ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ނުވަތަ ނުކުޅެދުންތެރިންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތް އަންނަ މަހުން ފެށިގެން ބޮޑު ކުރާނެކަަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރަައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ސަރުކާރުން ޕްލޭންކޮށްފައިވާ ގޮތަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ބޮޑު ވާނެ ކަމަށެވެ. ނަމަވެސް ބޮޑު ކުރަނީ ކިހާ ވަރަކަށް ކަމަށް އޭނާ ވިދާޅުނުވެ ވިދާޅުވީ އޭގެ ތަފްސީލު ފަހުން ހާމަ ކުރާނެ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރު ސަރުކާރުން ދެމުން އަންނަނީ 2000 ރުފިޔާއެވެ. އެ އަދަދު 5000 ރުފިޔާއަށް ބޮޑުކޮށްދިނުމަށް ބްލައިންޑު އެސޯސިއޭޝަނުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ހުށަހަޅުއްވާފައެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އެލެވަންސް ބޮޑުކޮށްދެއްވާނެ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރަައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ދާދި ފަހުން ޓީޗަރުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަވެސް ވަނީ ބޮޑުކޮށްދެއްވާފަ އެވެ.