ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން އޭދަފުށީ ޒުވާނުންގެ ކްލަބްގެ ފަރާތުން ބާއްވާ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން މިއަދު ބާއްވައިފިއެވެ.
އޭދަފުށީ މަލްޓިޕާޕަސް ބިލްޑިންގގެ ޖަލްސާކުރާ މާލަމުގައި ގުރުއަތުލުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި 7 ޓީމުން ވެސް ބައިވެރިވިއެެވެ.
2 ގްރޫޕް އަކަށް ބަހާލައިގެން ބޭއްވުމަށް ނިންމާފައިވާ މި މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނެނީ ކިހަވައް ސްޓްރައިކާސް ،މިލައިދޫ އައިލެންޑް މޯލްޑިވްސް ، ފޯސީޒަން މޯލްޑިވްސް ގެ އިތުރުން ޓީމް ސޮނޭވާފުށްޓެވެ.
ގްރޫޕް ބީ ގައި ހިމެނެނީ ދުސިތު ތާނީ މޯލްޑިވްސް ، ޓީމް ކިހާ ، އަދި ދަ ސްމޯލް މޯލްޑިވްސް ގެ ޓީމެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 16 ގައެެވެ. މުބާރާތް ހުޅުވާ މެޗުގައި ކިހަވައް ސްޓްރައިކާސް އާ ދެކޮޅަށް ނުކުންނާނީ އާއި މިލައިދޫ އައިލެްޑް މޯލްޑިވްސްގެ ޓީމެވެ.
އޭދަފުށީ ޒުވާނުންގެ ކްލަބުން ބުނީ މިއީ ބ. އަތޮޅުގެ ރިސޯޓްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގްސަދުގައި ބާއްަމުން އަންނަ މުބާރާތެއްކަމާ މި މުބާރާތަކީވެސް ކާމިޔާބު، ފުރިހަމަ އަދި ފޯރިގަދަ މުބާރާތަކަށް ވާނެކަމަށް އުއްމީދު ކުރާ ކަމަށެވެ․
ޒުވާނުންގެ ކްލަބުން ބުނި ގޮތުގައި މި މުބާރާތުގައި މިއަހަރު ވާދަކުރާ ޓީމްތަކުގެ ތެރެއިން ޗެމްޕިއަން ޓީމަށާއި ރަނައަޕް ޓީމަށް އަންނަ އަހަރުގެ އަޟްހާ އީދުގައި ބާއްވާ ފްރެންޑްލީ ޔޫތް ކަޕްގައި ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.