ރާއްޖޭގެ ފުޓްބޯޅަ އަށް މި އަހަރު 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، މީހުން ދިރިއުޅޭ ހުރިހާ ރަށަކުން، އެ ރަށެއްގެ ފުޓްބޯޅަ ޝަހުސިއްޔަތު ކަނޑައަޅަން އެފްއޭއެމުން ނިންމައިފި އެވެ.
އެކަން ފާހަގަ ފާހަގަކުރަން އަންނަ އަހަރު މުބާރާތެއް ބާއްވަން ވެސް ނިންމާފައިވެ އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލު ފާހަގަ ކުރުމަށް އެފްއޭމުން އެކުލަވާލި ކޮމިޓީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ ޗެއާ އަދި ގައުމީ ޓީމުގެ ކުރީގެ ކޯޗު އަލީ ސުޒޭން ވިދާޅުވީ ރަށްރަށުން ފުޓްބޯޅަ ޝަހުސިއްޔަތު ކަނޑައަޅަން ފުރުސަތު ދޭނީ އެ ރަށަކަށް ކަމަށެވެ. އަދި އެކަމަށްޓަކައި އުސޫލުތަކެއް އެކުލަވާލާއި އެކަން އެފްއޭއެމުން ވަރަށް އަވަހަށް އާންމު ކުރާނެއެވެ.
”ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގއި ފުޓްބޯޅަ ޝަހުސިއްޔަތު އަޅުގަނޑުމެން ހޯދާނަން އިރާދަކުރެއްވިއްޔާ،“ ޑައިމަންޑް ޖޫބިލީ ކޮމިޓީ”ގެ ޗެއާމަން، އަލީ ސުޒޭން ވިދާޅުވިއެވެ.
”އެކަމަށް އަޅުގަނޑުމެން ކްރައިޓީރިއާ އެއް ހަދާނަން. 75 އަހަރު ފުރިގެން އަޅުގަނޑުމެން ކޮންމެ ރަށެއްގެވެސް ފުޓުބޯޅަ ޝަހުސިއްޔަތު ހޯދައިގެން، މި ބަލަނީ މުޅި ރާއްޖެ މިކަމުގައި ޝާމިލުކުރަން،“ ރޭ ގައުމީ ދަނޑުގެ ވީއައިޕީ ރޫމްގައި ބޭއްވި ޕްރެސްގައި ސުޒޭން ވިދާޅުވިއެވެ.
ސުޒޭން އިތުރަށް ވިދާޅުވީ ފުޓުބޯޅަ ޝަހުސިއްޔަތު ހޮވުމަކީ ވާދަވެރިވާނެ ވެސް ކަމެއް ކަމަށާއި، އެ ފުޓުބޯޅަ ޝަހުސިއްްޔަތުގެ ތެރޭގައި ފުޓުބޯޅައިގެ ނޫސްވެރިންނާއި ކޮމެންޓޭޓަރުންގެ އިތުރުން ކުޅުނު ކުޅުންތެރިންވެސް ހިމެނޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ރެފްރީއެއް ހުރި ނަމަވެސް، އެއީވެސް އެކަމުގައި ޝާމިލުވާނެ ކަމެއް ކަމަށް ސުޒޭން ފާހަގަކުރެއްވިއެވެ.






