ތޮށިގަނޑުގެ މައްސަލާގައި ހޯގާޑްގެ ބަސް

revetment.jpg

އޭދަފުށީގައި ރިވެޓްމެންތްޖެހުމުގެ ދެވަނަފިޔަވަހީގެ މަސައްކަތް ހިނގަމުން ދަނީ. މިމަސައްކަޔް އެމްޓީ ހޯގާޑުން ކުރާ ގޮތާމެދު ރައްޔިތުން ހިތްހަމައެއް ނުޖެހޭ. ފޮޓޯ: އީޓީ

އޭދަފުށީގެ ވަށައިގެން ހިއްކާފައިވާ ސަރަހައްދުގައި ރިވެޓްމެންޓް ޖަހަމުން ގެންދާގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށް އެކަމުގެ ޝަކުވާއާއި އުދާސްތައް ރައްޔިތުންދަނީ ރަށުކައުންސިލަށް އޮއްސަމުންނެވެ. އެއީ އެކަން ވާނޭ ގޮތެވެ. ރައްޔިތުންގެ ބެލެނިވެރި ފަރާތަކީ އެއީއެވެ. ރަށުކައުންސިލްގެ ފަރާތުން ރައްޔިތުންނަށް މިކަމާބެހޭ މައުލޫމާތު ދިނުމުގައި ތެދަށް ވާހަކަދެއްކުމުގެ ބަދަލުގައި ނުވަތަ ކަން ހިނގަމުން އަންނަގޮތް ނޭގި ހިތަށް އައިހާ އެއްޗެއް ކިއުމުން މިހާރުމިކަންވަނީ ވާއެއްނުވާއެއް ނޭނގި ރައްޔިތުން ނުކުމެ މަސައްކަތް ހުއްޓުވާ ހިސާބަށް ގޮސްފައެވެ.

މައްސަލައަކީ ރިވެޓްމެންޓް ޖަހަމުން އަންނަގޮތާމެދު ހިތްހަމަ ނުޖެހުމެވެ. އެމަސައްކަތުގެ ފެންވަރު ދަށްވުމެވެ. މިމަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އޭދަފުށީގެ އުތުރު ހުޅަގުންފެށިގެން ނެރުގެ ފައިކަށްޓާހަމައަށް ބޮޑުހިލަޖެހުމުގެ މަސައްކަތްކޮށްފައިވާ ހެވީފޯސްގެމަސައްކަތުގެ ފެންވަރު ރަނގަޅުވެފައި ދެވަނަ ފިޔަވަހީގެދަށުން ހިލަޖެހުމަށް ހަވާލުކޮށްފައިވާ އެމްޓީ ހޯގާޑް ކުންފުނީގެ މަސައްކަތުގެ ފެންވަރުގައި ބޮޑުތަފާތެއް ހުރުމެވެ.

މިކަން މިގޮތަށް ހުރުމުން އެއީ ރައްޔިތުންނަށް ގަބޫލުކުރެވޭކަމަކަށް ނުވާތީ މިކަން ހިނގާގޮތް ސާފުކުރުމުގެ ބޭނުމުގައި ރަށުކައުންސިލުގައި އެދުމުން މިމައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމުގައި ރަށު ކައުންސިލުން ދައްކާވާހަކައިގާ އަބަދުވެސް ކުށްވެރިކޮށްފައިވަނީ ހޯގާޑް މީހުންނެވެ. އެ ކުންފުނިން ރިވެޓްމަންޓް ޖަހަމުން ގެންދަނީ ހައުސިންގ މިނިސްޓްރީއާދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމުގައިރަށުކައުންސިލުންވަނީ ރައްޔިތުންގެ ގާތުގައި އެތައްފަހަރަކު ބުނެފައެވެ.

