އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރުމަށް ބާއްވާ ޕްރައިމަރީއަށް މާދަމާ ހުޅުވާލަން ނިންމައިފި އެވެ.
ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކައުންސިލް އިންތިޚާބުގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ފަލާހު ވިދާޅުވީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ޑިސެމްބަރު 15 ވަނަ ދުވަހު 6:00 އާ ހަމައަށް އޮންނާނެ ކަމަށެވެ.
”އެއް ދާއިރާއަކަށް އެއް މެމްބަރަށްވުރެ ގިނަ މެމްބަރުން ވާދަކުރާނަމަ ޕްރައިމެރީ އޮންނާނެ. ޕީއެންސީގެ ޕްރައިމެރީގެ ވޯޓްލުން އޮންނާނީ ޑިސެމްބަރު މަހުގެ 27 ގައި،“ ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ޕާޓީގައި ނުހިމެނޭ ބޭފުޅުންނަށްވެސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި ނަމަވެސް އެ ބޭފުޅުން މި މުއްދަތުގައި ޕީއެންސީގެ މެންބަރަކަށްވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މި އިންތިޚާބަކީ ދެފުށްފެންނަ އިންތިޚާބަކަށް ހެދުމަށް މާލޭގައި ރަށްރަށުގެ ވޯޓު ފޮށިތައް ނުބަހައްޓަން ނިންމާފައިވާތީ ޕްރައިމަރީގައި ވޯޓުލެވޭނީ އެ މީހަކު ނިސްބަތްވާ ރަށެއްގައި ބަހައްޓާފައި ހުންނަ ވޯޓު ފޮއްޓަށް އެކަނި ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.
ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މީހުން ފޯމުލުމުގެ ކަންކަން ކުރިއަށްދާނީ ޕޯޓަލްއެއް މެދުވެރިކޮށް އޮންލައިން ކޮށް ކަމަށް ޕީއެންސީން މައުލޫމާތު ދެއެވެ.







