވެ. މިންޝާވީގެ ދައްތަ މަރިޔަމް ޝަނީޒް މުޙައްމަދު ޝައު ރާއްޖެ އައިއިރު އެއީ ވަރަށް ކުޑަކުއްޖެކެވެ. މިންޝާވީ އުފަންވީ ރާއްޖޭގައެވެ. އެ ދެބެއިން، މަދަރުސީ ތައުލީމު ނިންމީ ދަރުމަވަންތަ ސްކޫލުންނެވެ. މިންޝާވީގެ ބައްޕަ ރާއްޖޭގައި މަސައްކަތް ކުރާތާ މިހާރު 30 އަހަރުވެއްޖެއެވެ.

ޝަނީޒްއަށް ދަރުމަވަންތަ ސްކޫލުގެ އިސްމަޤާމަކަށް ކުރިމަތި ނުލެވުނީ ދިވެއްސާއި އިސްލާމް މާއްދާގައި ބައިވެރިނުވުމުންނެވެ. މިންޝާވީ، އިސްލާމާއި ދިވެހި މާއްދާ ކިޔެވީ ދައްތައަށް ނުލިބުނު މަޤާމް ހޯދުމުގެ ބޭނުމުގައެވެ. އޭނާ އެ މަޤާމް ހޯދީ ދިވެހި ދަރިވަރުންނާ ވާދަކޮށް ވާދަވެރި ކެމްޕެއިނަކަށް ފަހުއެވެ.

“ދައްތައަށް ނުލިބުނު މަޤާމް ހޯދަން އިސްލާމާއި ދިވެހި ކިޔެވީ” މިންޝާވީ ދަރިވަރު ނޫހަށް ބުންޏެވެ.

މިންޝާވީ ބުނީ، ދިވެއްސާއި އިސްލާމް މާއްދާ ކިޔަވަން ފުރަތަމަކޮޅު އޭނާއަށް ވަރަށް އުނދަގޫވި ކަމަށެވެ. ސްކޫލުގައި ކިޔަވައިދޭ އެއްޗަކާއި ޓިއުޝަން މިސްއާއި އަމިއްލައަށް ކުރި މަސައްކަތުން އެސްއެސްސީގެ ދެ މާއްދާއިން ލިބުނީ އޭނާ އުއްމީދު ކުރި ވަރަށްވުރެ ވެސް ރަނގަޅު ނަތީޖާއެއް ކަމަށެވެ. އެ ނަތީޖާ ލިބުމުގައި އޭނާއަށް ދިވެހި ކިޔަވައިދެއްވި ޒީނިޔާ މިސްއާއި ޓިއުޝަން ނަގައިދެއްވި އަބްދުއްރަހުމާނު ސަރގެ ނަން ވަކިން ފާހަގަކޮށް އެ ދެ ޓީޗަރުންނަށް އޭނާ ޝުކުރުއަދާކުރިއެވެ.

“އުއްމީދު ކުރީ ދިވެހިން ބީއަކަށް، އިސްލާމުން ބީއެއް ނޫނީ އޭއަކަށް” ނަތީޖާއާ މެދު ހިތްހަމަޖެހިފައި ހުރި މިންޝާވީ ބުންޏެވެ.

މިންޝާވީ ބުނީ، ދިވެއްސާއި އިސްލާމް މާއްދާ ގިނަ ކުދިންނަށް އުނދަގޫވަނީ އެ ދެ މާއްދާއަށް ފޯކަސްކޮށްގެން ކިޔަވަން މަސައްކަތް ނުކުރާތީއެވެ.

“މާއްދާއެއް އުނދަގޫވުމަކީ ދޫކޮށްލަންޖެހޭ ސަބަބެއް ނޫން. ނަތީޖާ ހޯދަން ބުރަކޮށް މަސައްކަތް ކުރަންޖެހޭނީ. ޓީޗަރު ފިލާވަޅު ނަގައިދޭ ގަޑީގައި ކަނުލައި އަޑުއެހުމަކީ ވަރަށް މުހިންމު ކަމެއް. ދެން އޮންނާނީ ޓިއުޝަން ޓީޗަރު ނޫނީ އަމިއްލައަށް ކުރަންޖެހޭ މަސައްކަތް” މިންޝާވީ ބުންޏެވެ.

ފާއިތުވި އަހަރު، ދަރުމަވަންތަ ސްކޫލުން އެންމެ ރަނގަޅު ނަތީޖާ ހޯދީ ވެސް މިންޝާވީއެވެ. ޤައުމީ ގަދަ ދިހައެއްގެ 4 ވަނަ އޭނާއަށް ލިބުނެވެ.

