
އޭދަފުށީ އިންޖީނުގެ. މިއަންނަ މަހުތެރޭގައި 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް މިއިންޖީނުގެއަށް ގެނައުމަށް މަސައްކަތް ކުރެވެމުންދާކަމަށް ސަލީމް ވިދާޅުވި .
އޭދަފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އަންނަމަހުގެތެރޭގައި އޭދަފުއްޓަށް 600 ކިލޯވޮޓްގެ ބްރޭންޑް ނިއު ޖަނަރޭޓަރެއް ގެނައުމަށް ފެނަކަ ކޯޕަރޭޝަނާއެކު މަޝްވަރާކުރަމުންދާކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ އޭދަފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމާބެހޭގޮތުން އީވީން ރޭ ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ސަލީމް ވިދާޅުވީ އޭދަފުށީގެ ކަރަންޓްގެ ހާލަތު ދަށްކަން އެނގިވަޑައިގަންނަވާކަމަށާ، މާޅޮހާ، ހިތާދޫވެސް ހަމައޮތީ ވަރަށް ދަށުގައިކަމަށެވެ. އޭނާ ވިދާޅުވީ އަންނަމަހު ފެނަކަ ކޯޕަރޭޝަނުން ރާއްޖެގެންނަ ޖަނަރޭޓަރުތަކުގެތެރެއިން އޭދަފުއްޓަށް 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ފެނަކަ ކޯޕްރޭޝަންގެ އިސްވެރިންނާ މަޝްވަރާކޮށް ހަމަޖެހިފައިވާކަމަށާ، އެޖަނަރޭޓަރު ލިބިއްޖެ ނަމަ އޭދަފުށި ހައްލުވެގެން ދާނޭކަމަށެވެ.
” އަޅުގަނޑު އިއްޔެވެސް ނިމާލާ (ފެނަކަ ކޯޕަރޭޝަންގެ އެމްޑީ) މަޝްވަރާކުރިން ކިހާ ހިސާބަކުތޯ ޖަނަރޭޓަރު ލިބޭވަރުވާނީ. ވިދާޅުވީ މިއަންނަ ހަފްތާ ބިޑަށްލާނޭ. އަންނަމަހު އޭދަފުއްޓަށް ފޮނުވޭވަރުވާނޭ. އެހެންވީމާ އެއީ ވަރަށް ބޮޑު ހައްލަކަށް ވާނެ. އޭދަފުށީ ހައްލުވާއިރަށް ހިތާދުއަށް ދެން މާޅޮހަށް ގޮތެއް ހަމަޖައްސާދޭނަމޭވެސް ވިދާޅުވި” ސަލީމް ވިދާޅުވިއެވެ.
3000 އަށްވުރެ ބޮޑު އާބާދީއެއްއޮތް އޭދަފުށީ އިންޖީނުގޭގައި ބޭނުންކުރާ ޖަނަރޭޓަރުތައް މައްސަލަޖެހި މިދިޔަ އަހަރު ދެފަހަރެއްގެ މަތިން އެކިދުވަސްތަކުގައި ރަށުގެ އެކިސަރަހައްދުތަކުން ކަރަންޓް ކަނޑަންޖެހުނެވެ. މިމައްސަލަ ކުރިމަތިވުމާ ގުޅިގެން ރަށުގެ އާންމުންނާ، ވިޔަފާރިވެރިން އަދި ސަރުކާރު އޮފީސްތަކަށް އެކިކަހަލަ ގެއްލުންތައް ލިބުނު ކަމަށްވެއެވެ.
އޭދަފުށީ އިންޖީނުގޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އޭދަފުށީގެ މެކްސިމަމް ޑިމާންޑް މިވަގުތު ހުރީ 510 ކިލޯވޮޓްގައެވެ. އެހެންކަމުން 600 ކިލޯވޮޓަށްވުރެ ކުޑަނޫން ޖަނަރޭޓަރެއް އަވަސް މުއްދަތެއްގައި އޭދަފުއްޓަށް ގެންނަން މަޖުބޫރުވެފައިވާކަމަށް އޭދަފުށީ އިންޖީނުގެއިންވެސް ބުނެއެވެ.