ތެލެސީމިއާ ބަލި ތަހައްމަލު ކުރާ މީހުންނަށް ދޭން ކަނޑައަޅާފައިވާ އެލަވަންސް، ކުރިން ކަނޑައެޅި 1000 ރުފިޔާއިން 2000 ރުފިޔާއަށް އިތުރުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާން ކުރައްވައިފިއެވެ.
ޕީއެންސީން ބޭއްވި ބޮޑު ސިޔާސީ އެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، ’ތެލެސީމިއާ ކުދިންނަށް 2000ރ. ގެ އެލަވެންސެއް އަޅުގަނޑުމެން މި ކަނޑައެޅީ، 2000ރ. ގެ އެލެވެންސެއް ތެލެސީމިއާ ކުދިންނަށް ކުރިއަށް އޮތް ބަޖެޓުގެ ތެރެއިން ފެށިގެން ލިބެމުން ދާނެ‘ ކަމަށެވެ. މިއީ އެކުދިންނަށް ހާއްސަ އިސްކަމެއް ދިނުމުގެ ގޮތހުން ކުރެވޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ތެލަސީމިއާ ހުންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ހިމަނާފައިވަނީ 11.7 މިލިއަން ރުފިޔާއެވެ. މިއީ ތެލަސީމިއާ ހުންނަ މީހުންގެ ގޮތުގައި ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ 982 މީހުންނަށް މަހަކު 1000 ރުފިޔާ ޖެހޭ އަދަދެވެ. އެހެންކަމުން، އެލަވަންސް 2000 ރުފިޔާއަށް އިތުރުވުމާއެކު، މި ބޭނުމަށް ބަޖެޓުން ހަރަދުކުރާނެ އަދަދު އިތުރުވެގެންދާނެއެވެ.






