ބ އަތޮޅު ހޮސްޕިޓަލްގެ 58 ވަނަ އަހަރީދުވަސް ފާހަގަކޮށްފި އެވެ.
މި ކުލަގަދަ ހަފްލާ އޮތީ ރޭ އޭދަފުށީ މަލްޓިޕާޕަސް ހޯލްގައެވެ.
މި ހަފްލާގައި އެ ހޮސްޕިޓަލަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ފަރާތްތަކަށް ޚާއްސަ އެވޯޑު ދިނުމާއި ހޮސްޕިޓަލުގައި ޚިދުމަތް ކުރުމަށް ފަހު ވަޒީފާއިން ވަކިވެފައިވާ މުވައްްޒަފުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ޚިދުމަތުގެ އެވޯޑު ދިނުން ހިމެނެއެވެ.
ހޮސްޕިޓަލަށް 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އެވޯޑް ރޭ ލިބިފައިވަނީ އެ ހޮސްޕިޓަލުގެ ރެޖިސްޓާޑް ނާސް ގެ މަގާމުގައި ހުންނެވި އޭދަފުށީ މައިނާގޭ ޒަމީރާ ޚާލިދު އަށެވެ. ޒަމީރާއަށް އެވޯޑު ހަވާލު ކޮށްދެއްވީ ހޮސްޕިޓަލްގެ މެނޭޖަރު ހެލްތު ސާވިސް، މުހައްމަދު ޝަކީލު އެވެ.
ހޮސްޕިޓަލުގެ ޚިދުމަތުން ވަކިވެފައިވާ ދެބޭފުޅުން ކަމުގައިވާ ފާތުމަތު ޖައިޝާން ރަޝީދު އާއި އަފްރާހު އަބްދުލްއަޒީޒަށް ވެސް އެވޯޑު ހަވާލު ކޮށްދެއްވީ މެނޭޖަރ މުހައްމަދު ޝަކީލެވެ.
އެވޯޑަށް ފަހު މެނޭޖަރު އަގުހުރި ވާހަކަ ކޮޅެއް މުވައްޒަފުންނާ ހިއްސާ ކުރެއްވި އެވެ. ވާހަކަފުޅުގައި ވިދާޅުވީ ބ.އަތޮޅު ހޮސްޕިޓަލް ފާއިތު ކުރި 58 އަހަރުގެ ތާރީޚީ ދިގު ދަތުރުގައި ބ.އަތޮޅު ހޮސްޕިޓަލްގެ ރީތި މާޒީއަށް ބަލައިލާއިރު ފެނިގެންދާ ބޮޑު މަންޒަރަކީ އެތައް ބައެއް ވަރުބަލިވުމެއް ނެތި ކުރެއްވި ބުރަމަސައްކަތާއި ތަނުގެ ތެރޭގައި އޮތް ހަމަޖެހުމާއި އެކުވެރިކަން ކަމުގައެވެ.
”ޚިޔާލު ތަފާތުވުމަކީ މައްސަލަ އެއް ނޫން. އެކަމަކު ދެބަސްވުން އުފެދުމަކީ މައްސަލަ އެއް. އެކަމަކު ތަފާތު ޚިޔާލު ތަކާއެކުވެސް ތަނުގެ ކުރިއަރަމުން ދާ ދުވެއްޔަށް އަސަރު ކުރުވާނެ އެއްވެސް އަމަލެއް އެއްވެސް މުވައްޒަފެއްގެ ފަރާތުން ފެނިގެން ނުވާނެ.“ މެނޭޖަރު ޝަކީލު ވިދާޅު ވިއެވެ.
މި ހަފްލާގައި ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ، އައިމިނަތު ޝާޒްލީވެސް ވާހަކަ ދެއްކެވިއެވެ. އޭނާ ވިދާޅުވީ އިންސާނިއްޔަތަށް ޓަކާ ކުރެވޭ މި ފަދަ ކޮންމެ ޚިދުމަތަކީ ބުރަ އަދި އުނދަގޫ ކަމެއްކަމުގައެވެ. އެހެންވިޔަސް ވަޒީފާގައި ދެމި ތިއްބަވަނީ ޚުދު އެބޭފުޅުންނަށްވެސް ދަންނަވަން ނޭނގޭ ރޫހާނީ ހިތްހަމަޖެހުމެއް ލިބޭތީ އެވެ. އެއީ އޭނާގެ ތަޖްރިބާއިން ބުނެދެނީ އެހެން ކަމަށާއި އިންސާނީ ދުޅަހެޔޮކަމާ ގުޅިފައިވާ މިދާއިރާ ނުވަތަ ސިއްހީ ދާއިރާގައި ޚިދުމަތް ކުރުމުން އެލިބޭ ހިތްހަމަޖެހުމަށް ވުރެ ހިތްގައިމު ކަމެއް އޮންނާނެތޯ އެއްސެވި އެވެ.
އޭނާގެ ވާހަކަ ކުރިއަށް ގެންދަވަމުން ހޮސްޕިޓަލުގެ ވަޒީފާ އަދާ ކުރައްވަން ނުކުންނެވި ފުރަތަމަ ދުވަހުގެ ތަޖްރިބާ ހިއްސާ ކުރައްވަމުން ވިދާޅުވި އެވެ.
”އަޅުގަނޑަށް ފެނުނީ ކޮންމެ މުވައްޒަފެއްވެސް އެމީހެއްގެ ވާޖިބު އަދާކުރުމުގައި އަވަދިނެތި އުޅޭތަން. އެކުވެރި ކަމާ އެއްބައެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދާތަން. މި މަންޒަރު ފެނި މިތަނާމެދު ހިތުގައި ޚާއްސަ ލޯތްބެއް އުފެދުނު. އެލޯބި ދުވަހެއް ދުވަހެއް ދުވަހަކަށް އައީ އިތުރުވަމުން. ތަނާމެދު ދެވޭ ގަދަރުވެސް ބޮޑުވަމުން. މިހާރު އަޅުގަނޑުގެ ވަޒީފާއާއި މި ހޮސްޕިޓަލަކީ ހަށިގަނޑުގެ ވަކި ނުކުރެވޭނެ ދެ ގުނަވަނެއްގެ ގޮތުގައި ބެލެވެނީ.“
މި ހަފްލާ ނިންމާލާފައިވަނީ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ރޭގަނޑުގެ ފަރިއްކޮޅަކުންނެވެ.









