ހއ. އަތޮޅުގެ ކައުންސިލްތަކުގެ މުވައްޒަފުން، ކޮލެޖު އަދި ޔުނިވާސިޓީތަކުން ހިންގާ ފަންނީ ކޯސްތަކުގައި ބައިވެރިކޮށް އެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން ދެ، ކައުންސިލް މުވައްޒަފަކަށް އެހީ ދީފިއެވެ.
އެ ދެ މުވައްޒަފުންނަށް އެހީ ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ހެނދުނު ހއ. އަތޮޅު ކޮންފަރެންސް ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މާލީ އެހީ ދީފައިވަނީ ހއ. އަތޮޅު ކައުންސިލްގެ ސީނިއާ ކައުންސިލް އޮފިސަރު ދީމާ ހަސަނާއި އެ އަތޮޅު އިހަވަންދޫ ކައުންސިލްގެ ކައުންސިލް އޮފިސަރު އިބްރާހީމް ސުހޭލަށެވެ.
އެ ދެ މުވައްޒަފުންނަށް އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގެވެ.
މާލީ އެހީގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 37،500 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.
މިއީ، މި އަހަރު ހއ. އަތޮޅު ކައުންސިލްގެ ވޯކް ޕްލޭންގައި ހިމަނައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ހަރަކާތުގެ މަޤުސަދަކީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާގައި ކުރިއަށް ދިއުމަށާއި މުވައްޒަފުންގެ ތެރޭގައި ލީޑާޝިޕް ކުރިއަރުވުމެވެ.
ހަމައެހެންމެ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށާއި ފަންނީ ދާއިރާތަކުން ތަމްރީން ލިބިފައިވާ ގާބިލު ބަޔަކަށް މުވައްޒަފުން ހެދުން ހިމެނޭ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.