ކުނި ކޮތަޅެއް ހިފައިގެން އަތިރިމައްޗަށް ދިޔަ އަންހެނަކު އަހަރެން ފެނިގެން ބުންޏެވެ. ” މިދަނީ މިދިމާ އަތިރި މަތިން މޫދަށް އުކާލަން. ” އޭނާ އެހެން އެބުނީ އަހަންނަކީ ކާކުކަން ރަނގަޅަށް އެގިގެންނެވެ.
މިހާރު ޑަސްބިން އުކާލަން ޖެހެނީ އެހެން ތަނަކަށް ނޫންހޭ ބުނުމުން އޭނަ ދިން ޖަވާބު އެނގޭ ހެއްޔެވެ؟ “ޕީޕީއެމްގެ އެންމެ ނަގާ ކިޔާ މީހުންގެ އަނބިންވެސް ޑަސްބިން ކޮތަޅު އުކާލަނީ މިދިމާލުން މޫދަށް ކަމަށްވާނަމަ އަހަރެމެންނަށްވެސް އުކާލެވެންޖެހޭނެ” އެވެ.
އެއަންހެން މީހާ އެބުނި ވާހަކައަށް ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ. މީހަކު ގަވާއިދާ ޚިލާފު ކަމެއްކުރިޔަސް އެކަން ކުރަން ނުޖެހޭނެކަން އޭނާއަށް ވެސް އެނގެންޖެހޭނެތާއެވެ.
އޭދަފުށީގެ ހުޅަނގުކޮޅު އަންހެނަކު ބުނަނީ ކައުންސިލުގައި ތިބޭ މީހުން ގޮތެއްފޮތެއް ނުބަލާ ހިތަށް އެރިހާ ގޮތަކަށް އަމުރުތައް ނެރެގެން ހަދަން މިއުޅޭ އެއްޗެއް ނޭނގޭ ކަމުގައެވެ. މިހިސާބުން ކުނި ކޮތަޅު ހިފައިގެން އިރުމަތީކޮޅު ހިއްކި ބިމުގެ އެންމެ ދުރަށް ކޮންމެ ދުވަހަކު ދިއުމަކީ ކާކަށް ވާނެ ކަމެއް ހެއްޔެވެ؟ އެއަންހެންމީހާ އިތުރަށްބުނީ ރަށުކައުންސިލަކީ ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދޭ ބަޔަކަށް ވާއިރު މިކަހަލަ ހިކި އަމުރުކޮށްގެން މިއުޅެނީ ރައްޔިތުން ރުޅިއަރުވަން ނޫން ދެން އެހެން ކޮން ކަމެއް ކުރަންހެއްޔެވެ؟ އެމީހާ ބުނީ މިކަހަލަ އަމުރެއް ކުރާއިރު އެންމެ ކުޑަމިނުން ރައްޔިތުންނާ މަޝްވާރާ ކޮށްލަންވެސް އެމީހުންނަށް ނޭގުނު ކަމުގައެވެ. ނޫނީ ބާރުގަދަކަން ދައްކަން މަޝްވަރާ ނުކުރީކަމަށްވެސް ވެދާނެއެވެ.
މިކަމާބެހޭ ގޮތުން ޒުވާން އަންހެންކުއްޖަކު ބުނީ މިއުޅެނީ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅަން ކަމުގައެވެ.
” އެހެންޏަ މީދެން ބޮޑުވަރު. އެއިން ކައުންސިލަރަކުގެ އަނތްބަކު ނުވަތަ ކައުންސިލްގެ ރައީސާ އެންމެ ފަހަރަކުވެސް ޑަސްބިން ކޮތަޅު ހިފައިގެން އެހިސާބު ދުރަށް ގޮސް އުކާލަބަލަ! އޭރުން އެމީހުންނަށް ވެސް އެނގޭނެ މިއީ ކުރެވޭވަރުގެ ކަމެއް ނޫންކަން. އަހަރެމެން ބޭނުންވަނީ މި ޕެޓިޝަން ތައްޔާރުކުރުމަށްފަހު ރަށު ކައުންސިލަށް ހުށަހަޅައިގެން މިކަން ލުއި ގޮތަކަށް ހަމަޖެހޭނެގޮތެއްވުން. މިގޮތުން ހައްލުނުވިނަމަ ދެން އަޅަންޖެހޭ ފިޔަވަޅުވެސް އަޅާނަން. ” އެކުއްޖާ އެއްނޭވައިން ހުރިހާ ވާހަކައެއް އަމުނާލިއެވެ.
