ފައްޔާޒް ވިދާޅުވަނީ ގޭގައި ކުރާ މަސައްކަތުންވެސް ޓެކްސް ނަގަން ޖެހޭ ކަމަށް!

large_1581424998546fNv.jpg

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް

އާމްދަނީ ހޯދަން އަމިއްލަ ގޭގައި ކުރާ މަސައްކަތުންވެސް ޓެކްސް ނަގަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ މި ސަރުކާރަށް ދެ އަހަރު ފުރުމާއި ދިމާކޮށް ސަންގު ޓީވީ އިން ގެނެސްދިން ޚާއްސަ ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން، ރާއްޖޭގެ އާބާދީގެ ގިނަ ބައެއްގެ އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރަމުން އަންނާތީ، ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ގޭގައި ތިބެގެން މަސައްކަތްކޮށް، އާމްދަނީ ހޯދަމުންނެވެ.

ނަމަވެސް ގޭގައި ތިބެ މަސައްކަތްކުރާ ފަރާތްތަކުގެ ސަބަބުން ކެފޭ، ހޮޓާ، ރެސްޓޯރަންޓުތަކުގެ ވިޔަފާރިއަށް އަސަރުކުރާ ކަމަށާއި، އަދި ގޭގައި ތިބެގެން ވިޔަފާރިކުރާ ފަރާތްތަކުން ޓެކްސް ދައްކަން ނުޖެހޭކަމަށް ބުނެ ޝަކުވާތައް އިތުރުވެގެން ދިޔަ އެވެ.

މިނިސްޓަރު ފައްޔާޒް އެކަން ސިފަކުރެއްވީ “ކުދި ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކާ” ދެމެދު އޮތް މައްސަލައެއްގެ ގޮތުގަ އެވެ.

ނަމަވެސް އާންމުނަށް ބޮޑަށް ފެންނާނެހެން، ތަނެއް ހުޅުވައިގެން ވިޔަފާރިކުރުމަކީ އެބައެއްގެ އަމިއްލަ ނިންމުމެއް ކަމަށާއި، އެހެންކަމުން ތަނަށް ކުލި ދައްކަން ޖެހުމުގެ ޝަކުވާއަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“އަޅުގަނޑުމެންގެ ބޭނުމަކީ ހޯމް ބޭސްޑް ވޯކާޒް އަށް ވެސް ޖާގަ ދީގެން އެކަމަކު އެބޭފުޅުން ވެސް ޓެކްސް ދައްކަވަން ޖެހޭނެ. ލިބޭ ޖާގައިގެ ތެރެއިން ޓެކްސް ދައްކަވަން ވާނެ.” މިނިސްޓަރު ވިދާޅުވި އެވެ.

އެއްވެސް ފަރާތަކުން ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭނަމަ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާއި ކަމާގުޅޭ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ނެގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގައިފަ އެވެ.

“އާންމު ރައްޔިތުންގެ ސިއްހަތު ރައްކާތެރި ކުރަން ޖެހޭނެ. ބަޔަކަށް ލިބޭ އާމްދަނީ އޭ ކިޔާފަ އާންމު ރައްޔިތުންގެ ސިއހްތަށް އަސަރުކުރާ ގޮތަކަށް ނުކުރެވޭނެ،” މިނިސްޓަރު ވިދާޅުވި އެވެ.

އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން، އަމިއްލަ ގޭގައި ނުވަތަ އެއްތަނުން އަނެއް ތަނަށް ގޮސް ފަންނީ ހިދުމަތެއް ނުވަތަ އެނޫންވެސް ހިދުމަތެއް ފޯރުކޮށްދިނުމަކީ، ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީކުރަން ނުޖެހޭ ފަދަ މަސައްކަތްތައް ކަމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top