އިންޑިއާ ޓީޗަރުންނަށް ނުރައްކަލެއް ނެތް. ނުވެސް އޮންނާނެ: ޔާމީން

ޔާމިން.jpg

“އިންޑިއާ އައުޓް” ކެމްޕެއިނުގެ ސަބަބުން ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ކުރީގެ ރައީސް،  ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ޗެނަލް 13ގެ “އެންމެ ފުރަތަމަ ގައުމު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރޭ ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވަން މުޅި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަކު އެކަން ނުހުއްޓުވޭނެ ކަމަށެވެ.

ޔާމީން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ކެމްޕޭން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކުރެވިދާނެ ކަމަށާއި ނަމަވެސް އެގާނޫނު ފާސްކުރުމަށް ފަހު ވެރިކަން ކުރެވޭނީ ކުޑަދުވަސްކޮޅަކު ކަމަށެވެ. އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ކުރާ ކަމެއް ކަމަށާއި އެކަމާ ރާއްޖޭގެ ޝަރުއީ ކޯޓުތަކުންވެސް ދެކޮޅު ނުވާނެ ކަމަށް ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕެއިނުގެ ސަބަބުން ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރުންނާއި މަސައްކަތްތެރިންނަށް ނުރައްކާވާ ކަމަށް ސަރުކާރާ އެއްކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، އެންމެ ފުރަތަމަ އެމްޑީޕީގެ އިސްބޭފުޅުން ދެއްކެވި ވާހަކައަކީ މިކެމްޕޭންގެ ސަބަބުން އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ނުރައްކާ ވާނެ ވާހަކަ ކަމަށެވެ.

”އެވާހަކަ ނުހިނގި. ދެން ދެއްކީ ރާއްޖޭގައި އުޅޭ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނަށް ނުރައްކާ ވާނެއޭ. އެވާހަކަވެސް ނުހިނގި. އިންޑިއާ އައުޓް ކެމްޕޭނަށް ދެމަހަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރު ވެސް އެފަދަ ފަރާތަކަށް ނުރައްކަލެއް ކުރިމައްޗެއް ނުވޭ. އެފަރާތްތަކަށް ނުރައްކަލެއް ގެއްލުމެއް ދެންޏާ ދޭނީވެސް އެމްޑީޕީން. މިއީ މީގެ ކުރިން ވެސް އެމްޑީޕީން ކަންކޮށްފައި އޮތްގޮތް.” ރައީސް ޔާމީން ވިދާޅުވިއެވެ.

“އެމީހުންނަށް ނުރައްކާވާން ޖެހޭ އެއްވެސް ސަބަބެއް ނެތް. އެމީހުންނަށް ނުރައްކަލެއް ކުރަންޏާވެސް ކުރާނީ އެމްޑީޕީން. އިންޑިއާގެ މަދަނީ ފަރާތްތަކާ ދެކޮޅުވެރިކަމެއް އޮވެގެންނެއް ނޫނޭ. އަޅުގަނޑުމެން މިއުޅެނީ އިންޑިއާގެ މިލިޓަރީ މިތާ ތިބެގެން އެކަމާ ނުރުހިގެން. ދެގައުމުގެ ރައްޔިތުންގެ މަދަނީ ގުޅުން ރަނގަޅު،” ރައީސް ޔާމީން ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންޑިއާ އައުޓް ކެމްޕެއިން ފަދަ ސިޔާސީ ހަރަކާތްތަކުގެ ސަަބަބުން އިންޑިއާ ޓީޗަރުންގެ ސަލާމަތަށް ނުރައްކާވެ، ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެދެމުން އަންނަ ކަމަށެވެ. އަދި އިންޑިއާގެ ޓީޗަރުންނަށް ފުރައްސާރަކުރާ މައްސަލަތައް އިތުރުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ފަސް އަހަރުގެ ޖަލު ހުކުމުން ރައީސް ޔާމީން ސަލާމަތްވުމާއިއެކު އިންޑިއާ އައުޓް ކެމްޕޭން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ. އެމަނިކުފާނު ގެންދަވަނީ ބައެއް ރަށްރަށަށް ވެސް ވަޑައިގެން އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލާ ރެލީތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top