މި ދަންނަވާލީ ގޭގެއިން ޑަސްބިން ކޮތަޅު އުކާލުމަށް ރަށު ކައުންސިލުން ހެދި އާގަވާއިދު ދެކެ ނުރުހިފައި ތިބި ރައްޔިތުންގެ ތެރެއިން އެންމެ ތިން ހަތަރުމީހުންގެ ބަސްމަގު ހުރި ގޮތެވެ. އެކަމަކު މި ގަވާއިދު އެއީ ރަނގަޅު ދިރާސާއަކާއެކު ހަދާފައިވާ ގަވާއިދެއްކަމަށް އޭދަފުށީގެ މީހަކު ނުބުނާނެއެވެ.
މީގެކުރިން ކުނި އުކާލުމާ ޑަސްބިން ކޮތަޅު އުކާލުމަށް އޭދަފުށީގައި ދެގޮތަކަށް އަމަލު ކުރަމުންދިޔައެވެ. ކައުންސިލުން އަންގާފައިއޮންނަނީ ގޭގެ ޑަސްބިން ކޮތަޅުގައި ހުންނާނީ ބަދިގޭގެ ބާކީއާއި މަސްކަނޑާފައި ހުންނަ އެއްޗެތިކަމަށް ވާތީ އެތަކެތި މޫދަށް އަޅާލުމަށެވެ. މޫދަކީވެސް ގޮނޑެއްކަމަށްބަލައިގެންނެވެ. އެހެންނަމަވެސް މިހާރު އެގަވާއިދު ބަދަލުވީއެވެ. މިހާރު ޑަސްބިން އަޅާލަން ޖެހެނީ ކުނި ކޮށްޓާއި ދިމާލުން މޫދާވީފަޅިގައިި ބަހައްޓާފައި ހުންނަ ބޮޑެތި ޑަސްބިން ތަކަށެވެ.
އުސޫލެއްގެ ގޮތުން ބަލާއިރު އެއީ ރަނގަޅުކަމަކަށް ވެދާނެއެވެ. އެއީ އެތަކެތި ދެން ބަދަލުވާނީ ގަސްކާނާއަށް ކަމުގައި ވާތީއެވެ. ސަރުކާރުން އެކަން ކުރަން ބޭނުންވެގެން ރާއްޖެއިން ބޭރުން ޓްރޭނިންގ ކޮށްފައިތިބި ކައުންސިލަރުންވެސް އެބަތިބިއްޔާއެވެ. އެހެންނަމަވެސް ކަންތައް ކުރަމުން އަންނަނީ ހީކުރި ގޮތަކަށްނޫނެވެ.
“ކައުންސިލުން މިހަދާގޮތަކީ އެ ޑަސްބިންތައް ފުރުމުން އެތަކެތި ބޭރުކޮށްލަނީ މޫދަށް. އެހެންވީމާ ގެއާ ކައިރި ހިސާބަކަށް ޑަސްބިން ކޮތަޅު މޫދަށް އަޅާލުމާ ކުނިކޮށީގެ ކައިރިން އުކާލުމާ ތަފާތަކީ ކޮބާ ؟ ” އެހެން އަންހެނަކު ކައުންސިލަށް ފާޑުކިޔަމުން ބުންޏެވެ.
އެއީ ތެދަކަށްވާނަމަ އެމީހާ ބުނި ފަދައިން ގޭގެ ކައިރި ހިސާބަކުން މޫދަށް އަޅާލުމަކީ މައްސަލައެއް ނޫންތާއެވެ.. ފަސޭހަގޮތް ފަސޭހަތާއެވެ!
މިކަން ހިނގަނީ އެއަންހެންމީހާ ބުނިގޮތަށްތޯ ކައުންސިލް މެންބަރު ރިޒާ އަށް ދެންނެވުމުން މިކަމަކާ ދެކޮޅެއް ނުހަދައެވެ. އޭނާވެސް ވިދާޅުވީ ގޭގެއިން އުކާލާ ޑަސްބިންކޮތަޅުތައް އަޅާފައި ހުންނަ ބޮޑެތި ޑަސްބިންތައް ކޮންމެ ދުވަހަކު ހަވީރު ސާފުކުރާކަމުގައެވެ. އެމަސައްކަތުގައި އެހެންއެއްވެސް ކައުންސިލަރެއްގެ ބައިވެރިވުމެއް ނޯންނަ ކަމަށާއި އެމަސައްކަތް ކުރަނީ އޭނާ އެކަނި ކަމުގައިވެސް ވިދާޅުވިއެވެ.
އެމަސައްކަތް ކުރާގޮތް އޭނާ ކިޔައިދެއްވި ގޮތަކީ މިއެވެ.
” ގޭގެއިން އަޅާފައި ހުންނަ ޑަސްބިންކޮތަޅުގައި ހުންނަނީ ބާކީވާ ކާތަކެއްޗާއި މަސްކަނޑާފައި ހުންނަ ބާކީއާއި ގޯތިތެރެ ކުނިކަހާފައި ނަގާ ފަތްފަދަ ތަކެތި. މާނައަކީ ކުނިވާ ޒާތުގެ އެއްޗިއްސާ ފަނާވާ ޒާތުގެ އެއްޗެތި . އެތަކެތި ވަކިކޮށްލާފައި ކުނިވާ ޒާތުގެ އެއްޗެތިތައް ފަޅުތެރެއަށް ނުވަތަ ކަނޑަށް އަޅާލަނީ .”
