ވެރިފަރާތަށް ޕާސްޕޯޓު ދޫކުރުމުގައި ދެން އައިޑީ ކާޑު ބޭނުމެއްނުވާނެ

big_qnM66M6xJozYBeOGGht3tprL1.jpg

ވެރިފަރާތަށް ޕާސްޕޯޓު ދޫކުރުމުގައި އައިޑީ ކާޑު ގެންނަން ނުޖެހޭގޮތަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ނިންމަވައިފި އެވެ.

އިމިގްރޭޝަނުން ބުނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުގެ ދަށުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، އިމިގްރޭޝަންގެ ޚިދުމަތްތައް ވެސް އެގޮތަށް ބައްޓަންކުރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.

އެގޮތުން، އިލެކްޓްރޯނިކް ޕާސްޕޯޓާއި ހަވާލުވުމަށް ވެރިފަރާތުން ހާޒިރުވާނަމަ މިހާރު އައިޑީ ކާޑު ގެނައުން ލާޒިމެއް ނުވާނެ އެވެ. އަދި 18 އަހަރުނުވާ ކުދިންގެ ބެލެނިވެރިން ކުދިންނާއެކު ޕާސްޕޯޓާއި ހަވާލުވުމަށް އަންނައިރު، އެފަރާތްތަކުގެ އައިޑީ ކާޑުގެ ފޮޓޯއެއް ދެއްކުމުން އައިޑީ ކާޑު ވެރިފައި ކޮށްދޭނެ އެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ ނޮން-އިލެކްޓްރޯނިކް އަދި އެމަޖެންސީ ޕާސްޕޯޓު ދޫކުރުމުގައި ވެސް ވެރިފަރާތުން ޕާސްޕޯޓާއި ހަވާލުވާނަމަ އައިޑީ ކާޑު ގެނައުން ލާޒިމެއް ނުވާނެ ކަމަށެވެ. މަގުބޫލު އުޒުރެއް އޮވެގެން އެހެން ފަރާތަކުން ޕާސްޕޯޓާއި ހަވާލުވާނަމަ އިގުރާރު ސިޓީގައި އެފަރާތެއްގެ އައިޑީ ކާޑުގެ ސިރީއަލް ނަންބަރު ޖަހަންޖެހޭ ކަމަށް ބުންޏެވެ. އެއަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އައިސް އެފަރާތެއްގެ އައިޑީ ކާޑުގެ ފޮޓޯއެއް ދެއްކުމުން ވެރިފައި ކޮށްދޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި އެ އިދާރާގެ މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، ޚިދުމަތް ހޯދުމަށްދާ ރައްޔިތުންގެ އަޑުއަހައި އެފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދީ، އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top