ހައްޖުވެރިން ބަލާ އެއާޕޯޓަށް ދާ މީހުން ވީހާވެސް މަދުކުރުމަށާއި ކުޑަކުދިން ނުގެންދިއުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން އިލްތިމާސް ކޮށްފިއެވެ.
ދަޢުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ މުހައްމަދު ހަމްޒަތު ރޭ ވިދާޅުވީ، ހައްޖު މޫސުން ނިމި، ހައްޖުވެރިން ރާއްޖެ އައުމާއި ގުޅިގެން ހުން އައުމާއި ރޯގާޖެހުން އިތުރުވެދާނެ ކަމަށެވެ. އެހެންކަމުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން، މީހުން ގިނައިން ގޮސްއުޅޭ އެއާޕޯޓް ފަދަ ތަންތަނަށް ދިއުން ރައްކާތެރިނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ހަމްޒަތު ވަނީ، ހައްޖުން އައުމަށްފަހު ބާއްވާ ހަފުލާތައް ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި މަދުކޮށްލުމަށް އެދިވަޑައިގެންފައެވެ. އަދި ހައްޖުން ވަޑައިގަންނަވާ ބޭފުޅުން ފުރަތަމަ ދެ ހަފުތާގެ ތެރޭގައި މާސްކު ނާޅައި މީހުންގެ ތެރެއަށް މާބޮޑަށް ނުކުމެ ނޫޅެންވެސް އޭނާ އިލްތިމާސް ކުރެއްވިއެވެ.
“މިކޮޅަށް ވަޑައިގަންވާއިރު ހުމެއް ރޯގާއެއް ނެތް ނަމަވެސް 14 ދުވަސްތެރޭގައި އެކަހަލަ ކަމެއް ދިމާވެއްޖެނަމަ އަވަހަށް ހޮސްޕިޓަލަށް ގޮސް ދައްކަން ވާނެ، އަދި ދައްކާއިރު ހިސްޓްރީ ރަނގަޅަށް ކިޔާދިނުމަކީ ވަރަށް މުހިންމު ކަމެއް.” ހަމްޒަތު ވިދާޅުވިއެވެ.
ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ.