މި ސަރުކާރު ވައްޓަނުލެވޭނެ ކަމަށާއި އެކަމަސް ޖާގަ ނުދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ބައެއް ވެބްސައިޓުތައް ސަރުކާރުން ބްލޮކް ކުރުމާއި ގުޅިގެން މެންބަރަކު ހުށަހެޅި ކުއްލި މައްސަލައަކަށް ބަހުސް ކުރައްވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަލީމްވަނީ އިދިކޮޅު މެންބަރުންނަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެގޮތުން މިސަރުކާރާ މަޖިލީހުގެ މެޖޯރިޓީ ނަގާނެ ކަމަށާއި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމުގެ ރޭވުންތައް ހަމަހިލާ ކާމިޔާބުވިޔަ ނުދޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.
”ރުހުންވެސް ހޯދާނަން، ސަރުކާރު ވައްޓައެއްވެސް ނުލެވޭނެ. އެކަމަށް ފުރުސަތެއްވެސް ނުދޭނަން. އަޅުގަނޑުމެން ސަލާމަތުން ތިއްބާ މި ސަރުކާރު ވައްޓައެއް ނުލެވޭނެ. ފަސް އަހަރު ވަންދެން މި ސަރުކާރު އޮންނާނެ، އިއްޒަތްތެރި ރައީސްވެސް ޖެހޭނީ ތިތަނުން ފައިބަން. އިއްޒަތްތެރި ރައީސްގެ ރޭވުމުގެ ދަށުން ހަމަ ރުހުން ނުދިނުމަށް ކުރިން ދުވަހުވެސް އެޖެންޑާކޮށްފައި އެޖެންޑާއިން ނެގީ ހަމަ އިއްޒަތްތެރި ރައީސްގެ ރޭވުމުގެ ދަށުން.” ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ މި ސަރުކާރު ފަސް އަހަރުގެ ދައުރެއް ނިންމާލާނެ ކަމަށާއި ކިތަންމެ ވަރަކަށް އަޑުގަދަކުރިޔަސް ސަރުކާރު ވައްޓައެއް ނުލެވޭނެ ކަމަށެވެ. އަދި ސަރުކާރެއް ވިއްޔާ ބާރުތަކެއްވެސް ލިބިފައިވާނެ ކަމަށް ވިދާޅުވިއެވެ.
”އެހެންވީމަ، އިއްޒަތްތެރި ރައީސް ހިތަށް އެރި ގޮތަށް ހަދަން ނުވިސްނާތި! ނުހެދޭނެ! ހޫމްމްމްމް. މަޖިލިސްގެ ކޮންޓްރޯލް ވެސް ނަގާނަން އިރާދަކުރެއްވިއްޔާ މާތްﷲގެ ރަހުމަތްފުޅާ އެކު،” ސަލީމް ވިދާޅުވިއެވެ.
ރައްޔިތުން ހޮވާފައި ހުންނެވި ވެރިޔަކު، ރައްޔިތުން ހޮވާފައިވާ ސަރުކާރެއް ވައްޓާލަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދަނީ ލަދު ހަޔާތް ކުޑަވުމުން ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.