ފިތުރު އީދުގެ މުނާސަބަތުގައި ޔޫތު އެސޯސިއޭޝަން އޮފް ކަމަދޫ އިނީޝިއޭޓިވް (ޔަކީސް )ޖަމިއްޔާއިން ބޮޑެތި އިނާމު ތަކަކާއެކު މިއަދު ހަވީރު މަސް ރޭހެއް ބާއްވަން ނިންމައިފި އެވެ.
ޖަމިއްޔާގެ ރައީސް މުހައްމަދު ޝަމީމު ވިދާޅުވި ގޮތުގައި ކަމަދޫ މަސްވެރިންނަށް ޚާއްސަކޮށް އާއްމުކޮށް ކަމަދޫ ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާ މި މަސް ރޭސް އޮންނާނީ މިއަދު ހަވީރު 4:00އިން ފެށިގެން ރޭގަނޑު 9:00 އާއި ހަމައަށެވެ.
މި މަސްރޭހުގައި އެއްވަނަ އަށް އަންނަ ފަރާތަކަށް 5000 ރުފިޔާ ކަނޑައަޅާފައިވާއިރު ދެވަނައަށް ކަނޑައަޅާފައިވަނީ 3000 ރުފިޔާ އެވެ. ތިންވަނަ އިނާމަކީ 2000 ރުފިޔާއެވެ. ހަމައެހެންމެ އެންމެ ބޮޑުމަހާއި އެންމެ ބަރުމަސް ބާނާ ފަރާތަކަށް ވެސް ވަނީ 500 ރުފިޔާ ކަނޑައަޅާފައެވެ. މީގެ އިތުރުން މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް ވަނީ 500 ރުފިޔާ ކަނޑައަޅާފައިވާކަމަށް ރައީސް މުހައްމަދު ޝަމީމު ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ މިކަމަށް ލިބުނު ތަރުހީބުވެސް ވަރަށް ރަނގަޅު ކަމަށާއި ދިހަވަރަކަށް ޓީމް ބައިވެރިވި ކަމަށެވެ.
”މިއީ ފިތުރު އީދުގެ މނާސަބަތުގައި ބާއްވާ ފުރަތަމަ މަސްރޭސް ކަމަށްވިޔަސް އަންނަ އަހަރުވެސް މި މުބާރާތް ހަމަމިގޮތަށް އޮންނާނެ.“ ޝަމީމް ވިދާޅުވި އެވެ.
”ޔަކީސް“ ޖަމިއްޔާއަކީ މީގެ އަހަރުތަކެއް ކުރިން އުފެދުނު ޖަމިއްޔާއެކެވެ. އިޖްތިމާއީ ކަންކަމުގައި ވަރަށް ހަރަކާތްތެރި ޖަމިއްޔާއެއް ކަން ފާހަގަ ކުރެވެއެވެ.
”ކޮންމެ އަހަރަކުވެސް ރަށުގެ ރައްޔިތުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި ޖަމިއްޔާއިން އެހީތެރިކަން ފޯރުކޮށްދެން. މިއަހަރު މިދިނީ ކޮންމެ ގޭބިސީއަކަށް 500 ރުފިޔާ. އޭގެ ކުރީ އަހަރުތަކުގައި މަސްދަޅު ކޭސް ކަހަލަ ތަކެތި ވާނީ ގޭބިސީ ތަކަށް ހަދިޔާ ކޮށްފައި. ރަށުގެ އިޖްތިމާއީ ހުރިހާ ކަމެއްގައި އަޅުގަނޑުމެންގެ ބައިވެރިވުން އޮންނާނެ. ކައުންސިލުން ކުރިޔަސް ރަށުގެ ، ސްކޫލް ނުވަތަ ހެލްތު ސެންޓަރު ކަމުގައި ވިޔަސް އެހެން މުއައްސަސާއަކުން ކުރި ނަމަވެސް އަޅުގަނޑުމެންގެ މެކްސިމަމް ބައިވެރިވަން “ޝަމީމް ވިދާޅުވި އެވެ.
އެ ޖަމިއްޔާއިން ވަނީ 1446 ވަނަ އަހަރު ކަމަދޫ ސްކޫލްގެ ދަރިވަރުންގެ މެދުގައި މަދަހަ މުބާރާތެއް ބާއްވާފައިކަން ވެސް ފާހަގަ ކޮށްލެވެ އެވެ.
އިތުރަށް ޝަމީމް ވިދާޅުވި ގޮތުގައި ޣާއްޒާގެ މުސްލިމް ރައްޔިތުންނަކީ ކިތަންމެ ދުރުގައިވިޔަސް އަޅުގަނޑުމެންގެ އަޚުން ކަމަށާއި އެ އަޚުންގެ ނިކަމެތި ހާލަށް އެހީވުމަކީ ކޮންމެ މުސްލިމެއްގެ ވެސް ވާޖިބެއްކަމަށާއި މި ޖަމިއްޔާއިން ދެކޭ ކަމަށެވެ. އެހެންކަމުން ޚިދުމަތް ޖަމިއްޔާ މެދުވެރިކޮށް ރޯދަމަހު ޣައްޒާގެ މުސްލިމް ރައްޔިތުންނަށް 1000 ޑޮލަރު ފޮނުވާފައިވާކަން ޖަމިއްޔާއިން ފާހަގަކުރަނީ އަހަރުގެ އެންމެ ބޮޑު އުފަލުގެ ގޮތުގައެވެ.