”މަގޭ ދަރަވަންދޫ ކާބޯތަކެތީގެ މައުރަޒު“ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 

large_17497141198AMoK.jpg

ދަރަވަންދޫގައި ބޭއްވި ހަރަކާތެއްގެ ތެރެއިން: -- ފޮޓޯ/ ވިޒިޓް ދަރަވަންދޫ 2025

ބ.ދަރަވަންދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ‘މަގޭ ދަރަވަންދޫ ކާބޯތަކެތީގެ މައުރަޒު’ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ދަރަވަންދޫ ކައުންސިލުން ބުނީ، އެ މައުރަޒުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އަންނަ މަހު 12ގެ 14:00ގެކުރިން، ކައުންސިލް މެންބަރު ފަރަހަ އާދަމް (9807544)އަށް ގުޅައިގެން ނަންނޯޓު ކުރެވޭނެ ކަމަށެވެ.

އެއްވަނައަށް ހޮވޭ މީހަކަށް 6،000 ރުފިޔާ ލިބޭ، މި މައުރަޒުގެ މަގުސަދަކީ، އެ ރަށުގައި ރައްޔިތުން އުފައްދާ ކާބޯތަކެތީގެ މީރުކަން ހާމަކޮށް، އެ ތަކެތި މާކެޓު ކޮށްދީގެން ރަށު ރައްޔިތުންނަށް ނަފާ ލިބޭނެ މާހައުލެއް އުފައްދައިދިނުން ކަމަށް ކައުންސިލުން ހާމަ ކުރެއެވެ.

މި މައުރަޒުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އަންނަ މަހު 12ގެ 14:00ގެކުރިން، ކައުންސިލް މެންބަރު ފަރަހަ އާދަމް (9807544)އަށް ގުޅައިގެން ނަންނޯޓު ކުރެވޭނެ ކަމަށް ދަރަވަންދޫ ކައުންސިލުން ބުނެއެވެ.

މި މައުރަޒުގައި ދެ ކެޓެގަރީއަކުން ވަނަތައް ހޮވާނެ އެވެ. މިގޮތުން، އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވޭ މީހުންނަށް އިނާމު ލިބޭއިރު، އެންމެ ގިނަ އައިޓަމް ބައިވެރިކުރާ މީހަކަށް ވެސް ފައިސާގެ އިނާމު ދިނުމަށް ދަރަވަންދޫ ކައުންސިލުން ވަނީ ނިންމާފައެވެ.

ވަނަތަކަށްދާ މީހުންނަށް ލިބޭ އިނާމުތައް:

  • އެއްވަނައަށް 6،000 ރުފިޔާ
  • ދެވަނައަށް 4،000 ރުފިޔާ
  • ތިން ވަނައަށް 2،000 ރުފިޔާ
  • އެންމެ ގިނަ އައިޓަމް ހުށަހަޅާ ފަރާތަކަށް 5،000 ރުފިޔާ

މި މައުރަޒު އޮންނާނީ އަންނަ މަހުގެ 17ގައި ދަރަވަންދޫ ‘މަގޭ ބަގީޗާ’ގައެވެ.

އެ މައުރަޒުގެ ގަވައިދުގައި، ވަނަތައް ހޮވާއިރު ބަލާނެ ކަންކަން ކިޔައިދީފައިވާއިރު، ދިވެހިން ވަންތަކަމާއެކު އުފެއްދުންތެރިކަން ދައްކައިދީފައިވާ މިންވަރާއި ކާބޯތަކެތީގެ ރަހައާއި ތައްޔާރުކުރި ގޮތަށް ބަލާނެއެވެ. ހަމައެހެންމެ، ކާބޯތަކެތި އަތުރާފައިވާ ގޮތުގެ ދިވެހިންވަންތަކަމާއި ތިމާވެއްޓާ ރަޙުމަތްތެރި ގޮތުގައި ކާބޯތަކެތި ބަންދުކޮށްފައިވާ ގޮތުގެ އިތުރަށް، ކާބޯތަކެތީގެ ސާފުތާހިރުކަމާއި ރީތިކަމަށް މި މައުރަޒުގައި މާކްސް ދޭނެއެވެ.

އެ ގަވައިދުގައިވާގޮތުން ކާބޯތަކެތީގެ ބާވަތަކީ ހުށަހަޅާ ފަރާތަކުން އުފައްދާފައިވާ އެއްޗެއް ނޫން ކަމަށް ޝައްކުވެއްޖެނަމަ، އެ މީހަކާ މައުރަޒުގެ ފަނޑިޔާރުން ސުވާލުކުރާނެ އެވެ. އަދި އެއީ އަމިއްލަ އުފެއްދުމެއް ނޫންކަން ސާބިތުވެއްޖެނަމަ، އެ މީހަކު މައުރަޒުން ވަކިކުރުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެންވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top