ދިވެހިބަހުން ފަރިތަކަމާއެކު ވާހަކަދައްކާ މިންޝާވީ ބުނީ، އޭލެވެލްއަށް ކިޔަވާނީ އިންޑިޔާގައި ކަމަށާއި އޭނާގެ ދައްތަ ވެސް އޭލެވެލް ނިންމީ އިންޑިއާއިން ކަމަށެވެ.

މިންޝާވީ ބުނީ، ދަރުމަވަންތަ ސްކޫލުގައި ކިޔެވިއިރު، އޭނާއަކީ އިންޑިޔާ ކުއްޖެއްކަން ގިނަ ކުދިންނަށް ނޭނގޭ ކަމަށާއި އެކުގައި އުޅޭ ކުދިންނަށް އެކަން އެނގުމުން ހައިރާންވާ ކަމަށެވެ.

”އާންމުކޮށް އުޅޭއިރު ކުދިންނަކަށް ނޭނގެ އިންޑިޔާ ކުއްޖެއްކަމެއް. އިންޑިއާ ކުއްޖެކޭ ބުނީމާ އެ ކުދިންނަށް ލިބެނީ ހައިރާންކަން“ ހިނިއައިސްފައި ހުރެ މިންޝާވީބުންޏެވެ.

މިންޝާވީ ބުނީ، އޭނާގެ ކާމިޔާބީގައި މަންމައާއި ބައްޕަގެ ދައުރު ވަރަށް ބޮޑު ކަމަށާއި ސްކޫލުގެ ޕްރިންސިޕަލް ނާދިރާ މެޑަމް ދެއްވި ހިތްވަރާއި ބެހެއްޓި ގާތްކަން ފާހަގަކުރާ ކަމަށެވެ.

”ޕްރިންސިޕަލް ނާދިރާ މެޑަމް ދެއްވި ހިތްވަރާއި ބެހެއްޓި ގާތްކަމަކީ ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. އެކަން ކިޔެވުމުގައި ކުރިއަށް ދާން ވަރަށް ބޮޑު މޯޓިވޭޝަނަކަށްވޭ“ މިންޝާވީ ބުންޏެވެ.

އޭނާގެ ޝުކުރުގެ ލިސްޓްގައި ޑެޕިއުޓީ ޕްރިންސިޕަލުން ކަމަށްވާ ޑެޕިއުޓީ ޕްރިންސިޕަލް ޖޭޒް މިސް އާއި ޝިހާމާ މިސްގެ ނަން ވެސް ވަކިން ފާހަގަކުރިއެވެ. އަދި ޓިއުޝަނަކާ ނުލައި، އިސްލާމް މާއްދާއިން އޭ ސްޓަރ ހޯދުމުގެ މެދުވެރިއަކަށްވި ޒިދުނާ މިސްއާއި ފިއުނާ މިސްއަށް ވެސް ޚާއްޞަ ޝުކުރެއް އަދާކުރިއެވެ. ގުރޭޑް 1ގެ ކުލާސްޓީޗަރު އައިދާ މިސްއާއި ގުރޭޑް 3ގެ ކުލާސްޓީޗަރު މަރީ މިސްގެ އިތުރުން ގުރޭޑް 10ގެ ލީޑިންގ ޓީޗަރު ނިޒޫ މިސް އާއި ގުރޭޑް 10ގެ ކުލާސްޓީޗަރު ޒިހޫ މިސްއާއި މެތްސްޓީޗަރުގެ ނަން ވެސް އެ ލިސްޓަށް އިތުރުކުރިއެވެ.

ދިވެހި މާއްދާ ކިޔަވަން އުނދަގޫވާ ކުދިންނާއި ދިވެހިބަހުން އިސްލާމް މާއްދާ ކިޔަވަން ޖެހުމުން “ގެޓް” ނުވާކަމަށް ބުނެ ކުރާ ޝަކުވާތަކަށް އިންޝާވީގެ ނަތީޖާއިން ފުރިހަމަ ޖަވާބެއް ލިބެއެވެ. މިއީ ދިވެހި މަންމައިންނާއި ބައްޕައިން ވިސްނާލުން މުހިންމު ކަމެކެވެ.

(އެޑިޓަރުގެ ނޯޓް: ”ދަރިވަރު“ ނޫހުން ނަކަލު ކޮށްފައި)

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top