މިކަމުގައި އޭދަފުށިވޮއިސް (އީވީ) ގަބޫލުކުރަނީ އެއްފަރާތުން ދައްކާވާހަކަ އަޑުއަހައިގެން އެއީ ތެދުކަމުގައި ނިންމުމުގެ ބަދަލުގައި މިކަމުގެ ދެވަނަފަރާތްކަމުގައިވާ ހޯގާރޑުން ބުނާ އެއްޗެއް އަޑުއަހަން ޖެހޭނެކަމުގައެވެ. އެހެންކަމުން މިކަމާބެހޭ މައުލޫމާތުހޯދުމަށް ހޯގާޑް ކުންފުނީގެ ފަރާތުން އޭދަފުށީގައި ރިވެޓްމެންޓް ޖެހުމުގެ ޕްރޮޖެކްޓަށް އައްޔަންކޮށްފައިހުންނަ އިބްރާހީމް ޔޫސުފް (ޖޫނިއާ ) އާ އީވީ އިން ބައްދަލުކޮށްލުމުން މިކަމާބެހޭ މައުލޫމާތު އޭނާ އީވީއާ ހިއްސާ ކުރެއްވިއެވެ.

ޖޫނިއާ ވިދާޅުވީ އެއްވެސް ފަރާތަކުން އަސްލެއްނެތް ވާހަކަތަކެއް ދައްކައިގެން ރައްޔިތުން ހޫނުކުރަމުން ގެންދިއުމަކީ ރަނގަޅު ގޮތެއް ނޫންކަމުގައެވެ. މުޅި ރައްޔިތުންގެ މަސްލަހަތު އޮތް މިކަހަލަ ކަމެއްގައި ވާހަކަ ދައްކަންޖެހޭނީ ހަގީގަތާ އެއްގޮތަށް ކަމުގައެވެ.

” މިކުންފުނިން މަސައްކަތް ކުރަމުން މިގެންދަނީ ހައުސިން މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް. އޭގައި ނޯންނާނެ މައްސަލައެއް. ރިވެޓްމެންޓްޖަހަމުންދަނީ މިނިސްޓްރީން އެޕްރޫވްކޮށްފައިވާ ކުރެހުމާ އެއްގޮތަށް. ކަނޑައަޅާފައިވާ މިންގަނޑުތަކާވެސް އެއްގޮތަށް. އެކަމަކު އަޅުގަނޑުމެން މިހަދާ ތޮށިގަނޑުގެ ސައިޒާ ކުރިން މި ރަށުގައި މަސައްކަތް ކުރި ހެވީފޯސް ކުންފުނީގެ ސައިޒާ މިންތައް ތަފާތުވެދާނެ. އެއީ އަޅުގަނޑުމެންގެ މައްސަލައެއްނޫން. ” ޖޫނިއާ ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް ދީފައިވާ ކުރެހުމުގައިވާގޮތަށް އެމިންތަކުގައި މަސައްކަތްކުރަމުން މިދަނީ. ރައްޔިތުން އަޅާކިޔަނީ ހެވީފޯސް ކުންފުނިން ކޮށްފައިހުރި މަސައްކަތާ ހޯގާޑްގެ މަސައްކަތުގައި ހުރި ތަފާތު. ތެދެއް އެއީ. ތަފާތު އެބަހުރި. އެކަމަކު އެއީ އަޅުގަނޑުމެން ނަށް ދީފައިއޮތް ކުރެހުމުގައި އޮތްގޮތް ކަމަށް ވަންޏާ އޭގައި ދެން އަޅުގަނޑުމެން ކުރާނެކަމެއް އެބައޮތްތޯ ” ޖޫނިއާ ސުއާލު އުފެއްދެވިއެވެ.

ޖޫނިއާ ވިދާޅުވީ ހެވީފޯސްކުންފުނިން ހަދާފައި ހުރި ތޮށިގަނޑުގެ ފެންވަރު ރަނގަޅުކަމުގައި ގަބޫލުކުރަން ޖެހޭކަމަށާއި އެކަމަކު އެމަސައްކަތް ފުުރިހަމަކަމުގައި ބެލެވޭ ގޮތަކީ އެމީހުންނާ ހައުސިންގ މިނިސްޓްރީއާދެމެދު އެއްބަސްވެފައިވާ ގޮތަށް އެމިންތަކުގައި މަސައްކަތްކުރުމުންނެވެ.

