މިދައުރު ނިމޭއިރު، ބނދަރު ނެތް އެއްވެސް ރަށެއް ނޯންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.
ރައީސް ސޯލިހު އެކަމުގެ ޔަގީންކަން ދެއްވީ މ.ވޭވަށުގައި ސަރުކާރުން ތަރައްގީކޮށްދެއްވި ބަނދަރު މިއަދު ހުޅުއްވައި ދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ އާބާދީގެ ތެރެއިން ކުދި އާބާދީ އޮތް ރަށްރަށަށް ދިމާވެފައިވާ މައްސަލަތައް ވޭވަށަށްވެސް ދިމާވެފައިވާ ކަމަށް ވިދާޅުވިއެވެ. ސަރުކާރުން ދެކުނީ އާބާދީ ކުޑަ ނަމަވެސް ރައްޔިތުންނަށް ބޭނުންވާނެ ޚިދުމަތްތަކެއް ހުންނާނެކަން ކަމަށާއި، އެހެންކަމުން ފެނާއި ނަރުދަމާއާއި، ސިއްހީ ޚިދުމަތް ރަށާއި އެ ސަރަހައްދުން ލިބޭނެ އިންތިޒާމް ގާއިމުކުރުމާއި، ތައުލީމް ފޯރުކޮށްދިނުން ފަދަ އަސާސީ މުހިންމު ޚިދުމަތްތައް ރައީސް ފާހަގަކުރެއްވިއެވެ.
ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއެކު ޖުމްލަ 115 މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، 38 ރަށުގެ މަސައްކަތް ނިންމާ ގިނަ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ.
މުލަކު އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް ސާލިހު ވޭވަށަށް ވަޑައިގަތީ މިއަދު ހެނދުނު އެވެ. އެ ރަށުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ.