ހައްގުތައް ގެއްލޭ ގޮތަށް ފިޔަވަޅެއް ނޭޅުމަށް ކައުންސިލްތަކަށް އަންގައިފި

379673_3_6352bd465df9ba2baddc55799a305c9a9f092d41_large.jpeg

ފެލިދޫ ކައުންސިލް އިދާރާ.-- ފޮޓޯ: އައިލްސް

ލޯކަލް ކައުންސިލްތަކުން ނިންމާ ނިންމުންތަކަކީ އެއްވެސް ރައްޔިތެއްގެ މަދަނީ ހައްގަކަށް އުނިކަން ނާންނާނޭހެން އަދި ހުރިހާ ރައްޔިތުންގެ ހައްގުތައްވެސް ކަށަވަރުވާނޭހެން ނިންމާ ނިންމުންތަކަކަށް ހެދުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެލްޖީއޭއިން މިކަމަށް އިލްތިމާސްކޮށްފައި މިވަނީ ވ.ފެލިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މީހުންނާއި އެމީހުންގެ އަނބިން ފިރިން އަދި ދަރިންނަށް ކައުންސިލުން އެއްވެސް ޚިދުމަތެއް ނުދިނުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ދައުރު ވަމުންދިޔަ ޚަބަރާ ގުޅިގެން ހުރިހާ ކައުންސިލްތަކަށް އަމާޒުކޮށް ނެރުނު ބަޔާނެއްގައެވެ.

އެލްޖީއޭއިން ބުނީ އެކިއެކި ފަރާތްތަކުން ކައުންސިލްތަކުން ލިބިގަންނަ ޚިދުމަތްތަކާއި މަދަނީ މުއާމަލާތްތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ގަވައިދުން ނުދެއްކުމަކީ އެ އޮތޯރިޓީން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އެކަމުގެ ސަބަބުން ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މާލީގޮތުން ގޮންޖެހުން ކުރިމަތިވާނެ ކަމަށް ވެސް އެލްޖީއޭއިން ބުންޏެވެ.

ހަމަ އެހެންމެ ގާނޫނު އަސާސީގައި ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތަކުގެ ތެރެއިން ބައެއް ކަންކަން ހަމަޖައްސައިދެނީ ކައުންސިލުތައް މެދުވެރިކޮށް ކަމަށްވާއިރު ކައުންސިލަކުން ފޯރުކޮށްދޭ ޚިދުމަތްތަކުން އެއްވެސް ރައްޔިތަކު މަހުރޫމު ކުރެވޭނީ ގާނޫނުއަސާސީ އާއި ޚިލާފު ނުވާނޭހެން ފާސްކޮށްފައިވާ ގާނޫނަކުން ނުވަތަ ގަވާއިދަކުން އެކަންކުރުމުގެ ބާރު ލިބިގެން ކަމަށްވެސް އެލްޖީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެލްޖީއޭ އިން ބުނީީ ކައުންސިލަކާއެކު ވެވޭ މަދަނީ މުއާމަލާތެއްގެ ސަބަބުން އެފަރާތަކުން އަދާކުރަންޖެހޭ ކަމެއް ނުވަތަ ދައްކަން ޖެހޭ ފައިސާއެއް ނުދެއްކުމަކުން ވަކިފަރުދަކާ މެދު ފިޔަވަޅެއް އަޅަން ވާނީ އެފަދަ މުއާމަލާތަކާ ގުޅިގެން ހެދިފައިވާ އެއްބަސްވުމެއްގައި ބަޔާންކުރާ ނުވަތަ ގާނޫނާއި ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެ މަތިން ކަމަށެވެ.

މީގެ އިތުރުން އެއްވެސް ރައްޔިތަކު އެ ނިންމުމެއްގެ މައްޗަށް އަމަލުކުރަން ލާޒިމުވާ ނިންމުމެއް ކައުންސިލަކުން ނިންމެވުމުގެ ކުރިން އެކަން ކަމަށް ބޭނުންވާ މުނިސިޕަލް ގަވައިދުތައް ކައުންސިލްތަކުން ފާސްކޮށް ގެޒެޓްކުރުމަށް ވެސް އެލްޖީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top