2027 ވަނަ އަހަރުން ފެށިގެން ސަރުކާރު ސްކޫލް ތަކުގެ ޔުނީފޯމަށް ހަތަރު ކުލައެއް ހަމަޖައްސައި، އެ ކުލަތަކަށް ބަދަލުކުރަން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީޑިޔާ އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ އަންނަ އަހަރުން ފެށިގެން ސްކޫލްތަކުގެ ޔުނީފޯމް ހަތަރު ކުލަޔަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގައުމީ ދިދައިގައި ހިމެނޭ ތިން ކުލަ ކަމަށްވާ ފެއްސާއި ރަތާއި ހުދު ހިމެނޭނެކަމަށާއި އޭގެ އިތުރުން ދެން ހިމެނޭނީ ނޫކުލަ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.
މި ބަދަލާއި އެކު ޔުނީފޯމްގެ ގަމީހުގެ ކުލައަކީ ހުދު ނޫނީ މަޑު ފެހި ނޫނީ މަޑު ރަތް ކުލަ މިތަނުން ކޮންމެ ކުލަޔަކަށްވެސް އެ ސްކޫލަކަށް ބަދަލު ކުރެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންނަމަވެސް ފަޓުލޫނު ނުވަތަ ޔުނީފޯމްގެ ތިރީ ބައި ހުންނަން ޖެހޭނީ ކަޅު ނުވަތަ ކަޅު ނޫ ކުލައިގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޔުނީފޯމަށް އަންނަ ބަދަލުތަކާއި އެކު އަންހެން ދަރިވަރުން ޔުނީފޯމް އެޅުމުގައި އެކުއްޖަކަށް ފަސޭހަ ގޮތްތަކެއް އިޚުތިޔާރު ކުރެވޭނެކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ. އެގޮތުން ބެގީ ކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތާއި ސްކާޓު ލާން ބޭނުންވާ ކުދިންނަށް އެ ޖާގަ ވެސް ދެން ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޔުނީފޯމަށް އަންނަ ބަދަލާއި އެކު އެކްޓީވިޓީ ޔުނީފޯމްވެސް ތައްވެސް ބަދަލުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސްކޫލުތަކުގައި ގްރޭޑް އެކަކުން ފެށިގެން މަތީގެ ދަރިވަރުން މިހާރު ޓައީ އަޅަން ޖެހެ އެވެ. އެކަމަކު، ޔުނީފޯމް ޕޮލިސީ ބަދަލުކުރުމުގެ މަޝްވަރާތަކުގައި ބައިވެރިވި ގިނަ ޕްރިންސިޕަލުން އެދިވަޑައިގަތީ ކީ-ސްޓޭޖު 3 (ގްރޭޑު 7 އިން ފެށިގެން މަތީ)ގެ ކްލާސްތަކުގެ ދަރިވަރުން ޓައީ އަޅަންޖެހޭ ގޮތަށް ބަދަލުތައް ގެނެސްދިނުމަށެވެ. އޭރުން އެ ސްކޫލެއްގެ ޔުނީފޯމް ކުލައިން ޓައީ އެޅޭނެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޔުނީފޯމަށް ބޮޑު ބަދަލެއް ގެންނަން ނިންމީ، އެކަމުގައި ސްކޫލުތަކާއި ބެލެނިވެރިންގެ ޝަކުވާ ބޮޑުވުމުންނެވެ. އެ އުސޫލަށް އަމަލުކުރަން ފެށުމުން ޔުނީފޯމް އަގުހެޔޮވެ، އޭގެ މޮނޮޕޮލައިޒްކުރުން ހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.





