ފަސް އަހަރު ކުރިން ގެއްލުނު އޭދަފުށީ ނަސްރުﷲ ގެ މައްޗަށް ކަށުނަމާދު ކުރަނީ

263383_3_987b4279006d8136fce594495287f3a22c1caa6b_large.jpeg

ބ. އޭދަފުށީ މުސްތަރީގޭ ނަސްރުﷲ އަބްދުﷲ.

މީގެ ފަސްއަހަރު ކުރިން ކަނޑުމަތީގެ އެކްސިޑެންޓެއްގައި ގެއްލުނު ބ.އޭދަފުށީ މުޝްތަރީގޭ ނަސްރުﷲ އަބްދުﷲ ގެ މައްޗަށް މާދަމާ ޣައިބަށް ކަށުނަމާދު ކުރަން ނިންމައިފި އެވެ.

އުމުރުން 41 އަހަރުގައި އޭނާ ގެއްލުނީ ބ. ދަރަވަންދޫން ތިން މީހުންނާ އެކު މަސްވެރިކަމަށް ނުކުތް ޑިންގީ އަކާއި އޭދަފުށިން ދަރަވަންދު އަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް ބ. ދޮންފަނު ކައިރިން ޖެހި ހިނގި އެކްސިޑެންޓުގަ އެވެ.

ޑިންގީގެ ފަހަތަށް ލޯންޗު އަރައި އެކްސިޑެންޓު ހިނގިއިރު ނަސްރުﷲ އިނީ ޑިންގީގެ ފަހަތުގަ އެވެ. ވިއްސައިގެން ގޮސް އޭނާ މޫދަށް ވެއްޓުނު ފަހުން ނުފެންނަ ކަމަށް އޭނާއާ އެކު ޑިންގީގައި ތިބި މީހުން ބުނެފައިވެ އެވެ.

ނަސްރުﷲ ގެއްލިގެން އޭރު ވައިގެ މަގުންނާއި ރޮބެޓް ބޭނުންކޮށްގެން ސިފައިން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު “މިހާރު” އަށް މިރޭ ވިދާޅުވީ އާއިލާގެ ފަރާތުން ހުށަހަޅައިގެން ނަސްރުﷲ ގެ މަރު، މިދިޔަ އޭޕްރީލް މަހު ކޯޓުގައި ސާބިތުކޮށްފައިވާ ކަމަށެވެ. ނަސްރުﷲ ގެ ކަށުނަމާދުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ވެސް މިހާރު އަންގާފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

“އެހެންވެ، މިހާރު ނިންމާފައި ވަނީ މާދަމާ ހުކުރު ނަމާދަށް ފަހު، އޭދަފުށީގައި ހުންނަ ތިން މިސްކިތުގައި ވެސް ކަށުނަމާދު ކުރިއަށް ގެންދިއުމަށް،” ފާތިހު ވިދާޅުވި އެވެ.

ފަސް އަހަރު ފަހުން ނަސްރުﷲ ގެ މައްޗަށް މާދަމާ ކަށުނަމާދު ކުރިއަށް ގެންދަން ނިންމިއިރު މި ފަހުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކަނޑަށް ގެއްލޭ މީހުންގެ ކަށުނަމާދު ބޭއްވޭނީ އެ މީހެއްގެ މަރާ މެދު ގާޒީން ގޮތެއް ކަނޑައެޅުމުން ކަމަށެވެ.

އެގޮތަށް މިނިސްޓަރު ވިދާޅުވީ މާލެއަށް ދަތުރުކުރަނިކޮށް މިދިޔަ އޭޕްރީލް މަހު ރޯވި “ހޮޅުދޫ ބޯޓު” އިން ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މައްޗަށް އޭނާގެ އުފަން ރަށް، ލ. މާވަށުގައި ކަށުނަމާދުކުރަން ނިންމުމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top