ޕާކިސްތާން ކުއްޖަކު އޭ-ލެވެލް އިން ”A* 24“ ހާސިލްކޮށް ދުނިޔޭގެ ރެކޯޑެއް

Mahnoor-rac7qe7c5tqvijez8y7xjgff3u87mw34k4howsiljo.jpeg

ޕާކިސްތާނުގެ ލާހޯރަށް ނިސްބަތްވާ މާހްނޫރު ޗީމާ، އޭ ލެވެލް އިމްތިހާނުން 24 އޭ ރިޕޯޓް ހޯދައިގެން އެއް ދަރިވަރަކަށް މިހާތަނަށް ދެވުނު އެންމެ ގިނަ އޭ ގްރޭޑްގެ ދުނިޔޭގެ ރެކޯޑް ހޯދައިފި އެވެ.

އޭނާ އުފަންވެ ބޮޑުވަމުން އައީ އިނގިރޭސިވިލާތުގައި ކަމަށްވިޔަސް އޭނާގެ މައިންބަފައިން ބުނެފައިވަނީ އެއީ އަބަދުވެސް ޕާކިސްތާނު ކުއްޖެ ކަމަށާއި މުސްތަގުބަލުގައި އެހެންމީހުން ވެސް ދަރިފުޅު ސިފަކުރަން ބޭނުންވަނީ ވެސް އެގޮތަށް ކަމަށެވެ.

ހަމައެއާއެކު ދަރިފުޅުގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރަކީ އޭނާގެ މަންމަ ތައްޔަބާ ޗީމާ ކަމަށް މާހްނޫރު ބައްޕަ އުސްމާން ޗީމާ ބުންޏެވެ.

މެޑިސިންގް ދާއިރާއިން، ހާއްސަކޮށް ނިއުރޯ ސައިންސް އަދި ނިއުރޯސާޖަރީއަށް ޝައުގުވެރިކަން ހުންނަ މި ޒުވާނާއަށް ތައުލީމީ ރޮނގުން ލިބުނު ކާމިޔާބީއާ އެކު އޮކްސްފޯޑު ޔުނިވަސިޓީއިން މެޑިސިންގް ކިޔެވުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

މި ކާމިޔާބީގެ ވާހަކަދައްކަމުން މާހްނޫރު ބުނެފައިވަނީ މިއީ ”ހުވަފެނެއް ހަގީގަތަކަށް ހެދުން“ ކަހަލަ ކަމެއް ކަމަށެވެ. އަދި ތައުލީމީ ދަތުރުގެ އާ ބާބެއް ފެށުން ކަމުގައެވެ. އޭނާގެ ބައްޕަ، ބެރިސްޓާ އުސްމާން ޗީމާ ބުނެފައިވަނީ މާހްނޫރުގެ މި ކާމިޔާބަކީ ދުނިޔޭގެ ހަތަރު ރެކޯޑު މުގުރާލެވުނު ކާމިޔާބީއެއް ކަމަށެވެ.

މާހްނޫރު ވަނީ 2023 ވަނައަހަރުގެ ކުރީކޮޅު ސެކަންޑަރީ އެޑިއުކޭޝަން (ޖީސީއެސްއީ) އިމްތިހާނުން ޖުމްލަ 34 މާއްދާއިން ފާސްވެ، ނޫސްސްތަކުގެ ފަލަ ސުރުޚީއަށް އަރާފައެވެ. އަދި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށް 17 މާއްދާއިން އޭ* ގްރޭޑް ހާސިލްކޮށް، ފަހުން އިތުރު 17 މާއްދާ ފުރިހަމަކޮށް، ޔޫކޭގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައި އާދަޔާ ޚިލާފު ރެކޯޑެއް ހޯދާފައެވެ.

އޭލެވެލްގައި 24 މާއްދާ ހަދަން އޭނާ ނިންމި ނިންމުމާ ގުޅޭގޮތުން ބުނެފައި ވަނީ، އޭލެވެލްއަށް އޭނާގެ މަންމަ އޭނާ ތައްޔާރުކުރީ ވަރަށް ގިނަ ގޮންޖެހުންތަކެއް ކަޑައްތުކޮށްފައި ކަމަށާއި އެހެންކަމުން އެންމެ ހަތަރު ވަރަކަށް އޭލެވެލް މާއްދާގައި ބައިވެރިވުމަކީ އެންމެ އިންސާފުވެރި ނިންމުން ކަމަށް ނުދެކޭތީ ކަމަށެވެ.

ޖޮއިންޓް ކައުންސިލް ފޮރ ކޮލިފިކޭޝަންސް (ޖޭސީކިއު) އިން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރު ޔޫކޭގައި އޭ-ލެވެލްތަކުގެ 28.3 ޕަސެންޓަށް އޭ ނުވަތަ އޭ* ގްރޭޑް ދެވިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ 27.8 ޕަސެންޓާ އަޅާބަލާއިރު 0.5 ޕަސެންޓް ޕޮއިންޓްގެ އިތުރުވުމެކެވެ.

މާހްނޫރުގެ މި ކާމިޔާބީއަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފު ވަނީ މަރުޙަބާ ކިޔުއްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މާހްނޫރުގެ 24 އޭ-ލެވެލް ޑިސްޓިންކްޝަން އަދި 4 ދުނިޔޭގެ ރެކޯޑު ހޯދުމާއިއެކު، ފާހަގަކޮށްލެވޭ ތައުލީމީ މަރުކަޒަކުން ޖާގަ ލިބުމަކީ އެހެން ކުދިންވެސް އެކަމުން އިބުރަތް ހާސިލްކުރަން ޖެހޭކަމެއްކަމަށް ފާހަގަކޮށް ހިތްވަރު ދެއްވާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top