ރިޔާސީ ބަހުސަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕޭންގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މާރިޔާ މިކަން ހާމަކުރެއްވިއިރު، ސަންގު ޓީވީގެ ރިޔާސީ ބަހުސްގައި ވެސް ރައީީސް ބައިވެރިވެވަޑައިނުގަންނަވާ ކަމަށާއި، އެ ބަހުސަށް އެމަނިކުފާނު ފިއްލަވައިފައިވާކަން އެ ޓީވީން އިއްޔެ ހާމަ ކުރުމުން، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ — އެމްއެންޔޫ އާއި ޕީއެސްއެމް އިން އިންތިޒާމުކުރާ މި ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ފުރަތަމަ ދުވަހުގެ ރޭ 9:00 ގަ އެވެ.
ފަހު ވަގުތު، ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވަން ރައީީސް ނިންމެވި ނިންމެވުމާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ބަހުސަށް ވަޑައިގަންނަވާނެކަން ރައީސް ކަށަވަރު ކޮށްދެއްވާފައިވާ ކަމަށެވެ.
“އަޅުގަނޑަށް އެބަ ކޮންފާމް ކޮށްދެއްވާ ރައީސް ސޯލިހު އެމްއެންޔޫ ބަހުސަށް ވަޑައިގަންނަވާނެކަން،” މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ އެއީ އިލްމީ ބަހުސް ހިނގާ ތަނެއް ކަމަށާއި ޔުނިވާސިޓީތަކުގައި އިލްމީ ގޮތުން ވާހަކަ ދައްކަވާފައި ޕޮލިސީތައް ދިރާސާކޮށް އުޅޭ ކަމަށެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ މީޑިއާތަކަށް އަރައި އިސްތިހާރުވުމަށް ކުރާ ބަހުސްތައް ރައީސް ގަބޫލު ނުކުރައްވާ ކަމަށެވެ. މީޑިއާތަކުގެ ވަކިވަކި ބަހުސަށްވުރެ ރައީސް ސޯލިހު އިސްކަން ދެއްވަނީ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރުމަށް ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ ބަހުސްގައި ރައީސް ބައިވެރިވެވަޑައިނުގަންނައެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. މި އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.