ޖުވާގެ ނަން ބޭނުންނުކޮށް އެހެން ނަންނަމުގައި އެކަންދަނީ ފަތުރަމުން: ޚުތުބާ

original_1729238449286.jpeg

ޖުވާގެ ނަން ބޭނުންނުކޮށް ބެޓުކުރުމާ ލޮޓަރީ އާއި ޖެކްޕޮޓް ފަދަ ނަންނަމުގައި އެކަން ފަތުރަމުންދާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

އެފަދައިން އެކަން ފަތުރަމުން އިބިލީހުގެ އަނދަވަޅުތައް ކޮންނަމުން ދަނީ މުސްލިމުންގެ ދީނީ ޝިއާރުތަކާ ދުރުހެލިކޮށް ޝައިތާނާގެ އެކުވެރިންނަށް ހެދުމަށް ޓަކައި ކަމަށް ޚުތުބާގައި ބުންޏެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ ”ޖުވާކުޅުމަކީ ހަރާމް ކަމެއް“ގެ މައްޗަށެވެ.

މިއަދުގެ ޚުތުބާގައި ބުނީ، الله سُبُحَانَهُ وَتَعَالَى އެކަލާނގެ މާތް ފޮތުގައި ވަނީ ޖުވާގެ ހުރިހައި ބާވަތްތަކެއް ހަރާމް ކުރައްވާފައި ކަމަށެވެ. އަދި އެކަލާނގެ ބަޔާންކުރައްވައިފައިވާ ގޮތުގައި އެއީ ޝައިތާނާގެ ހަޑި ހުތުރު އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ކަންވެސް ފާހަގަކޮށްފައިވެއެވެ.

ޚުތުބާގައި ބުނީ، الله ޖުވާ ހަރާމްކުރެއްވީ އެއިން ފަރުދުންނަށާއި މުޖުތަމައަށް ލިބޭ ގެއްލުމާއި އެ ކަމުގައި ހިމެނޭ ފަސާދައިގެ ބޮޑުކަމުން ކަމަށެވެ.

”…އޭގެ ތެރޭގައި ޖުވާކުޅޭ ވެބްސައިޓުތަކާއި، ގޭމުތަކާއި، އެޕުތައް ހިމެނޭ. މި ވަބާގެ ޝިކާރައަކަށް ހަރުމީހުންނާއި ޒުވާނުންނާއި ކިޔަވާކުދިން ވެގެން ދާކަމީ ނުހަނު ހިތާމަހުރިކަމެކެވެ. މި ކަންކަމުން ދަރީން ސަލާމަތްކުރުމަށްޓަކައި ބެލެނިވެރީން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ،“ ޚުތުބާގައި ބުންޏެވެ.

ޖުވާ ކުޅުމަކީ މާތް الله ހަރާމްކުރައްވައިފައިވާ ބޮޑެތި މުންކަރާތް ތަކަށް އަރައިގަތުމަށް ހިތްވަރުދޭ ކަމެއް ކަމަށާއި އެ ކަމުގެ ސަބަބުން ދަރަނިވެރިވުމާއި، ރިޝްވަތުނެގުމާއި، ދޮގުހެދުމާއި، ވައްކަންކުރުމާއި، މަސްތުވާތަކެތީގެ އަޅަކަށްވުން ހިމެނޭ ކަމަށާ، ޖުވާ ކުޅުމުގެ ސަބަބުން ތިމާގެ ލޮބުވެތި ޢާއިލާ ޚަރާބުވެ ގެދޮރު ގެއްލި އަނބިދަރީން ނިކަމެތިވާ ކަމަށް ޚުތުބާގައި ބުންޏެވެ.

އެހެން ކަމުން އަހަރެމެންނާއި އަހަރެމެންގެ އަނބިދަރިންނަށް ދެވޭ ތަކެއްޗަކީ ހަލާލު ގޮތުގައި ހޯދައިފައިވާ ތަކެތިކަމުގައި ހެދުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވާ ގޮތުގައި، އަޅާ އޭނާ މުދާ ހޯދީ ކޮންތާކުންތޯއާއި އެ މުދާ ހޭދަކުރީ ކޮންކަމަކުތޯ ސުވާލުވެވިއްޖައުމަށް ދާންދެން ގިޔާމަތް ދުވަހުގައި އޭނާގެ ދެފައި ހުރިތަނުން ގުޑުވައިނުލެވޭނެ ކަމަށް ޚުތުބާގައި ވަނީ ހަނދާން ކޮށްދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top