ދަރިންނަށް ޚަރަދު ނުދޭ ބައްޕައެއްގެ މުސާރަ ކޯޓަށް ޖަމާކުރަން އަމުރުކޮށްފި

dsc-8287-1.jpg

ދަރިންނަށް ދޭންޖެހޭ ޖެހޭ ޚަރަދު ނުދޭ ބައްޕައެއްގެ މުސާރައިން، ދަރިންގެ ޚަރަދަށްވާ ފައިސާ ކޯޓަށް ދެއްކުމަށް ބައްޕަ ވަޒީފާ އަދާކުރާ އިދާރާގެ މައްޗަށް އުތުރުގެ ރަށެއްގެ ކޯޓުން އަމުރުކޮށްފިއެވެ.

އުތުރުގެ ރަށެއްގެ ކޯޓަކުން މިގޮތަށް ހުކުމް ކުރީ، ކައިވެނި ރޫޅުމަށްފަހު ދަރިންނަށް ޚަރަދު ނުކުރާ ބައްޕައެއްގެ އަތުން ޚަރަދު ހޯދުމަށް ކުދިންގެ މަންމަ ދައުވާ ކުރުމުންނެވެ.

މި މައްސަލައިގައި ހިމެނޭ ބައްޕައަކީ ސަރުކާރުގެ ވަޒީފާއެއްގައި އުޅޭ މީހަކަށްވެފައި އޭނާއަށް ގަވާއިދުން މުސާރަ ލިބެމުން ދިޔަ ނަމަވެސް ކުދިންނަށް ޚަރަދެއް ނުކުރެއެވެ. އެކަން ކޯޓުގެ ރެކޯޑްތަކުން އެނގޭ ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

ކުދިންގެ މަންމަ ދައުވާ ކުރީ މަންމަ އެކުދިންނަށް ކުރި ޚަރަދުތަކެއް ހޯދުމަށެވެ. އެ ފައިސާ އަހަރަކަށް ބަހާލައިގެން ދައްކަން ކޯޓުގައި ބައްޕަ އެއްބަސްވިޔަސް މަންމަ އެދިފައިވަނީ ގަވައިދުން ފައިސާ ނުދައްކާތީ ކުދިންގެ ބައްޕަގެ މުސާރައިން އެ ފައިސާ ނަގައިދިނުމަށެވެ. އެކަމަށް ދަރިންގެ ބައްޕަ އިންކާރު ކުރިއެވެ.

އެކަމާ ގުޅިގެން ކޯޓުން ބެލި ބެލުމުން ބައްޕައަކީ ސަރުކާރުގެ ވަޒީފާގައި އުޅޭ މީހެއް ކަމާއި ގަވައިދުން މުސާރަ ލިބެމުންދާތީ މައްސަލަ ބެއްލެވި މެޖިސްޓްރޭޓް ނިންމެވީ ކޯޓު މެދުވެރިކޮށް ކުދިންގެ މަންމައަށް ފައިސާ ނަގައިދިނުމަށް ބައްޕަގެ މުސާރައިން ކެނޑުމަށެވެ.

މި ގޮތަށް ނިންމައި މައްސަލަ ބެލި މެޖިސްޓްރޭޓް، ބައްޕަ ވަޒީފާ އަދާކުރަމުންދާ ސަރުކާރުގެ އިދާރާގެ މައްޗަށް އަމުރު ކުރީ ބައްޕަގެ މުސާރައިން ކުދިންގެ ޚަރަދަށްވާ ފައިސާ އާއި އަދި މަންމަ ކުރިން ކޮށްފައިވާ ޚަރަދުތަކުން ބައްޕަ ދައްކަން ޖެހޭ ފައިސާ، މުސާރައިން ކަނޑައި ކޯޓުގެ އެކައުންޓަށް ޖަމާކުރަމުން ގެންދާށެވެ.

މި މައްސަލައިގައި ހިމެނޭ މީހުންގެ ނަންތައް ހިމަނާފައިނުވަނީ ކުދިންގެ މަސްލަހަތު ރައްކާތެރިކުރުމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top