އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައިދެނީ ގައުމިއްޔަތު ގެއްލުވާލަން: މުއިއްޒު

large_169195470736fyrE.jpg

ޑރ.މުއިއްޒު އިހަވަންދޫގައި ވާހަކަ ދައްކަވަނީ

އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމަކީ ދިވެހި ގައުމިއްޔަތު ގެއްލުވާލުމަށް ކުރާ ކަމެއް ކަމަށް ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އިހަވަންދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އިސްލާމް ދީނާއި ދިވެހި ބަހަކީ ގައުމިއްޔަތާ އެންމެ ބޮޑަށް ގުޅިފައިވާ ދެ އަސާސް ކަމަށެވެ. ގައުމުގެ މުސްތަގުބަލާއި މިނިވަންކަން ސަލާމަތް ކުރަން ބޭނުންވާނަމަ އިސްލާމް ދީނާއި ދިވެހި ބަސް ހިމާޔަތް ކުރަންޖެހޭނެ ކަމުގައި ވިދާޅުވި އެވެ.

މުއިއްޒު ވަނީ ދިވެހި ގައުމިއްޔަތު ދިރުވާ އާލާކޮށް ރައްކާތެރިކުރަން ބޭނުންވާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމަށް ނިމުން ގެންނަން ޖެހޭ ކަމަށެވެ.

ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހޯދައިދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

އެމްޑީޕީގެ އެސިޔާސަތުގައި ބުނެފައި ވަނީ އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވަން ބޭނުންވާ ކުދިންނަށް ސްކޫލް ނިޒާމުގެ ތެރެއިން އު ފުރުސަތު ހޯދައިދިނުމަކީ ރިޔާސީ ވައުދެއް ކަމަށެވެ. އޭގެ އިތުރުން ކުދިންނާ ރަހްމަތްތެރިކޮށް އިސްލާމް މާއްދާގައި ކިޔަވައިދޭ ބައިތަކާއި، ކިޔަވައިދޭ ގޮތްތަކާއި، ކިޔަވައިދޭން ބޭނުންކުރާ އުކުޅުތައް މުރާޖާކޮށް، ޓީޗަރުންގެ ތަމްރީނުގައި މިބައިތައް ހިމަނަން ވެސް އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ ވައުދު ވެފައެވެ.

”ދިވެހި ބަހުގެ ބަދަލުގައި އިސްލާމް މާއްދާ އާއި މި ހުރިހާ އެއްޗެހި ކިޔަވަދޭން އުޅޭ ވާހަކަ، އެހެންވީމަ އަޅުގަނޑުމެންގެ ގައުމިއްޔަތު ގެއްލުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި“. ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ ގައުމު ސަލާމަތް ކުރައްވަން ބޭނުންވާނަމަ ދިވެހި ރައްޔިތުން ތެދުވާން ޖެހޭ ކަމަށާއި ގައުމިއްޔަތު އިސްކޮށް، އިސްލާމް ދީނާއި، ދިވެހި ބަސް ހިމާޔަތްކޮށްގެން ނޫނީ ގައުމުގެ މުސްތަގުބަލު ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އަދި މި ގައުމަށް ވަމުންދާ ގޮތް ފެންނަމުންދާ ކަމަށާއި، މިނިވަން ކަމަށް ބުރޫ އަރާފައިވާ ވަރު އިންތިހާ އަށް ފެނިގެންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ދިވެހި ގައުމުގެ މިނިވަންކަމާއި ގައުމިއްޔަތު ހިމާޔަތް ކުރަން އެދޭނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ދޭން ޖެހެނީ ޕީޕީއެމް އަށް ކަމަށެވެ. ސަބަބެއްގެ ގޮތުގައި މުއިއްޒު ވިދާޅުވީ ޕީޕީއެމް ނޫނީ މިނިވަންކަމާއި ގައުމިއްޔަތު ހިމާޔަތްކޮށްދޭނެ ޕާޓީއެއް ނެތުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top