ދާއިމީ ޕްރިންސިޕަލެއް ނެތް 53 ސްކޫލް. ތަމްރީނު ލިބިފައިވަނީ 75 ޕްރިންސިޕަލަށް

b_vJniii8csriJIDenOTL6khkKH.jpg

3 މާޗު 2022، ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލާޝިޕް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ޕްރިންސިޕަލަކަށް ނައިބު ރައީސް ފައިސަލް ނަސީމް ސްކޮލާޝިޕް ދެއްވަނީ --- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިވަގުތު ރާއްޖޭގައި ދާއިމީ ޕްރިންސިޕަލެއް ނެތް 53 ސްކޫލް އެބަހުރި ކަމަށާއި މި ދާއިރާގައި މަސައްކަތްކުރާ ޕްރިންސިޕަލުންގެ ތެރެއިން ތަމްރީނު ލިބިފައިވަނީ 75 ޕްރިންސިޕަލަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެމިނިސްޓްރީން އެކަން ހާމަ ކުރެއްވީ ސަރުކާރުގެ ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ހޯދުމުގެ އުއްމީދާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން މާސްޓާސްއަށް ކިޔެވުމަށް 20 ސްކޮލަޝިޕް ހަވާލު ކުރުމަށް ރޭ އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ގައެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ ހުރިހާ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ “ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލާޝިޕް ޕްރޮގްރާމް” އިފްތިތާހް ކޮށްދެއްވައި އެ ސްކޮލާޝިޕް ސްކީމުގެ ދަށުން 20 ޕްރިންސިޕަލުންނަށް ސްކޮލާޝިޕަށް ހޮވުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ސްކޮލާޝިޕްތަކަށް ހޮވުނު ބޭފުޅުން ކިޔެވުން ފެށުމަށް މިމަހު މެލޭޝިއާއަށް ދާނެ ކަމަށާއި އެ ބޭފުޅުން މެލޭޝިއާގެ ޔުނިވާސިޓީ އޮފް މަލާޔާއިން މާސްޓަސް އޮފް އެޑިއުކޭޝަނަލް މެނޭޖްމެންޓު ކޯސް ފުރިހަމަކުރުމަށްފަހު 2023 ވަނަ އަހަރުގެ އެޕްރީލް މަހުގެ ރާއްޖެ އައިސް ސްކޫލްތަކުގައި ޕްރިންސިޕަލުންގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

ތިން އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލާޝިޕް ޕްރޮގްރާމް” ނިމޭއިރު ސަރުކާރު ހިންގާ ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ހަމަވާނެ ކަމަށްވެސް އެމިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަނުން ބުނީ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޕްރިންސިޕަލުން ހޯދުމުގެ މަސައްކަތް އެކިފަހަރު އެކިގޮތްތަކަށް ކުރިނަމަވެސް ދެމެހެއްޓެނެވި އަދި ރޭވުންތެރިކަމާއެކު އެކަން ފަހުގެ ތާރީހެއްގައި ކުރެވިފައި ނެތް ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top