ސިނގިރޭޓު ކޭސްތަކެއް ވަގަށް އެތެރެކުރިއިރު، “އެގްޒޮޓިކް އެންޓަޕްރައިސަސް” ކިޔާ ކުންފުނީގެ ހިއްސާދާރަކަށް ހުރި މުއްދަތުގައި ގާނޫނާ ހިލާފަށް އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބ. ހިތާދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ސިރުހާނު ވިދާޅުވެއްޖެ އެވެ.
މިކަމާ ގުޅިގެން ސިރުހާން ނެރުއްވި ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ އޭނާ އެގްޒޮޓިކް އެންޓަ ޕްރައިސަސްގެ ބޯޑު ޑިރެކްޓަރަކަށް އަދި ހިއްސާދާރަކަށް ހުރި މުއްދަތުގައި ގާނޫނާ ހިލާފަށް އެއްވެސް މުއާމަލާތެއް އެ ކުންފުނިން ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ ކުންފުނީގައި އޮތް އޭނާގެ ހިއްސާ ބަދަލުކުރީ ކުންފުނީގެ އޮޑިޓެއް ކުރުމަށް ފަހުގައި ކަމުން ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސް ހިމެނޭހެން ކުންފުނީގެ ގުދަންތަކުގައި ހުރި މުދަލުގެ ތަފްސީލު ވަރަށް ސާފުކޮށް އެނގެން އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހާތަނަށް ކުންފުނީގެ އެއްވެސް ބޮންޑެޑް ވެއާހައުސް އަކުން ގަވާއިދާ ހިލާފަށް އެއްވެސް މުދަލެއް ބޭރުކުރެވިފައި ނުވާކަން ސާފުވާނެ ކަމަށާއި ސިނގިރޭޓް ވަގަށް ބޭރުކުރި މަރުހަލާގައި އެ ކުންފުނީގެ ހިއްސާ އޭނާއަށް ދީފައިވާ ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން ކަމަށް ސިރުހާން ވިދާޅުވި އެވެ.
“ކުންފުނީގެ ހިއްސާ އަޅުގަނޑު ދޫކޮށްލިފަހުން އެ ކުންފުނިން ގޯސްކޮށް ކަމެއް ކޮށްފައިވާނަމަ އެކަމަކީ އަޅުގަނޑާއި އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫނެވެ،” ސިރުހާން ވިދާޅުވި އެވެ.
ސިރުހާން ވަނީ މިފަދަ ކަމަކާ އޭނާއާ ގުޅުވަން މަސައްކަތް ކުރާނަމަ އެއީ ސިޔާސީ ގޮތުން އޭނާ ބަލިކަށިކޮށްލުމަށް ކުރަމުންދާ މަސައްކަތެއް ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި މަޖިލީހުގެ 241 ކޮމިޓީން ކޮށްފައިވާ ތަހުގީގުން ވެސް މިކަމަކީ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމެއްކަން ސާފުކޮށް ފެންނަން އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.






