ބ. އޭދަފުށީ ކައުންސިލުން އިންތިޒާމް ކޮށްގެން އޭދަފުށީގައި ކުރިއަށް ދިޔަ ”އޭދަފުށި ކަޕް 2025“ ގެ ޗެމްޕިއަން ކަން މިއަހަރުވެސް ވެލާ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
މިދިޔަ އަހަރުގެވެސް ޗެމްޕިއަން ވެލާއިން ތަށި ދިފާއުކުރީ މިއަދު ހަވީރު، އޭދަފުށި ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި 2-1 ގެ ނަތީޖާއިން އިރުމަތި އެފްސީ ބަލިކޮށްގެންނެވެ.
މެޗުފެށުމުގެ ކުރިންވެސް ސަޕޯޓަރުން ދިޔައީ ބެރުތަކާ ދުންމާރީގެ އަޑުތަކާއެކު ފޯރި ނަގަމުންނެވެ. ފޯރިގަދަކޮށް މެޗުގެ ފުރަތަމަ ހާފު ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ހާފު ނިމުނީ ވެލާ ސްޕޯޓްސް އެއް ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ. ހާފު ނިމެންދަނިކޮށް އަރިމަތިން އަހުމަދު ސުހައިލް (ބަންބުޗް) ހުރަސް ކޮށްދިން ބޯޅަ، އޭރިއާ ތެރޭގައި ހުސްކޮށް އޮވެ ގޯލަށް ވައްދާލީ އަލީ ޒުބޭރެވެ.
އިރުމަތީ އެފްސީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ބިދޭސީ ފޯވަޑް، ޕްރިންސް ބޯޑޫ ސަސްޕެންޝަނުގައި ހުރުމެވެ. އޭނާ ނެތްތައް އެޓީމުގެ އެޓޭކުން ވަރަށް ރަނގަޅަށް ފެނިގެން ދިޔައެވެ.
ދެވަނަ ހާފުގައި ވެލާއިން ވަނީ ކައުންޓާގައި ލިބުނު ފުރުސަތެއްގައި ލީޑު ފުޅާވެސް ކޮށްފައެވެ. އެޓީމަށް ލިބުނު ފުރުސަތުގައި ކީޕަރުވެސް ނައްޓާލުމަށްފަހު ދެވަނަ ގޯލު ޖަހައިދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުލް މަޖީދެވެ.
އެ ގޯލާއެކު ވެލާއިން ހަމަޖެހިލި ނަމަވެސް، ފަހުކޮޅުގައި އިރުމަތީ އެފްސީ ދިޔައީ ވެލާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. . އިތުރު ވަގުތުގެ ތެރޭގައި އިރުމައްޗަށް ޕެނަލްޓީއެއް ލިބި، އަލީ ނަސީމްގެ ޕެނަލްޓީން އެޓީމުން ފަރަގު ކުޑަކުރިއެވެ. އޭގެފަހުންވެސް ހަމަލާތައް އުފެއްދި އިރު، ވެލާއިން ވަނީ ރަނގަޅަށް ޑިފެންސްކޮށް، ތަށި ޔަގީންކޮށްފައެވެ.
ފައިނަލް މެޗު ޝަރަފްވެރި ކޮށްދެއްވީ ، ރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެލާގެ ކީޕަރު މިފްދާދު ހޮވުނު އިރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންނަކީ އިރުމަތި އެފްސީގެ ޕްރިންސް ބޯޑޫއާއި ހުސް ސޮނގުންގެ އިބްރާހީމް އޮލަޑިމޭޖީ ޖިމޯއެވެ. އެއިން ކޮންމެ ކުޅުންތެރިޔަކުވެސް ވަނީ ދެ ގޯލު ޖަހައިދީފައެވެ.
އެންމެ މޮޅު ކީޕަރަކަށް ހޮވިފައިވަނީ މިފްދާދުއެވެ. އެންމެ މޮޅު ކޯޗަކީ ވެލާގެ ކޯޗު މުހައްމަދު އިހްސާން ސައީދު (ލިއުބީ) އެވެ. އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު އިރުމަތި އެފްސީގެ އަބްދުﷲ ޖައުޝަންއަށް ލިބުނު އިރު، އެންމެ މޮޅު ކުޅުންތެރިޔަކީ އެޓީމުގެ އިމްތިޝާލް އަބްދުލް ރަހީމެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ އާޖީލަކަށް އޭދަފުށި ފުޓްބޯލަ އެކަޑެމީއެވެ.







