އޭދަފުއްޓާއި މާލެއާއި ދެމެދު ދަތުރުކުރާ ހައިސްޕީޑް ފެރީތަކުގެ ވާދަވެރިކަމުގެ ފައިދާ އޭދަފުށީ ރައްޔިތުންނަށް ލިބިއްޖެ އެވެ.
އޭދަފުއްޓާއި މާލެއާއި ދެމެދު ހައިސްޕީޑް ފެރީގެ ޚިދުމަތް މިހާރު ދެމުން ގެންދަނީ ޔޫސުފް ސްޕީޑް ސާވިސް އިންނާއި ނަޔާ ފެރީ ސަވިސް އިންނެވެ. ނަޔާ ފެރީން މިޚިދުމަތް ދޭން ފަށާފައިވަނީ މިދިޔަ ހަފްތާއިން ފެށިގެންނެވެ.
މާދަމާއިން ފެށިގެން އޭދަފުށީ ރައްޔިތުން މާލެއަށް އާއްމުކޮށް ދަތުރު ކުރަމުން އަންނަ ޔޫސުފް ސްޕިޑް ސާވިސް އިން ކޮޅަކަށް ނަގަން ނިންމާފައިވަނި ކުރިއަށް ވުރެ 100 ރުފިޔާ އަގުހެޔޮކޮށް 500 ރުފިޔާއެވެ. މި ބަދަލު ގެނައީ އަލަށް މި ޚިދުމަތަށް ނުކުތް ނަޔާ ފެރީން ކޮޅަކަށް 500 ރުފިޔާއަށް ދަތުރު ކޮށްދޭން ފެށުމުން ކަމަށް ބެލެވެ އެވެ.
ނަމަވެސް މިއަދު އަނެއްކާވެސް ނަޔާ ފެރީން ވަނީ މާލެއާއި އޭދަފުއްޓާއި ދެމެދުގެ ދަތުރުތަކަށް ޕްރޮމޮޝަނެއްގެ ދަށުން ކޮޅަކަށް 400 ރުފިޔާ އަށް އަގު ދަށްކޮށްފަ އެވެ. ޕްރޮމޯޝަން ފަށާފައިވަނީ، ޔޫސުފް ފެރީގެ ޓިކެޓް އަގު މާދަމާއިން ފެށިގެން 500 ރުފިޔާއަށް ދަށްކުރަން ނިންމާފައި ވަނިކޮށެވެ.
ނަޔާ ފެރީ ސާވިސް އަކީ ކުރިން ރ. އަތޮޅުގައި ސްޕީޑް ފެރީގެ ޚިދުމަތް ދެމުން އައި ބައެކެވެ.
ނަމަވެސް ނަޔާ ސްޕީޑުން މިހާރު ވަނީ ބ.އަތޮޅާއި ހަމައަށް ޚިދުމަތް ފުޅާކޮށް ކޮންމެ ހަފްތާއެއްގެ ހުކުރު ފިޔަވައި ހުރިހާ ދުވަހަކުވެސް މާލެއާއި އޭދަފުއްޓާއި ދެމެދު ދަތުރު ކުރަމުންނެވެ.