އިންތިޚާބު ބޮއިކޮޓް ކުރަން ޕީޕީއެމް ސެނެޓުން ފާހެއް ނުވި!

large_156831409755eS3X.jpg

ޕީޕީއެމްގެ ލީޑާޝިޕުގެ ބައެއް ބޭފުޅުންނާ އެކު ޔާމީން --- ސަން ފޮޓޯ

އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެންގެވި ނަމަވެސް، އިންތިޚާބު ބޮއިކޮޓު ނުކުރާން ސެނެޓުން ނިންމައިފިއެވެ.

ޕީޕީއެމް/ޕީއެންސީ ސެނެޓް ބައްދަލުވުމުގައި ނެގި ވޯޓުގައި 67 މެމްބަރުން ވޯޓު ދެއްވީ އިންތިހާބު ބޮއިކޮޓް ކުރުމާ ދެކޮޅަށެވެ. ބޮއިކޮޓް ކުރަން ފެންނަ ކަމަށް 46 މެމްބަރުން ވޯޓު ދެއްވިއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްވި ލަފާފުޅާ ގުޅިގެން މަޝްވަރާ ކުރެއްވުމަށް ފަހު، އެމަނިކުފާނު މިނިވަން ކުރެވެން އަންނަނީ އިންތިހާބުގައި ވާދަކޮށްގެން ކަމަށް ފެންނާތީ އެގޮތަށް ލަފާ އަރުވަން ސެނެޓުން ނިންމާފައިވާ ކަމަށެވެ.

އަދި ޔާމީންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް ވެސް ސެނެޓް އެއްކޮށް އިއްތިފާގުވާ ކަމަށް ތޮލާލް ވިދާޅުވިއެވެ.

ސެނެޓް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެމްބަރުން ވެސް ވިދާޅުވެފައި ވަނީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އެކަތިގަނޑެއްގެ ގޮތުގައި ތިބެން ޖެހޭ ކަމަށެވެ. ވަކިވެގަތުމަކީ ވާދަވެރިންނަށް ލިބޭނެ ކުރިއެރުމަކާއި ކާމިޔާބީއެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވިއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޑެޕިއުޓީ ކެމްޕެއިން މެނޭޖަރު އަބްދުﷲ ނާޒިމް ވިދާޅުވީ ޑެޕިއުޓީ ކެމްޕެއިން މެނޭޖަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ދެ ޕާޓީގެ މެންބަރުންގެ އިހްސާސްތައް އަޑުއަހަމުންދާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ސިޔާސީ ބާރުވެރިކަން ހޯދުމަށްޓަކައި މިއަދު ކުރެވެން އޮތް ކަމަކީ އިންތިހާބަށް ނުކުމެ، ކާމިޔާބު ކުރުން ކަމަށެވެ.

ޕީޕީއެމް ސެނެޓްގެ ބައެއް އެހެން މެމްބަރުން ވިދާޅުވީ ރައީސް ޔާމީނަށް ސަލާމަތާއި ރައްކާތެރިކަން ގާއިމުކޮށްދެވޭނީ ޕީޕީއެމްގެ ވެރިކަމެއްގައި ކަމަށެވެ. އެ މެންބަރުން ވިދާޅުވީ އެހެން ބައެއްގެ ވެރިކަމުގައި ބޭނުން ވާނީ ޔާމީން ވެރިކަމުގައި ބާއްވަން ކަމަށެވެ.

ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމުގެ މަޝްވަރާ ޕީޕީއެމް/ޕީއެންސީގެ ސެނެޓްގައި ކުރިއަށް ދިޔައީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ހުންނެވި ޔާމީން ދެއްވި ލަފާފުޅަކާ ގުޅިގެންނެވެ. ޔާމީން ފޮނުއްވި ޖަލު ނޯޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ސެނެޓުން ބޭނުންވާ ނަމަ، ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމުގައި އެމަނިކުފާނުގެ މައްސަލައެއް ނެތް ކަމަށެވެ. އެ ނޯޓަކީ އެނގިފައިވާ ގޮތުގައި ޔާމީންގެ ކެންޑިޑެސީ މައްސަލައިގައި ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަށް ފަހު، އެމަނިކުފާނުގެ ވަކީލުންނާ ހަވާލު ކުރެއްވި ނޯޓެކެވެ.

ވަކީލުން އެގޮތަށް އެދިވަޑައިގެންނެވި އިރު، ޕީއެންސީން އޮތީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް މުއިއްޒު ކަނޑައަޅައިފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top