ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހދ. ނޮޅިވަރަންފަރުގައި އިމާރާތްކުރި 100 ހައުސިން ޔުނިޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު ބާތިލުކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އަންގައިފިއެވެ.
މިއީ މީގެ 12 އަހަރު ކުރިން އަޅަން ފެށި 100 ހައުސިންގ ޔުނިޓްގެ ތެރެއިން ރަށުގެ ރައްޔިތުންނަށް 75 ޔުނިޓާއި އަދި ރަށަށް ބަދަލުވި މީހުންނަށް 25 ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
މި މައްސަލަ ކޮމިޝަނުން ބަލަން ޖެހުނީ ރަށުގެ 279 ރައްޔިތުން ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ. އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ކަންކަން ބެލުމަށްފަހު، ކޮމިޝަނުން ނިންމީ މިހާރު އެކުލަވާލާފައިވާ އުސޫލުގެ ސަބަބުން ފޯމު ހުށަހެޅި ފަރާތްތަކުގެ ގާނޫނީ ހައްގުތަކަށް އުނިކަން އަތުވެދާނެ ކަމަށެވެ. އަދި މިހާރު އޮތް އުސޫލުގެ ދަށުން ފޯމުތައް އަލުން އިވެލުއޭޓް ކުރުމަކީވެސް އިންސާފުވެރި ގޮތެއް ނޫންކަމަށް ކޮމިޝަނުން ދެކެއެވެ.
“.. ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓު ދިނުމަށް މިހާރު އިއުލާންކޮށްފައިވާ ވަގުތީ ލިސްޓު ބާތިލުކުރުމަށާއި، މި ހައުސިން ޔުނިޓުތައް ދޫކުރުމުގެ އުސޫލުގައި ހުރި މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ލިބެންދާނެ ގޮތަށް އުސޫލު އިސްލާހުކޮށް، އަލުން އިއުލާންކުރުމަށާއި އަދި އުސޫލު އިސްލާހުކޮށް އަލުން އިއުލާންކުރާ އިރު، ގާނޫނުއަސާސީ އާއި ކަމާ ގުޅުންހުރި ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތައް ހަނިނުވާނޭ ގޮތަށް އުސޫލު އެކުލަވާލުމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގެ ދަށުން ތިލަދުންމަތީ ދެކުނުބުރި ނޮޅިވަރަންފަރު ކައުންސިލުގެ އިދާރާއަށް ވާނީ އަންގައިފައެވެ..،” އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.
އެޗްއާރުސީއެމުން ބުނީ އެ ކޮމިޝަނުގެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައިނުވާ ނަމަ، ގާނޫނުގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެ ވާހަކަ ދަންނަވައި، އެ 100 ހައުސިން ޔުނިޓާ ގުޅޭގޮތުން ތަހުގީގުކޮށްފައިވާ މައްސަލަ ކޮމިޝަނުން ބަލައި ނިންމައި، މައްސަލައާ ގުޅިގެން ނިންމާފައިވާ ގޮތް ނޮޅިވަރަންފަރު ކައުންސިލާއި ހައުސިން މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަދި މައްސަލަ ހުށަހެޅި ފަރާތާ ހިއްސާކޮށްފައިވާނެ ކަމަށެވެ.