އަނިޔާ ދިނުމުގައި ނަޝީދުވެސް ބައިވެރިވޭ: ރައީސް ޔާމީން

big_zZwx3CPNJFDvQwlWmi1WgQE4C.jpg

ދަ ޑިމޮކްރެޓްސްއާއެކު މަސައްކަތް ކުރަން ޕީޕީއެމުން އެއްބަސްވާތާ ހަފުތާއެއްގެ ތެރޭގައި، މަގުމައްޗަށް ނުކުމެގެންވިޔަސް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން ، ޔާމީން އެ މަނިކުފާނުގެ ވަކީލުން މެދުވެރިކުރައްވައި މިއަދު ރައްދު ދެއްވައިފިއެވެ.

ޔާމީން ޖަލުގައި ހުންނަވާތާ 1،000 ދުވަސް ހަމަވުމާ ގުޅިގެން ޕީޕީއެމް- ޕީއެންސީން މިއަދު ބޭއްވި ސައިކަލު ބުރު ނިންމާލުމަށްފަހު ޔާމީންގެ ގާނޫނީ އިސް ވަކީލު ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވަނީ ޔާމީންގެ މެސެޖެއް އިއްވައިފައެވެ.

ޖަމީލު ވިދާޅުވި ގޮތުގައި ދަ ޑިމޮކްރެޓްސްއިން ޖަހާ ސަކަރާތުގައި ޕީޕީއެމްގެ އެއްވެސް މެންބަރަކު ބައިވެރިނުވުމަށް ޔާމީން އިލްތިމާސް ކުރައްވައެވެ.

”ރައީސް ޔާމީން ގަބޫލުފުޅު ކުރައްވަނީ އެ މަނިކުފާނަށް މި އަނިޔާ ދިނުމުގައި އިސްކޮށް ހުންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށްވާ އިރު، ހަމަ އެއްވަރަކަށް ޖޭއެސްސީގެ ތެރެއިން ރައީސް ނަޝީދު މި އަނިޔާ ދިނުމުގައި ބައިވެރިވާކަން. އަދި އިމްރާން އަބްދުﷲ މި އަނިޔާ ދިނުމުގައި ބައިވެރިވާކަން،” ޖަމީލް ވިދާޅުވިއެވެ.

ގދ. ގައްދޫގައި ޑިމޮކްރެޓްސްއިން އިއްޔެ ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވީ، އިދިކޮޅު ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރުމުން ކަމަށާއި މިނިވަންވެފައި ނުވަނީ އެގޮތަށް އެބޭފުޅުން ބޭނުންވުމުން ކަމަށެވެ.

ރައީސް ނަޝީދު ގެންދަވަނީ، މިހާރު އޮތް ރައީސް ސޯލިހުގެ ވެރިކަން ބަދަލުކުރެވޭނީ، ޑިމޮކްރެޓްސް އާއި ޕީޕީއެމް ކޯލިޝަން އެކުގައި މަސައްކަތްކޮށްގެން ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ޑިމޮކްރެޓްސްގެ ބައެއް ބައްދަލުވުންތަކުގައި ޕީޕީއެމްގެ މެންބަރުން ބައިވެރިކޮށްގެން ޔާމީން މިނިވަންކުރުމަށްވެސް ނަޝީދު ގޮވާލައްވައިފައިވެއެވެ.

ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ދޮރު ބަންދުވިއިރު އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ ރޭހަށް މިހާރު ނެރެފައިވަނީ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top