މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް، ބޮލަކަށް 5،000 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހައިފިއެވެ.
ރާއްޖޭގައި މިވަގުތު 2،852 މީހުން ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވެފައި ވެއެވެ.
މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޖަމާކޮށްފައިވަނީ ޖުމްލަ 14،260،000 ރުފިޔާއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މުދަލު ޒަކާތް ފަޤީރުންގެ ދަފުތަރުގައި މިހާތަނަށް ރަޖިސްޓްރީވެފައިވާ 2،852 ފަގީރުންނަށް ކަމަށެވެ. އެއީ ކޮންމެ މީހެއްގެ ބޮލަކަށް 5000 ރުފިޔާގެ ރޭޓުންނެވެ. މިއީ މިދިޔަ އަހަރަށްވު ރެ 1،000 ރުފިޔާގެ އިތުރުވުމެެކެވެ.
މިދިޔަ އަހަރަކީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރެވެ. އެގޮތުން މުދަލު ޒަކާތަށް ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.
ރާއްޖޭގައި މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިސާބު ކަނޑައެޅުމުގައި ބަލަނީ ރަންރިހީގެ އަގުންނެވެ. އެގޮތުން އެ މީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ އަދަދަށް އަތުގައި ނުވަތަ ބޭންކުގައި ފައިސާ ހުރިނަމަ އަހަރެއް ފުރުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބު ވާނެއެވެ.
މުދަލު ޒަކާތް އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ކުރިން ދައްކަން ޖެހުނު ނަމަވެސް 2016ވަނަ އަހަރުން ފެށިގެން ވަނީ މުދަލު ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ.