އޭނާ ދެން ވިދާޅުވީ އެގޮތް ބަދަލުކޮށް އަވަސް މުއްދަތެއްގެ ތެރޭގައި އެތަކެތިން ގަސްކާނާ ހެދުމުގެ މަސައްކަތް ފަށާނެކަމުގައެވެ.
މިއީ ކައުންސިލުން އަލަށް ދެއްކި ވާހަކަތަކެއް ނޫނެވެ. މީގެ އެތައް ދުވަހެއްގެ ކުރިންވެސް ދައްކަމުން އަންނަ ވާހަކަ ތަކެކެވެ. އަނެއްކާވެސް ކުނިން ގަސްކާނާ އުފައްދާ ވާހަކައާއި ޕިކަޕްހޯދާ ވާހަކަ ރިޕީޓް ކުރީއެވެ.
އަޅުގަނޑުގެ ވާހަކައަކީ ގޭގެ ޑަސްބިން ކޮތަޅު ރަށުގެ އެންމެ ދުރު ހިސާބަށް އަޅާލަން އަމުރު ކުރުމުގެ މާނައަކީ ކޮބާހެއްޔެވެ. އެއީ ރައްޔިތުންނަށް ކުރެވޭ ވަރުގެ ކަމެއް ކަމުގައިވާނަމަ މައްސަލައެއް ނެތެވެ. ނުވަތަ އެ ކުނިތަކުން ގަސްކާނާ ހަދާ ނަމަވެސް މައްސަލައެއްނެތެވެ. މިއީކިހާ ހެއްވާކަމެއް ހެއްޔެވެ؟
ރަށުކައުންސިލުގެ ފަރާތުން އެނޫން ތަނަކަށް ކުނިއެޅުމަކީ މަނާކަމެކޭ އެކަން ކޮށްފިނަމަ ކުށްވެރިވާނެއޭ ބުނއ އިއުލާނުކުރިނަމަވެސް ރައްޔިތުންނަސް ނުކުރެވޭވަރުގެ އަމުރަށް ކިޔަމަންވާ މީހުން ވަރަށް މަދުވާނެކަން ކައުންސިލަރުންނަށް ނޭގޭ ކަމީ ހައިރާންވާން ޖެހޭ ކަމެކެވެ.
އެނގޭ ކަމަކީ ރަށުގެ އެއްބަޔަކު ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވަމުންދާ ކަމެވެ. އަނެއް ބަޔަކު ކުރިއެކޭވެސް އެއްގޮތަށް ކުނި ކޮތަޅު އުކާލަމުން ގެންދަނީ ކުރިންވެސް އެކަން ކުރަމުން އަންނަ ގޮތަށެވެ. އަނެއްބަޔަކު ކައުންސިލުން އެހެން އެންގީތީވެ އެކަމުގެ ރުޅިގަނޑުގައި ރަށް ފަސާދަކުރަމުން ދަނީއެވެ. އަނެއްބަޔަކު ގޭކައިރި ހިސާބު މޫދަށެވެ. އެންމެ ގިނައިން މިގޮތަށް ކަންތައް ކުރާތަން ފެންނަނީވެސް ކައުންސިލަރުގެ ރައީސާގެ އަވައްޓެރިންނެވެ.
މިކަން މިމަގުން ހިނގަމުން އައިނަމަވެސް ނަސީބަކުން އަަދި ރަށުތެރެއަށް ކުނިކޮތަޅު އުކާލާފައި ހުންނަތަނެއް ނުފެނެއެވެ. އެކަމަކު މިގޮތަށް ކުރާ އަމުރުތަކުގެ ސަބަބުން މިއީވެސް ވުން ދުރުކަމެއް ނޫނެވެ.
އޭދަފުށީ ކައުންސިލުން މިކަމާމެދު ދެވަނަ ވިސްނުމަކަށް ދިއުމަކީ ކުރަންވެއްޖެކަމެއްނޫންބާއެވެ؟ ރައްޔިތުންނަށް ފަސޭހަ ގޮތަކަށް ޑަސްބިން އުކާލުމާ ކުނިއުކާލުމުގެ ކަންތައް ހަމަޖެހިގެން ދިއުމަކީ ރަށުގެ އަންހެނުންގެ ވަރަށްބޮޑު އެދުމަކަށް ވާއިރު ރައްޔިތުން އެދޭގޮތަށް ޚިދުމަތްކުރަން ހުވާކޮށްގެން ތިބި ބަޔަކުނަމަ މި އަޑުއަހާކަށް ނުޖެހޭ ހެއްޔެވެ؟