ކުލުނު ބޯޓުގެ ދަތުރުތައް ސީދާ މާލެއާ އޭދަފުއްޓާ ދެމެދު ފަށައިފި

viber_image_2022-03-21_09-46-00-758.jpg

އޭދަފުއްޓާ މާލެއާ ދެމެދު ނާލުދަތުރު ކުރުމަށް “ކުލުނު ބޯޓް” ގެ ނަމުގައި އާ ބޯޓެއްގެ ދަތުރުތައް މިއަދު ފަށައިފިއެވެ.

ސަމޫމު އެންޓަރޕްރައިސަސް ކުންފުނީގެ މިބޯޓަކީ 72 ފޫޓްދިގު ބޯޓެކެވެ. ސަމޫމުގެ ފަރާތުން ވާހަކަ ދެއްކި އެކުންފުނީގެ އޮޕަރޭޝަން މެނޭޖަރ ހަސީބު ބުނީ ރޭ ބޯޓު މާލެ ފުރިއިރު، މާލެއިން އޭދަފުއްޓަށް މި ބޯޓު ދަތުރު ކުރާނީ ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި ދުވަހު ކަމަށެވެ. އޭނާ ބުނީ މިބޯޓުގެ ދަތުރުތައް އެހެން ބޯޓުތަކާ ތަފާތުވެފައި، ފަސޭހަވާނެ ކަމަށެވެ.

“މިބޯޓު ނުޖައްސާނެ ތުޅާދުއަކަށް، މާޅޮހަކަށް ކަމަދުއަކަށް. އަތޮޅުގެ އެހެން ރަށްރަށަކަށް ނުޖައްސާނެ. ސީދާ އޭދަފުށި މާލެ، މާލެ އޭދަފުށި. އޭދަފުށީގެ ވިޔަފާރިވެރިން ހާސްވާކަށް ނުޖެހޭނެ ދޮންކެޔޮގަނޑު ގެއްލިދާނެތީ، ކުކުޅު ކޭހުން އައިސް ކެނޑިދާނެތީ. އެޔަގީންކަން އޮންނާނެ ގައިމުވެސް”

ހަސީބު ބުނީ ވިޔަފާރިވެރިންނަށް ހާއްސަކޮށް ބޯޓްގެ އިންތިޒާމްތައް ފުރިހަމަ ކޮށްފައިވާނެ ކަމަށެވެ. ހާއްސަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރީ ފުރަތަމަ ދަތުރުގައި އޭދަފުށިން މާލެ ފޮނުވާ އެއްވެސް ދާގީނާއަކަށް އަގު ނުނަގާނެ ކަމަށެވެ.

“ފުރަތަމަ ދަތުރު ހަމަ ހިލޭ އޮންނާނީ. އެމީހަކު ބޭނުން ވަރަކަށް ފޮނުވަންވީ. ވިޔަފާރިވެރިންނަށް ބުނެލަން އޮތީ އައިސް ކުކުޅު، ކުރަނޑި، އައިސް ކްރީމް އެންމެ ރަނގަޅު ކޮލިޓީގައި ތާޒާ ކަމާއެކު ރަށާ ހަމައަށް ގެނެވޭނޭ. މުދާ ގެއްލިގެން އެކަމުގެ ޝަކުވާއެއް ކުރުމުގެ ޖާގައެއް ނޯންނާނެ. ޒިންމާނަގާނެ” ހަސީބު ބުންޏެވެ.

އޭދަފުއްޓާ، މާލެއާ ދެމެދު ނާލު ދަތުރުކުރާ ދެ ބޯޓް މިހާރުވެސް އޮޕަރޭޓް ކުރެއެވެ. އެއީ އަގޯޓާ އެކްސްޕްރެސް އާއި ނިޔާމަ ބޯޓެވެ. މި ދެބޯޓުންވެސް އަތޮޅުގެ ރަށްރަށަށް މުދާ އުފުލައެވެ. ހަސީބު ބުނީ ކުރިޔަށް އޮތްތަނުގައި އަތޮޅުގެ ރަށްރަށަށް ދަތުރުތައް ފުޅާކުރުމުގެ ވިސްނުންވެސް ގެންގުޅޭކަމަށެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު