ހައިކޯޓުގެ ދެގޮފި އުވާލައިފި

bded374b-50f6-4b76-8a53-4809b61a13c7.jpeg

ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ދެ ގޮފި އުވާލައިފިއެވެ.

މި ދެގޮފި އުވާލެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ބިލް މިއަދު ތަސްދީގު ކުރެއްވުމާއި ގުޅިގެންނެވެ.

ހައިކޯޓުގެ ގޮފިތައް އުފައްދާފައިވަނީ ކޯޓުތަކުގެ ގާނޫނުގެ 35 މައްދާގެ (ށ) އާއި އޭގެ ތިރިން ހުރި އަކުރުތަކުން ބާރު ލިބިގެންނެވެ. އެ މާއްދާގައި ބުނަނީ، ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދެއްގައި ހައިކޯޓުގެ ދެ ގޮފި ގާއިމުކޮށް އެ ސަރަހައްދުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފު ކުރެވޭނެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށެވެ.

މީގެ އިތުރުން، ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖައްސާނީ ހައިކޯޓަށް އައްޔަންކޮށްފައިވާ 11 ފަނޑިޔާރުންގެ ތެރެއިން ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުންގެ ނިސްބަތުން ކަމަށެވެ. އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން އެ ގޮފިތަކަށް ހައިކޯޓުގެ ފަނޑިޔާރުން ހަމަޖެއްސުމަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއް ކަމަށްވެސް ބުނެފައިވެއެވެ.

ހައިކޯޓުގެ ދެގޮފި އުފައްދައި، ފަނޑިޔާރުން އެގޮފިތަކަށް ބަދަލުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރެވެ. އޭގެ ފަހުން ރާއްޖޭގެ ދެ ސަރަހައްދު ކަމަށްވާ ހދ. ކުޅުދުއްފުށީގައި ހައިކޯޓުގެ އުތުރު ގޮފި އަދި އައްޑޫ ސީޓީގައި ހައިކޯޓުގެ ދެކުނު ގޮފި ގާއިމުކުރިއެވެ.

އޭގެ ތެރެއިން އުތުރު ގޮފީގައި ހިމެނޭ އަތޮޅުތަކަކީ ހއ، ހދ، ށ، ނ، ރ އަދި ބ. އަތޮޅެވެ. ދެކުނުގައި ހިމެނޭ އަތޮޅުތަކަކީ ގއ، ގދ، ޏ، އަދި އައްޑޫ ސިޓީއެވެ.

މިގާނޫނަށް ގެނައި މައިގަނޑު އިސްލާހަކީ، ހައިކޯޓުގެ ފަނޑިޔާރުން ގާއިމްވެ ތިބޭނީ މާލޭގައި ކަމަށް ކަނޑައެޅުމާއި، ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވާލައްވައި އެތަންތަނުން ކުރަމުން އައި މަސައްކަތްތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ބަދަލުކުރެއްވުމެވެ. އަދި ހައިކޯޓުގެ ގޮފިތަކުގެ މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންނަށް އެހެން ކޯޓުތަކުން ނުވަތަ ޝަރުއީ ދާއިރާގެ އެހެން އިދާރާއަކުން ވަޒީފާ ހަމަޖައްސައިދެއްވުމުގެ ޒިންމާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ހަވާލުކުރެއްވުން ހިމެނެއެވެ.

ފަހުން ވަނީ ހައިކޯޓުގެ ފަނޑިޔާރުން އެގޮފިތައް ހުންނަ ރަށްތަކުގައި ގާއިމުވެ ތިބުމުގެ ބަދަލުގައި މާލޭގައި މަސައްކަތް ކުރެއްވުމަށްފަހު ދުވަސްދުވަސް ކޮޅުން ގޮފިތަކަށް ޒިޔާރަތްކޮށް މައްސަލަތައް ބަލާ ގޮތަށް ވެސް ހަމަޖައްސާފައެވެ. ނަމަވެސް އެންމެ ފަހުން ގެނައި ބަދަލާއިއެކު އެއުސޫލު ވެސް އުވިގެން ދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top