“އަސްލު ވެގެން މިއުޅޭ ގޮތަކީ ދެ ކުންފުނީގެ އެއްބަސްވުމުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރަން އެއްބަސްވެފައިވާ ގޮތް ތަފާތުވުމުން ދިމާވެގެން އުޅޭ ކަމެއް” ވާހަކަ ކުރުކޮށްލަމުން ޖޫނިއާ ވިދާޅުވިއެވެ.

ދެން ޖޫނިއާ ނެންގެވީ މިހާރު ތޮށިލަމުންދާ ހިސާބުން ދޯނި އެހެލުމަށް ބައެއް ދޫކުރުމަށްފަހު ކުރިއަށް ގެންދާ މައްސަލައެވެ. ވިދާޅުވީ އެއީ އޭދަފުށީ ކައުންސިލުން އަދި ހައުސިންގ މިނިސްޓްރީންވެސް އެދިގެން ގެނެސްފައިވާ ބަދަލެއްކަމުގައެވެ. ދޯނި އެހެލަންވެސް ތަނެއް ހުންނަން ޖެހޭނެކަމަށާއި އެހެންނަމަވެސް އެއީ އެކުންފުންޏާބެހޭ ކަމެއް ނޫންކަމުގައެވެ. އަދި އެއީ ވަގުތީ ގޮތުން ކޮށްފައި އޮތް ކަމެއްކަމުގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކުންފުނީގެ މަސައްކަތަކީ ހައުސިންމިނިސްޓްރީއާދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރެވެމުންދާ ކަމަކަށް ވާތީވެ އެ ކުންފުނިން މަޝްވަރާ ކުރަންޖެހޭނީ ވެސް މިނިސްޓްރީއާކަމުގައެވެ. އޭދަފުށީ ކައުންސިލާ ރަނގަޅު ގުޅުމެއް ގާއިމްކުރުމަށް ބޭނުންވާނަމަ އެންމެ ފުރަތަމަވެސް އަޅުގަނޑުމެންނާއެކު  އެއްބާރުލުން ދީގެން އުޅުނުނަމަ ކޮންމެ ކަމަކީވސް ހައްލުކުރެވޭނެކަމެއްކަމުގައި ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ މަސައްކަތް އެގްރީމަންޓާ ޚިލާފަށް ކުރާނަމަ އަޅުގަނޑުމެންގެ އިތުބާރު ގެއްލޭނެ.އެކން މި ކުންފުނިން ބޭނުމެއްނުވާނެ.  އެހެންވީމާ މަސައްކަތް ކުރަމުން މިދަނީ ކުރެވެން އޮތް އެންމެ ރަނގަޅަކަށް. ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުމެން ބޭނުންހާ ގޮތަކަށް މި މަސައްކަތް ކޮށްނިންމާލާފަ މިރަށުން ފުރައިގެން ނުދެވޭނެ.  އަޅަގަނޑުމެން މަސައްކަތް ނިންމާފައި ދާއިރު ދާނީ އެގްރިމެންޓްގައިވާ ގޮތަށް ، ކުރަންޖެހޭ ހުރިހާ ކަމެއް ރަނގަޅު ކޮށްފައި. މިކަން އަޅުގަނޑު މެންނަށް އެގި ތިބެގެން މަސައްކަތް ކުރަމުންދާއިރު އަޅުގަނޑުމެންނަކަށް އަމިއްލަ ގޮތެއް ނުހެދޭނެކަން ތިޔަ ބޭފުޅުންވެސް ގަބޫލުކުރައްވަންވާނެ. ”

ނިންމާލަމުން ޖޫނިއާ ވިދާޅުވީ ރިވެޓްމެންޓް ޖެހުމަށް ބޭނުންކުރާ މެޓީރިއަލްސް އަދި އެހެނިހެން ކަންކަމަކީ ލިއުމުން ވަރަށް ސާފުކޮށް އެއްބަސްވުމުގައިވާ މިންތަކުގައި އެސައިޒްގައި ބޭނުންކުރެވޭ ތަކެއްޗަށްވާތީ ދެން އެ ސައިޒްގައި ނުވަތަ އެމިންތަކާމެދު ހިތްހަމަ ނުޖެހޭނަމަ އެކަމާމެދު ވާހަކަދައްކަޏްޖެހޭނީ އެމްޓީ ހޯގާޑްއަކާ ނޫންކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top